މަޝްހޫރު ވެޑިން ޕްލޭނިން ބްރޭންޑް "މެރީމީ" އިން މިހާރު ވަނީ އެ ބްރޭންޑުގެ ހިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ހާއްސަ ވެބްސައިޓެއް ލޯންޗުކޮށްފަ އެވެ. ވައިޓް ރޫމް ސްޓޫޑިއޯއިން ހިންގަމުން އަންނަ މެރީމީގެ މި ވެބްސައިޓް ލޯންޗުކޮށްދެއްވީ ވިލެޖް ގާޑަން ރެސްޓޯރެންޓުގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ކުރީގެ ޔޫތް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އެވެ.
މެރީމީގެ މި ވެބްސައިޓާއެކު ހިދުމަތް ހޯދަމުން އަންނަ މީހުނަށް ވަރަށް ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވައިޓް ރޫމްގެ މެނޭޖިން ޑިރެކްޓަރު، ނަސްރުﷲ ސާލިހު ވިދާޅުވި އެވެ.
"އެންމެ އުނދަގޫ ކަމަށް މި އޮންނަނީ ވެޑިން ޕްލޭންކުރުމަށް ބާއްވާ މީޓިންތައް ބޭއްވުން. ގިނަ ވަގުތު ދާ ކަމެއް ވީމަ ބައެއް ފަހަރު ބައެއް މީހުނަށް އާދެވޭ ގޮތް ނުވޭ. މި ވެބްސައިޓާއެކު އެމީހުނަށް ބޮޑު ލުޔެއް ލިބިގެންދާނެ." ނަސްރުﷲ ވިދާޅުވި އެވެ. "ގިނަ ފަހަރަށް މީޓިންއަށް އައުމަށް މި އުނދަގޫވަނީ ރަށްރަށުގައި ތިބޭ މީހުނަށް. އެމީހުނަށްވެސް މިހާރު ފަސޭހަވާނެ."
ވެޑިން ޕްލޭނުކުރުމަށް ބޭނުންވާ މީހުނަށް ހާއްސަ ފޯމެއް މިހާރު މި ވެބްސައިޓުން ލިބެން ހުންނާނެ އެވެ. އެ ފޯމުގައި ކައިވެނި ކުރާ ފަރާތުން ވެޑިން ޕްލޭނިންތައް ކުރިއަށް ގެންދަން ބޭނުންވާ ހުރިހާ ކަމެއް ތަފްސީލުތައް ލިޔެވޭނެ އެވެ. ޑެކަރޭޓުކުރުމަށް ބޭނުންވާ ގޮތާއި ވެޑިންގެ ތީމްއާއި ބަޖެޓާއި އަދި އެނޫން ހުރިހާ މައުލޫމާތެއްވެސް ހިމެނޭނެ އެވެ. މީޓިންއެއް ނުބާއްވާ ފޯމު މެދުވެރިކޮށް އެކަން މިހާރު ކޮށްލެވޭނެ އެވެ.
ކުއްޔަ ތަކެތި ގެންގޮސްގެން ވެޑިންތައް ބާއްވަން ބޭނުންވާ މީހުނަށްވެސް އެ ހިދުމަތް މެރީމީ އިން އަންނަނީ ދެމުންނެވެ. މި ވެސްބައިޓުން މެރީމީން ކުއްޔަ ދޫކުރާ ތަކެތީގެ ހުރިހާ ތަފްސީލެއް ލިބެން ހުންނާނެ އެވެ. ވެބްސައިޓް މެދުވެރިކޮށް ކުއްޔަށް ގެންދަން ބޭނުންވާ އެއްޗެހި ރިޒާވުކޮށް، ޕޭމަންޓުވެސް ދައްކާލެވޭނެ އެވެ.
މީގެ އިތުރުން މެރީމީން ދެމުން އަންނަ ވެޑިން ޕެކޭޖުތަކުގެ މައުލޫމާތުވެސް ތަފްސީލާއެކު ފަސޭހައިން ލިބެ ހުންނާނެ އެވެ. މެރީމީއިން ހަދާ އެކި ތީމްތަކުގެ ޑެކަރޭޝަންތަކުގެ ފޮޓޯ ގެލެރީތައްވެސް މި ވެބްސައިޓުގައި ހިމަނާފައިވެ އެވެ. އެ ފަރާތްތަކުން މެރީމީން ހޯދި ހިދުމަތާއި ގުޅޭގޮތުން ދީފައިވާ ރިވިއުސްތައްވެސް ސައިޓުން ބަލާލެވޭނެ އެވެ. މިވެބްސައިޓުގެ އެޑްރެހަކީ: http://marryme.whiteroom.mv