ހަބަރު

ރާއްޖޭގައި މި ހިނގަނީ ނުރައްކާތެރި ކަންތައްތަކެއް: އުއްތަމަ ފަނޑިޔާރު

ސުޕްރީމް ކޯޓަށް ވަދެވަޑައިގެން ހުންނެވީ ވަގަށް ނޫން ކަމަށާއި ކޯޓަށް ވަޑައިގަންނަވަނީ އެމަނިކުފާނާއި ހަވާލުކޮށްފައިވާ ގާނޫނީ ވާޖިބުތައް އަދާ ކުރުމަށް ކަމަށާއި އެހެން ކަމުން އެމަނިކުފާނަކީ ކުށްވެރިއެއް ގޮތުގައި ނުހެދޭނެ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ލިޔެކިޔުންތައް ބަދަލު ކުރުމަށް ގާއިމުކޮށްފައިވާ ނެޓްވޯކް، ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ހިދުމަތް ފެބްރުއަރީ ހަތަރު ވަނަ ދުވަހާއި ފަސް ވަނަ ދުވަހު މެދުކަނޑާލައި ރައީސް އަބްދުﷲ ޔާމީން ފޮނުއްވި ސިޓީތަކެއް ބަލައިނުގަތް މައްސަލާގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް އުފުލާފައިވަނީ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ އެވެ. އެދައުވާގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލާފަ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ހުލާސާ ބަޔާން އިއްވުމަށް ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ހުލާސާ ބަޔާން އިއްްވާ ނިންމެވުމުން ކޮޅަށް ތެދުވެ ވަޑައިގެން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، މިހާރު ރާއްޖޭގައި ހިނގަމުން ދަނީ ވަރަށް ނުރައްކާތެރި ކަންތައްތަކެއް ކަމަށާއި އެކަމަކީ ގާނޫނު އަސާސީ ބަލިކަށިކޮށްލުމަށް ކުރަމުންދާ ކަމެއް ކަމަށެވެ.

އުއްތަމަ ފަނޑިޔާރުު ވިދާޅުވީ، ދައުލަތުން ދައުވާ ކުރަނީ ސ. މީދޫ، އަލިވާގޭ އަބްދުﷲ ސައީދު އާ ދެކޮޅަށް ކަމަށާއި ގާނޫނާ ހިލާފް އެއްވެސް ކަމެއް އެމަނިކުފާނު ކޮށްފައިނުވާނެ ކަމަށެވެ. އަދި ވިދާޅުވީ، މަސައްކަތް ކޮށްފައިވަނީ އުއްތަމަ ފަނޑިޔާރުގެ ހައިސިއްޔަތުން ކަމަށާއި ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރުގެ ހައިސިއްޔަތުން އަދާކުރަޖެހޭ ގާނޫނީ ޒިންމާތައް އަދާކުރުމަށް ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ސުލޫކީ މައްސަލައެއް ދިމާވެއްޖެ ނަމަ އެކަމެއް ބަލަން ޖެހޭނީ އެކޯޓަކުން ކަމަށާއި ކޮންމެ ފަނޑިޔާރެއްގެ މައްސަލައެއްވެސް ބައްލަވަނީ ސުޕްރީމް ކޯޓުން ކަމަށެވެ. އަދި އެ ކޯޓުން އަމަލު ކުރަނީ ގާނޫނުގައި އަންގާފައިވާ ގޮތުގެ މަތީން ކަމަށާއި އެހެން ކޯޓަކުން މިފަދަ މައްސަލައެއް ބެލުމުގެ އެއްވެސް ހައިސިއްޔަތެއް ނޯންނާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

"ކޯޓުގެ މައްސަލައެއް ނަމަ އެމައްސަލައެއް ބަލާނީ އެކޯޓަކުން، އެހެން ކޯޓަކުން ނޫން، ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ކަން ކުރަނީ މިގޮތަށް، އެކަމެއް ކުރާ ކޯޓަކުން އެމައްސަލަ ބަލަނީ، ޕްރޮސީޖާއެއްގައި ގޯހެއް އުޅޭނަމަ އެކަމެއް ބަލާނީ އެކޯޓަކުން، މިއީ ދުސްތޫރީ ނިޒާމް ބަލިކަށިކޮށްލައިން ހިންގާ ވަރަށް ނުރައްކާތެރި އަމަލެއް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދައުލަތަކީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް ކަމަށާއި އުއްތަމަ ފަނޑިޔާރަކީ ވަކި ނިޒާމެއް ކަމަށެވެ. އެހެން ކަމުން އުއްތަމަ ފަނޑިޔާރުގެ މައްސަލައެއް ދައުލަތަކުން ނުބެލޭނެ ކަމަށާއި ދައުލަތަކަށް އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުވާއެއް ނުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އުއްތަމަ ފަނޑީޔާރަކީ ވަކި ބާރެއް، ދައުލަތުން ކިހިނެއްތޯ ދައުވާ ކުރެވޭނީ، ދައުލަތަކުން އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުވާއެއް ނުކުރެވޭނެ، މި މައްސަލަ ހުށަހަޅާފައިވަނީ ޕީޖީން، ޕީޖީ އަކީ އުއްތަމަ ފަނޑިޔާރަށްވުރެ ކުޑަ ކުޑަ ބައެއް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގައި އުއްތަމަ ފަނޑިޔާރު ވާހަކަފުޅު ދެއްކެވިއިރު ވަރަށް ބޮޑަށް ކޯފާވެފައި ވާހަކަ ދައްކަވާފައި ވެއެވެ. އަދި ވާހަކަ ދައްކަމުން ގެންދިޔައިރު ތުރުތުރު އަޅާ މަންޒަރުވެސް ފެނުނެވެ. އުއްތަމަ ފަނޑިޔާރު ވާހަކަފުޅު ދައްކާނިންމެވިއިރު ހުރީ ވަރަށް ބޮޑަށް ނުތަނަވެސްވެ ހިތްޕުޅުހަމަނުޖެހިވަޑައިގެންފައިހުރިކަން އެމަނިކުފާނުގެ މޫނުމަތިން ފެނު ނެވެ. އިށީންދެ އިނދެވެސް ދޭތެރެއަކުން ވަނީ ދިފާއީ ވަކީލް ހިސާން ހުސެއިނާ އެކި ކަންކަމާއި ގުޅިގެން ވާހަކަފުޅު ދައްކަވާފަ އެވެ.

މިއަދުގެ ޝަރީއަތް ނިމުމަށްފަހު ކޯޓުން ނިކުމެވަޑައިގަންނަވަމުން ޝަރީއަތް އަޑުއެހުމަށް ތިއްބެވި ފަރާތްތަކަށް އިޝާރާތް ކުރައްވައި ވިދާޅުވީ، މި މައްސަލައަކީ ޖަވާބުދާރީވާން ޖެހޭނެ މައްސަލައެއް ވެސް ނޫން ކަމަށާއި މި މައްސަލައަށް ޖަވާބުދާރީ ވެވަޑައިގަތީ ގައުމަށްޓަކައި، ރައްޔިތުންނަށްޓަކައި ކަމަށެވެ.

މި މައްސަލާގައި ދެން އޮންނާނީ ހުކުމް އިއްވުމެވެ. ހުކުމް އިއްވުން މާދަމާ އޮންނާނެ ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ، އެންމެ ބޮޑު މުއްދަތަކަށް ހަތަރު މަހާއި 26 ދުވަހުގެ ޖަލު ހުކުމެއް އުއްތަމަ ފަނޑިޔާރުގެ މައްޗަށް އަންނާނެ އެވެ. އެ މަނިކުފާނުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްގައި މިހާރު ވެސް ޝަރީއަތް ހިންގަމުން އަންނަ އިރު އެ މައްސަލަތައް ނިމެންދެން އެމަނިކުފާނު ހުންނެވީ ހައްޔަރުކޮށްފަ އެވެ.