ކުޅިވަރު

ޕޮއިންޓަކުން ފަށަން ޖެހުނަސަ ހިތްހަމަޖެހޭ

މާލޭ ލީގް ދެ ވަނަ ބުރު ޕޮއިންޓަކުން ފަށަން ޖެހުނަސް ހިތްހަމަ ޖެހޭ ކަމަށް، ޓީސީ އާއި އީގަލްސްގެ ކޯޗުން ބުނެފި އެވެ.

ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި އެ ދެ ޓީމު ކުޅުނު މެޗު ފުރަތަމަ ހާފުގައި ހަމަ ނުޖެހުން ހިނގައި، ޓީސީގެ ޔާމީން އަށް ރެފްރީ ވަނީ ރަތް ކާޑު ދައްކާފަ އެވެ. ފުރަތަމަ ހަމަނުޖެހުން ހިނގީ ޔާމީން އާއި އީގަލްސްގެ އިބްރާހިމް މުބީން (މުއްކި) އާ ދެމެދު އެވެ. މެޗުގެ 37 ވަނަ މިނެޓްގައި ބޯޅަ ނެތިސް މުއްކި ވަނީ ޔާމީންއަށް ފައުލު ކޮށްފަ އެވެ. އަދި ޔާމީން އެކަށް ރިއެކްޓް ކުރުމުން ރެފްރީ ޒައީމު އަލީ ވަނީ ދެ ކުޅުންތެރިންނަށް ރީނދޫ ކާޑު ދައްކާފަ އެވެ.

އޭގެ ދެ މިނެޓް ފަހުން ޔާމީން ވަނީ މުއްކިއާ މެދު އަދަބާ ހިލާފު އަމަލެއް ހިންގާފަ އެވެ. އެކަމާ ގުޅިގެން ބަދަލު ރެފްރީ އާއި ލައިސްމަނާ ވާހަކަ ދެއްކުމަށް ފަހު ރެފްރީ ވަނީ ޔާމީން އަށް ރަތް ކާޑު ދައްކާފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި، އީގަލްސްއިން ވަނީ ޓީސީގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. އީގަލްސްއިން އުފެއްދި ހަމަލާއެއް ޓީސގެ ގޯލް ދަނޑިއަށްވެސް އަމާޒުވި އެވެ.އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުނަސް ދެ ވަނަ ހާފުގައި ޓީސީން ވަނީ މާ ރަނގަޅަށް ކުޅެފަ އެވެ.

އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ބުނީ މެޗަށް ނިކުތީ ޓީމުގެ ޑިފެންސަށް ބަދަލު ގެނެސްގެން ކަމަށެވެ. އެ ބަދަލު ތަކާއެކު އެ ކުޅުންތެރިންގެ މަސައްކަތްވެސް ރަނގަޅު ކަމަށް ތަޖުރިބާކާރު ކޯޗް ބުންޏެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑެތި ބަދަލުތަކަކާއެކީ ކުޅުނީ، އެހެންވީމަ ގާތްގަނޑކަށް ތިން ހަތަރު ބަދަލެއް އެބައުޅޭ މޭޖަ ބަދަލުތަކެއް، ހާއްސަކޮށް ފަހަތު ސެންޓްރަލް ދެ ޑިފެންޑަރުން ނުލާ މި ކުޅެން ޖެހުނީ، ދެން މެދުތެރެއިންވެސް [އަހްމަދު] ޒާދު ވެސް ނެތި ކުލެން ޖެހުނީ ވަރަށް މުހިންމު ތިން ކުޅުންތެރިން މަދުވެގެން ދިޔައީ، އެކަމަކު އެތަނެއް އެއްގޮތަކަށްވެސް ނުދެއްކި، މިއަދު އަލަށް އެރި ކުލުންތެރިން ވަރަށް ރަނގަޅަށް ޕާފޯމު ކުރިތަން ފެނިގެން ހިނގައްޖެ، މިސްޓޭކު ނެތޭ ބުންޏަސް ރަނގަޅު ވާނެ." މޯހަން ބުންޏެވެ.

އޭނާ ބުނީ ފުރަތަމަ ބުރުގައި އީގަލްސް ކޮޅަށް ވަން ގިނަ ގޯލްތައް ވަނީ އަމިއްލަ ބޮޑެތި މިސްޓޭކުތަކުން ކަމަށެވެ.

"މި ކަހަލަ އުނދަގޫ މެޗެއްގައި، އެއް ޕޮއިންޓުން ނިންމާލަން ޖެހުނަސް ރަނގަޅު،" ޓީސީގެ ކޯޗް ނިޒާމު ބުންޏެވެ. "މަސައްކަތް ކުރީ ބައިކޮޅަށް ލަނޑެއް ނުވަދެ ލިބޭ ކައުންޓަ އެޓޭކު ފުރުސަތުގައި ލަނޑު ޖެހޭތޯ، ވަރަށް ބައިވަރު ޗާންސްވެސް ލިބުނު، ކޮންވާޓް ނުކުރެވި ދިޔަތަން ފެނިގެން ދިޔައީ، އެއީ އެހާ ދިގު ޑިސްޓޭންސެއްގައި ދެ ކުޅުންތެރިން އެކަނި ކުރީގައި ވޯކު ކުރަމުން ދިޔައި، އެހެންވީމަ މުޅި މެޗަށް ބަލާއިރު ރަނގަޅު."