ކުޅިވަރު

ފެހެންދޫ ދިވެހި ލީގަށް، ފަހަތުގައި އަނިލް

ބ. ފެހެންދޫ އަކީ ރާއްޖޭ މީހުން ދިރިއުޅޭ އެންމެ އާބަދީ މަދު ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. ކުޑަ އާބަދީއެއް އޮތަސް ވަރިހަމަ ތާ އެވެ. ބޮޑެތި އާބަދީތައް ހިމެނޭ ބޮޑެތި ރަށްރަށަށް ހާސިލު ނުވި ކަމެއް ފެހެންދޫއިން ހާސިލުކޮށްފި އެވެ. ރާއްޖޭގެ އެންމެ ޝަރަފުވެރި ލީގް ދިވެހި ޕްރިމިއާ ލީގުން ޖާގަ ހޯދުމުގެ ޝަރަފަކީ ކުޑަ ޝަރަފެއް ނޫނެވެ.

ހާއްސަކޮށް ފެހެންދޫ ކަހަލަ ކުޑަ އާބާދީއެއް އޮތް ރަށަކުން އެކަމަށް އިސްނަގައި، ދިވެހި ލީގްގެ ޖާގަ ހޯދުމަކީ ފާހަގަ ކުރަން ޖެހޭ ކަމެކެވެ. ފެހެންދޫ ދިވެހި ޕްރިމިއާ ލީގަށް ގެންގޮސް ދިނުމުގެ ފަހަތުގައި ހުރީ ޓީމުގެ ކޯޗް ކުރީގެ އެއް ވަނަ ޑިފެންޑަރު އިސްމާއީލް އަނިލް އެވެ. ބައެއް އެހެން ރަށްރަށުންވެސް ފުރުސަތު ލިބިފައި ވަނިކޮށް، ފެހެންދޫގެ ގޮނޑުދޮށަށް އަނިލްގެ ހިތް ލެއްގީ ކީއްވެގެން ހެއްޔެވެ.

"މުޅި ރަށުގެ އެއްބައި ވަންތަކަން،" އަނިލް ކިޔައިދިނެވެ. "ކުޑަ ރަށަކަސް މިއީ ފުޓްބޯޅައިގެ ހުނަރު އޮތް ރަށެއް، އެކަމުގައި ކުރިއަށްދާން ބޭނުންވާ ރަށެއް."

އަނިލްއަށް ފެހެންދޫގައި އޮތް ފުޓްބޯޅައިގެ ހުނަރު އެންމެ ފުރަތަމަ ފާހަގަވީ ބޮޑު އީދަށް އެރަށް ގޮސް ހުއްޓައެވެ. ދެހާސް ސޯޅަ ފެހެންދޫއިން ވަނީ އަވަށްޓެރި ގޮއިދޫ ބަލިކޮށް، އަތޮޅުގެ ރައްތަކަށް ހުޅުވާލައިގެން ބޭއްވި މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އަނިލްގެ ޝައުގުވެރިކަން ފެހެންދޫއަށް ދޫކޮށްލީ އެހިސާބުންނެވެ.

ދިވެހި ފުޓްބޯޅައިގެ ތާރީހްގައި އަނިލްގެ ވާހަކަ ފަނޑެއް ނުވާނެ އެވެ. އޭނަ އަކީ ވިކްޓަރީއަށް ގައުމީ ތަށި މިލުކުކޮށްދިން ކެޕްޓަނެވެ. އޭގެ ކުރިން 1992 ވަނަ އަހަރު ގައުމީ ފައިނަލު ކާމިޔާބު ކުރުމަށް ވާދަވެރި ނިއު ރޭޑިއަންޓުން ކުރި މަސައްކަތައް ހުރަސް އެޅީ އަނިލްއެވެ. އެ އަހަރުގެ ގައުމީ މުބާރާތް ވިކްޓަރީއަށް ހޯދައިދޭން ނިއު ކޮޅަށް ލަނޑު ޖެހީ އަނިލް އެވެ.

ފަހުން ކޯޗެއްގެ ގޮތުގައި ނިއުގައި މަސައްކަތް ކޮށް، 2014 ވަނަ އަހަރު ގައުމީ މުބާރާތް ނިއު އަށް މިލުކޮށް ދިން އިރު ޓީމަށް އިރުޝާދު ދޭން ނިއުގެ ބެންޗުގައި އަނިލްވެސް ހުއްޓެވެ. ފެހެންދޫ ގޮވައިގެން ދިވެހި ރާއްޖޭގެ އެންމެ މަތީ ފުޓްބޯޅައަށް އައުމަކީ އަނިލްއަށް ލިބުނު ހާއްސަ އުފަލެކެވެ. އެއީ އޭނާގެ ހިއްސާ ފެހެންދޫ ޓީމުގައި އޮވެގެން އެ ޓީމު ބިނާ ކުރެވުނީތީ އެވެ.

ފެހެންދޫގެ ނަމުގައި ތަމްސީލު ކުރި ނަމަވެސް، ފެހެންދޫ ތަމްސީލު ކުރަނީ ހަމައެކަނި އެ ރަށެއް ނޫނެވެ.

އެއް ފަޅެއްގައި އޮންނަ އެކުވެރި ގޮއިދުއަށް ނިސްބަތްވާ ކުޅުންތެރިންގެ ހިއްސާވެސް ފެހެންދޫ ޓީމުގައި އެބައޮތެވެ. ޓީމަށް ސަޕޯޓް ކުރަން ފެހެންދޫ އާއި ގޮއިދޫ ރައްޔިތުންވެސް ތިބޭނެ އެވެ. މީ އަނިލްއަށްވެސް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ.

އަނިލް ބުނީ ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ކުރި ތަޖުރިބާތަކާއި ދަސްވި ފިލާވަޅުތައް ފެހެންދޫ ޓީމު ބިނާ ކުރުމުގައިވެސް ހިމަނާފައި ވާނެ ކަމަށެވެ. ރާއްޖޭގެ އުފެދުނު އެންމެ މޮޅު ތިން ކޯޗުންގެ އިރުޝާދުގެ ދަށުން އަނިލް ވަނީ ކުޅެފަ އެވެ.

"ވިކްޓަރީގައި އަބްޖީ [އަބްދުލް ޖަލީލް]، މާއްޓޭ [މައުރޫފު އަހްމަދު]، [އަލީ] ސުޒޭން ގެ ކޯޗު ކަމުގެ ދަށުން އަޅުގަނޑު ކުޅުނިން، މީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރާއްޖޭގެ އުފެދުނު އެންމެ މޮޅު ތިން ކޯޗުން، މި މީހުންނާއެކު މަސައްކަތް ކުރެވުމުން ވަރަށް ގިނަ އެއްޗިހިތަކެއް ދަސްވި،" އަނިލް ބުންޏެވެ. "ފުޓްބޯޅައިގެ ރޭވުންތެރި ކަމުގެ އިތުރުން މޭން މެނޭޖްމެންޓްގައި މިއީ މި ތިން ކޯޗުންގެ ހުރި އެއްގޮތް ތިން ކޮލިޓީ، އަޅުގަނޑުވެސް ބަލަން އެމީހުންގެ ކިބައިން ދަސްވި ކަންކަން އަޅުގަނޑު މަސައްކަތް ކުރާ ޓީމެއްގައިވެސް އެޕްލައި ކުރަން."

އަނިލް ވަނީ ކޯޗިން އެޑިއުކޭޝަންގައި ޖަރުމަންނުން ޔޫއެފްއާ "ބީ" ލައިސެންސް ކޯސް ފުރުހަމަ ކޮށްފަ އެވެ.