ބޮލީވުޑް

އޮމަރްތާ އަށް ހުރަސްއަޅަނީ އެވެންޖާސް: ހަންސަލް މެހެތާ

ހަންސަލް މެހެތާ ޑައިރެކްޓުކޮށް ގެނެސްދިން ފިލްމު "އޮމަރްތާ" ވަނީ މިދިޔަ ހުކުރު ދުވަހު ސިނަމާތަކުގައި ދައްކަން ފަށާފަ އެވެ. ޓެރަރިސްޓެއްގެ ހަޔާތުގެ މައްޗަށް ތައްޔާރުކޮށް ގެނެސްދިން މި ފިލްމަށް ހީކުރި ވަރުގެ ތަރުހީބެއް ލިބިފައެއް ނުވެ އެވެ.

ފިލްމުގެ ފެށުން ރަނގަޅު ނުވީ މިހާރު އިންޑިއާގެ ސިނަމާތަކުގައިވެސް ވަކި ހިތްޕާލާފައި އޮތް ހޮލީވުޑްގެ ފިލްމު "އެވެންޖާސް: އިންފިނިޓީ ވޯ" ގެ ސަބަބުން ކަމަށް ހަންސަލް ވަނީ ތުހުމަތުކޮށްފަ އެވެ.

"އެވެންޖާސް ދެއްކުމަށްޓަކައި ސިނަމާތަކުން އަހަރެމެންނަށް ފިލްމު ދެއްކުމަށް ދިނީ ސަކަރާތް ވަގުތުތަކެއް. މި ފިލްމު ޓާގެޓްކުރި އޯޑިއެންސްއަށް ފިލްމަށް އަންނަ ފަސޭހަވާނެ ވަގުތަކަށް ފިލްމު އެޅުވޭނެ ވަގުތެއް ނުލިބުން. އަދި ސެންސަރު ބޯޑުން ފިލްމުގެ ބައެއް ސެންސަރު ކުރީމަވެސް އޯޑިއެންސް ދަށްވެއްޖެ." ހަންސަލް ބުންޏެވެ.

މީގެ ކުރިން އިންޑިއަން އެކްސްޕްރެސްއަށް ދިން އިންޓަވިއުއްގައި ހަންސަލް ބުނީ ފިލްމަށް ރެކޯޑު އާމްދީއެއް ލިބުމަށްވުރެ ބޮޑަށް ބަލަނީ ފިލްމުގެ މަސައްކަތްކުރުމަށް ދިޔަ ހަރަދު ރިކަވާކުރެވޭތޯ އެވެ. ނަމަވެސް ފިލްމު ދެއްކުމަށް މިފަދަ ހުރަސްތަކެއް ހުރުމުން އެ އަދަދު ހަމަވާނެ ކަމާއިމެދު ޝައްކުވާކަމަށްވެސް އޭނާ ބުންޏެވެ.

"އޮމަރްތާ" ތައްޔާރުކުރީ ދިހަ ކަރޯޑުގެ ބަޖެޓަކުންނެވެ. ފިލްމު ސިނަމާތަކުގައި ދައްކަމުން އަންނަތާ މިއަދަށް ހަތަރު ދުވަސްވާއިރު އަދި ލިބިފައިވާނީ އެންމެ ކަރޯޑެއްގެ އާމްދަނީ އެވެ.

ރާޖްކުމާރް ރާއޯ ލީޑުން ފެނިގެންދާ އޮމަރްތާއަކީ ޕާކިސްތާން އަދި އިނގެރޭސިވިލާތަށް ނިސްބަތްވާ ދުނިޔޭގެ މަޝްހޫރު ޓެރަރިސްޓެއް ކަމަށްވާ އޮމަރް ޝެއިހް ސައީދުގެ ހަޔާތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

"އޮމަރްތާ"ގެ ޓްރެއިލާ.

އޮމަރް ޝެއިހްއަކީ އެމެރިކާގެ ނިއު ޔޯކުގައި ހުންނަ ޓުވިން ޓަވަރު ގޮއްވާލި ނުވަތަ ސެޕްޓެމްބަރު 11 ގެ ހަމަލާގެ ފަހަތުގައިވާ ޓެރަރިސްޓެވެ. އޭނާ ވަނީ 2002 ވަނަ ދަ ވޯލް ސްޓްރީޓް ޖާނަލްގެ ނޫސްވެރިޔާ ޑެނިއެލް ޕާލް ރަހީނުކޮށް މަރާވެސް ލާފަ އެވެ.

މުމްބާއީގައި 2008 ވަނަ އަހަރު ދިން ބޮމުގެ ހަމަލާގެ މޭސްތިރިއަކީވެސް އޮމަރް ޝެއިހް އެވެ. މީގެ އިތުރުންވެސް ބޮޑެތި ގިނަ ކުށްތަކެއް އޭނާ ވަނީ ކޮށްފައިވެ އެވެ. މީހުން މެރުމާއި ރާހީނުކުރުމުގެ ކުށުގައި އޭނާގެ މިހާރު ވަނީ އުމުރު ދުވަހަށް ޖަލަށް ލާފަ އެވެ. އޭނާގެ މައްޗަށް ވަނީ މަރުގެ ހުކުމްވެސް އިއްވާފަ އެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ނޫސްތަށް ކަމަށްވާ ހޮލީވުޑް ރިޕޯޓާއާއި ވެރައިޓީންވެސް ވަނީ މި ފިލްމަށް ތައުރީފުކޮށްފަ އެވެ.