ބޮލީވުޑް

"ޝަމްޝޭރާ"ގައި ރަންބީރަކީ ފޭރޭ މީހެއް

ބޮލީވުޑްގެ އެންމެ ބޮޑު ޕްރޮޑަކްޝަން ހައުސްތަކުގެ ތެރޭގައި ހިމެނޭ، ޔަޝް ރާޖް ފިލްމްސް (ވައިއާރްއެފް) އިން މިހާރު ވަނީ އެ ޕްރޮޑަކްޝަންގެ އާ ފިލްމު އިއުލާނުކޮށްފަ އެވެ. "ޝަމްޝޭރާ" ގެ ނަންދީފައި މި ފިލްމުގެ ލީޑުން ފެނިގެންދާނީ ރަންބީރް ކަޕޫރް އެވެ.

މި ފިލްމުގައި ރަންބީރް ކުޅެނީ ފޭރޭ މީހެއްގެ ރޯލެވެ. މީގެ ކުރިން އޭނާ ކުޅެފައި ނުވާ ވަރުގެ ވަރުގަދަ އަދި ތަފާތު ރޯލަކުން މި ފިލްމުގައި ފެނިގެންދާނެ ކަމަށް އުއްމީދުކުރެވެ އެވެ.

އެކްޝަން އެޑްވެންޗާ މި ފިލްމު ޑައިރެކްޓުކުރަނީ ކަރަން މަލްހޯތްރާ އެވެ. ކަރަންއަކީ ރިތިކް ރޯޝަން ފެނިގެންދިޔަ ކާމިޔާބު ފިލްމު "އަގްނީޕާތް" ގެ ޑައިރެކްޓަރެވެ. އެ ފިލްމަކީ އެނާގެ ފުރަތަމަ ޑައިރެކްޝަންވެސްމެ އެވެ.

"ޝަމްޝޭރާ" ގެނެސްދޭކަން ވައިއާރްއެފް އިން ޓުވިޓާގައި އިއުލާނުކުރީ ހާއްސަ ޓީޒާ ވީޑިއޯއަކާއެކު އެވެ. ގާތްގަނޑަކަށް 45 ސިކުންތައް ދެމިގެންދާ އެ ޓީޒާގައި ފިލްމުގައި ރަންބީރް ހުންނާނެ ގޮތުގެ ހާއްސަ ފެނިލުމެއް ދައްކާލަ އެވެ.

"ވައިއާރްއެފް" އިން ކުރި ޓުވީޓް.

ފިލްމާއި ބެހޭގޮތުން ވާހަކަދައްކަމުން ރަންބީރް ބުނީ، "މި ފިލްމަކީ އަހަރެން އަބަދުވެސް ބޭނުންވި ކަހަލަ ފިލްމެއް. އަހަރެން ދެކެމުންއައި ގިނަ ހުވަފެންތަކެއް މި ފިލްމާއެކު ހާސިލުވާނެ. އަހަރެންގެ ހުނަރު އެންމެ ފުރިހަމަ ގޮތުގައި ދެއްކުމަށް ކަރަން މަސައްކަތްކުރާނެކަން ޔަގީން." ކަމަށެވެ.

މި ފިލްމުގެ ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތްތައް މިއަހަރު ފަހުކޮޅު ފަށާނެ އެވެ. ޝޫޓިންތައް އަންނަ އަހަރު މެދުތެރޭގައި ނިންމާލާނެ އެވެ.

ރަންބީރް މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ ޖޫން މަހު 29 ގައި ރިލީޒްކުރާ ސަންޖޭ ދަތްގެ ބަޔޮޕިކް ފިލްމު "ސަންޖޫ" އަށެވެ. މީގެ އިތުރުން އަންނަ އަހަރު އޮގަސްޓު 15 ގައި ރިލީޒްކުރަން ނިންމާފައިވާ އަޔަން މުކަރްޖީގެ ފިލްމު "ބްރަމަސްތްރާ" ގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.