ރާއްޖެ ކުޅިވަރު

އެއްވަނަ މަގާމުގައި ނިއު ލީޑު ފުޅާކޮށްފި

May 7, 2018

އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގައި ނިއު ރޭޑިއަންޓާއި ކްލަބް ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗު 1-4 ނަތީޖާއަކުން ނިއު ކާމިޔާބުކޮށްފި އެވެ. މެޗުގައި ނިއު ރޭޑިއަންޓުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެލަނޑު ޖެހީ ކެޕްޓަން އަލީ އަޝްފާގް އެވެ.

މިމޮޅާއެކު ނިއު މިވަނީ ލީގު ތާވަލުގެ އެއްވަނަ މަގާމުގައި ތިން ޕޮއިންޓުގެ ލީޑެއް ނަގާފަ އެވެ. އަށް މެޗު ލިބުނު 19 ޕޮއިންޓާއެކު ނިއު އެއްވަނަ މަގާމުގައި އޮތްއިރު ދެވަނައިގައި އޮތީ މާޒިޔާ އެވެ. އެޓީމަށްވަނީ 16 ޕޮއިންޓް ލިބިފަ އެވެ. މިއަދުގެ މެޗުން ބަލިވި ގްރީން ސްޓްރީޓްސް އޮތީ އަށް ޕޮއިންޓާއެކު ހަވަނަ މަގާމުގަ އެވެ.

ނިއު ރޭޑިއަންޓުން މެޗުގެ ލީޑު ނެގީ ތިން ވަނަ މިނިޓުގަ އެވެ. މުހައްމަދު އުމޭރު ކުޅުނު ބޯޅަ އޭރިއާ ރޮނގުމަތިން ކޮންޓްރޯލް ކޮށްލުމަށްފަހު ދަގަނޑޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ތިރީ ކަނަށެވެ.

މެޗުގެ 19 ވަނަ މިނިޓުގައި ދަގަނޑޭ ނިއު ލީޑު އިތުރަށް ފުޅާކޮށް މެޗުގެ ނަތީޖާ 0-2 ބަދަލުކޮށްލި އެވެ. އަރިމަތިން އަކްރަމް އަބްދުލްގަނީ ނަގައިދިން ބާރު ހުރަސް ދަގަނޑޭ ގޯލްގެ ތެރެއަށް ވައްދާލި ބޮލުންނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިއުއަށް ތިން ގޯލްގެ ލީޑެއް ނަގައިދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. ދަގަނޑޭ ހުސްކޮށްލާފައި ކުޅުނު ބޯޅަ ހިފައިގެން ވަދެ ސެންޓޭ ތިރިތިރިން ފޮނުވާލު ހަމަލާ އަމާޒުވީ ގޯލްގެ ދުރު ކަނަށެވެ.

ދެވަނަ ހާފުގެ 54 ވަނަ މިނިޓުގައި ނިއުއަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. ސެންޓޭ ހުސްކޮށް ގްރީންގެ އޭރިއާ ތެރެއަށް ވަދެ ދަގަނޑޭއަށް ޖައްސާލި ބޯޅަ އޭނާއަށް ލިބޭވަރެއް ނުވި އެވެ. އޭގެ ފަހުން ގްރީންއަށް ގޯލު ޖަހަން ރަނގަޅު ދެފުރުސަތެއް ލިބުނެވެ.

މެޗުގެ 58 ވަނަ މިނިޓުގައި ރިލްވާން ވަހީދު (ރިލޭ) ފަހަތަށް ޖައްސާލި ބެކްޕާސް ކީޕަރު ފައިސަލް އަތުން ނެގުމާގުޅިގެން ރެފްރީ ވަނީ ނުސީދާ ހިލޭ ޖެހުމެއް ގްރީން ސްޓްރީޓްސްއަށް ދީފަ އެވެ. ނަމަވެސް ސޮބޮލް އިލިއާ ފޮނުވާލި ބޯޅައަށް ނިއުގެ ކުޅުންތެރިން ވަނީ ހުރަސްއަޅާފަ އެވެ.

ދެމިނިޓު ފަހުން އިލިއާއަށް އަނެއްކާވެސް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި އެވެ. އޭރިއާ ތެރެއިން އިލިއާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ.

ނިއުގެ ހަރަރުވަނަ ގޯލް މެޗުގެ 67 ވަނަ މިނިޓުގައި ޖެހީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. އޭގެ ފަހުން ދަގަނޑޭއަށް އިތުރު ގޯލްތަކެއް ޖެހާނެ ފުރުސަތުތަކެއް ލިބި ބޭކާރުވި އެވެ. މެޗުގެ 90 ވަނަ މިނިޓުގައި ގްރީންއަށް ގޯލެއް ޖަހައިދީ މެޗުގެ ނަތީޖާ 4-1 ބަދަލުކޮށްދިނީ ސޮބޮލް އިލިއާ އެވެ.