ދިވެހި ސިނަމާ

"މާމުއީ"ގައި ހާއްސަ ފެނިލުމަކުން ވަޖީހު

ޑާކްރެއިން އެންޓަޓެއިންމަންޓުން އަންނަ އަހަރު ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ ކޮމެޑީ ފިލްމު "މާމުއި" ގައި ހާއްސަ ފެނިލުމަކުން ކުރީގެ މަޝްހޫރު ފިލްމީ ތަރި އިސްމާއިލް ވަޖީހު ފެނިގެންދާނެ އެވެ.

ވަޖީހު ފިލްމަކުން ފެނިގެންނުދާތާއި އެތަށް އަހަރެއް މިހާރު ވެފައިވާއިރު، މި ހަބަރު ވެގެންދާނީ އޭނާގެ ފޭނުންނަށް ވަރަށް އުފާވެރި ހަބަރަކަށެވެ. "މާމުއި"ގައި ވަޖީހު ފެނިގެންދާ މަންޒަރުތައް މިހާރު ވަނީ ޝޫޓުވެސްކޮށްފަ އެވެ.

މި ފިލްމުގައި ބޮޑު ކާސްޓެއް ހިމަނާފައިވުން ވެގެންދިޔައީވެސް ފޭނުންނަށް ހައިރާންކަމެއް ގެނުވި ކަމަކަށެވެ. ފިލްމު އިއުލާނުކުރި ދުވަހު ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) ބުނީ، "މާމުއި މިއީ ވަރަށް ތަފާތު ކޮމެޑީ ފިލްމަަކަށް ވާނެ،" ކަމަށެވެ.

ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ މިހާރު ކުރިއަށްދަނީ މި ފިލްމުގެ މައިގަނޑު ޝޫޓިން ފެށުމުގެ ކުރިން ނަގަންޖެހޭ ބައެއް މަންޒަރުތައް ނެގުމުގެ މަސައްކަތް ކަމަށެވެ. ފިލްމުގެ ބޮޑު ބައި ޝޫޓުކުރުމަށް ނިންމާފައި ވަނީ ރޯދައިގެ ފަހުންކަމަށް މޮގާ ބުންޏެވެ.

ފުރަތަމަ ފިލްމު އިއުލާނުކުރި އިރު ކާސްޓުންގެ ތެރޭގައި ހިމެނުނީ އިސްމާއީލް ޖުމައިހް، މަރިޔަމް މަޖުދާ، ނުޒުހަތު ޝުއައިބު، މަރިއްޔާ ތްރޭސާ، މުހައްމަދު ފައިސަލް، އަބްދުﷲ ޝާފިއު (ފުބޫ)، އާދަމް ރިޒްވީ، އައިމިނަތު ނޫރާ، އަދި އަހްމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އެވެ.

ފަހުން ކާސްޓަށް އިތުރުކުރި ތަރިންގެ ތެރޭގައި ކުޅަދާނަ ބަތާލާއި މަރިޔަމް އައްޒަ އާއި ޝީލާ ނަޖީބު، އަލީ ޝަޒްލީމް، އިބްރާހިމް އަމާން ހުސެން، މާރިއާ ތްރޭސާ، ހަމްދާން ފާރޫގް، އަހްމަދު ސުނީ އަދި އައިޝަތު ޔާދާ އެވެ.

އައިޝަތު ފުއާދު ތައުފީގުއާއި ޗިއްޕެ ސްކްރީންޕްލޭ ތައްޔާރުކުރި މި ފިލްމު ސިނަމާގައި ދައްކަން ފަށާނީ އަންނަ އަހަރު އޭޕްރީލް ފަހެއްގަ އެވެ.