ވާހަކަ

ބުނެދޭށޭރުހެމޭ

(6 މެއި 2018 އާ ގުޅޭ) -- "އާދޭ ކޮޓަރިއަށްދާން... މިތާ އަހަރެމެންނަށް ޕްރައިވެސީއެއްނެތް" އަރްސަލް އެ އަންހެންކުއްޖާގެ އުނަގަނޑުގައި ހިފާ ގާތަށް ދަމާލާފައި ބުނެލިއެވެ. އަދި ސޯފާތަކުން އެކަކަށް އިށީނދެވޭނޭހެން ހުރި ގޮނޑީގެ ލެނގޭބައިގައި އޮތް އަރްސަލްގެ ގަމީސް ނެގިއެވެ. ނިމްރާ އިސްޖަހާލި ވަގުތު އޭނާގެ ލޮލުން ފުރޮޅިގެން ކޯތާފަތުން ލާފައި ވޭނުންފުރިގެންވި ކަރުނަތިއްކެއް ވެއްޓުނީ އޭނާގެ އަމިއްލަ އިޚުތިޔާރުން ބޭރުގައެވެ. އަރްސަލްގެ ސަމާސާއާއެކު އެ އަންހެންކުއްޖާގެ ހުނުމުގެ އަޑު އިވިގެންދިޔަ ހިނދު ނިމްރާ ދެ ލޯ މަރާ ބާރުކޮށްލިއެވެ. ހަމައާއެކު ދެތުންފަތް ޖައްސާ ބާރުކޮށްލިއެވެ. އޭނާގެ ގާތުން ލާފައި އަރްސަލް އެ އަންހެންކުއްޖާ ގޮވައިގެން ދިޔައިރު ނިމްރާގެ ކޮނޑާ ދިމާއިން އަރްސަލް ޖެހިލާފައި ދިޔަ ގޮތް އިހުސާސް ވިއެވެ. އެ ބީހުމުން މިފަހަރަކު ނިމްރާގެ ހަށިގަނޑަށް ކަށިތަކެއް ހެރިގެން ދިޔަ ފަދައެވެ. އިތުރަށް ދެ ލޯ މަރާ ބާރުކޮށްލެވުނީ އަރްސަލްގެ ކޮޓަރީގެ ދޮރު ލައްޕާލި އަޑު އިވުމުންނެވެ.

މުއްކަވާލެވުނު ދެއަތްތިލައިގެ އިނގިލިތައް ހުޅުވާލެވުމާއެކު މީހާގެ ހަރުދަނޑިކަން ކެނޑެން ވަގުތުކޮޅެއް ނެގިއެވެ. ނަމަވެސް އެ ހަރުދަނޑިކަން ފިލައިގެން ދިޔަ ހިނދު ހިއްލާލެވުނު ވައަތްތިލަ ގެނެސް މޭގައި ނިމްރާއަށް ޖައްސާލެވުނެވެ. ފިއްތާލައިގެން ހުރި ދެ ތުންފަތް ވަގުތުން ހުޅުވި ވޭނީ އަޑެއް ނުކުތެވެ. އެއާއެކު ކަނާއަތް ގެނެސް އަނގަމަތީ އަޅާލާ އެނބުރި ކޮޓަރިއަށް އައުމަށް ނިމްރާ ހިނގައިގަތެވެ.

ދޮރު ލައްޕާލުމާއެކު ދޮރުފަތުގައި ނިމްރާއަށް ލެނގިލެވުނެވެ. ނޭވާލާން އުނދަގޫވަމުން ދިޔަ މީހަކު ފަދައިން ފުންނޭވާތަކެއް ލަމުން ހިތާ ދިމާގައި ޖައްސާލެވިފައިވި ވައަތްތިލައިން މެއަށް ބާރަށް ނިމްރާ އޮބާލިއެވެ. ކޮށި އަރާފަދަ ގޮތެއްވުމާއެކު ހިކި ކެއްސުމެއް ނިމްރާ ކެއްސާލިއެވެ. ދެން އިވުނީ ތުރުތުރެއް އެކުލެވިގެންދިޔަ އާހުގެ އަޑު ހުޅުވިފައި ހުރި ދެ ތުންފަތުގެ ދޭތެރެއިން ނުކުންނަން ފެށި އަޑެއެވެ. އެ އާހު ރުއިމަކަށް ބަދަލުވެގެން ދިޔައެވެ.

ރޭގެ ވަގުތު ކަޑަތުވަމުންދިޔައިރު ނިމްރާއަށް ވަރަށް ރޮވުނެވެ. ގިސްލަމުންދިޔައިރު މުޅި މީހާ ރޫޅިފައިވާ ކަހަލައެވެ. އަރްސަލްއަށް ޓަކައި އެ މޭގައިވި ހިތް ހުޅުވުނީ އެ ހިތުގައިވި ފާރުތައް ލަކުނަށްވާން ކައިރިވެފައި ވަނިކޮށެވެ. އެހެންނަމަވެސް މިހާރު އެ ފާރުތައް އަލުން އަނެއްކާ ތާޒާވެއްޖެއެވެ. އެ ފާރުތައް ފަސޭހަކޮށްދިނުމުގެ ބަދަލުގައި އެއްވެސް ރަޙުމެއްނެތި އެ ހިތް އަލުން ޒަޚަމްކޮއްލައިފިއެވެ. އިރައި ކުދިކުދި ކޮއްފިއެވެ. ނިމްރާ މަޑުމަޑުން އައިސް އެނދުގައި އޮށޯތެވެ. ހިފެހެއްޓުމެއްނެތް ކަރުނައިން އޭނާ އަލުން ނަފްސު ހަމައަކަށް އެޅުވިއެވެ. ވަކިވެފައިވި ހިތުގެ އެތިކޮޅުތައް ގެނެސް އޮހެމުންދިޔަ ކަރުނައިގެ ހޫނުކަމުގައި އެކަތި އަނެކަތި ކޮޅާ ގުޅުވަމުންނެވެ. މުޅިން ހަމަޖެހުނުއިރު ދެ ލޮލުން ކަރުނަ ހުސްވެފައިވި ކަހަލައެވެ. މަޑުމަޑުން އެނދުން ތެދުވެގެން ނިމްރާ ވަނީ ފާޚާނާއަށެވެ. ފިނިފެންތިކިތައް ހަށިގަނޑުގައި ޖެހުމާއެކު މީހާ ތުރުތުރު އަޅާލިއެވެ. ނަމަވެސް އެ ފިނީގައި އޭނާގެ އިހުސާސްތައް ގަނޑުވަމުންދިޔައެވެ. ތުރުތުރު އަޅަމުންދިޔަ އިރު ވެސް އޭނާ ފެންމާގަނޑު ދަށުގައި އެތައް އިރެއްވާންދެން ހުއްޓެވެ. ލިބުނު ޒަޚަމްގައި އޮހުނު ލޭކަރުނައިގެ އަސަރު އެއްކޮށް ފިލުވާލަން ބޭނުންވެފައި ހުރި ފަދައިންނެވެ. ފާޚާނާއިން ނުކުންއިރު ނިމްރާގެ ދެ ލޮލުގައިވި ރަތްކަން ފިޔަވާ ރުއިމުގެ އަސަރެއް ނެތެވެ.

އަލަމާރި ތެރެއިން ނެގި ހެދުން ނިމްރާ ލުމަށްފަހު އޭނާ ފޮރުވާފައި އޮތް ރިހިކުލައިގެ ފަށް ނެގިއެވެ. އެ ހިފައިގެން އައިސް ލޯގަނޑު ކުރިމަތީ ނިމްރާ ހުއްޓެވެ. ކަރުގައި އެ ފަށް އެޅުމާއެކު ލޯގަނޑުން ބަލާލިއެވެ.

"ނެވާ ފޮގެޓް... ނެވާ ފޮގެޓް އަގައިން" ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަން ހުރެ ނިމްރާ މަޑުމަޑުން ބުނެލިއެވެ. އަމިއްލަ ހިތަށް ވިސްނައިދިން ފަދައެވެ. މީހަކަށް އެ ފަށް ނުފެންނާނޭހެން ގަމީހުގެ އެތެރެއަށް ނިމްރާ އެ ފަށް ލިއެވެ. އަދި މޭމަތިން ނާޅުވާ ހުރި ދެ ގޮއް އަޅުވާލާ ނިވާކޮށްލިއެވެ. އަމިއްލަ ސޫރައަށް ބަލަން ހުރެ ނިމްރާ ހިނިތުންވާން މަސައްކަތް ކުރިއެވެ. ހީވަނީ ފުރަތަމަ ފަހަރަށް ހިނިތުންވާން އޭނާ ދަސްކުރަނީ ހެނެވެ. އެގޮތަށް ލޯގަނޑުކުރިމަތީ ހުރެ ހިނިތުންވަމުންދިޔައީ އޭނާއަށް ފުރިހަމައަށް ހިނިތުންވެވެންދެނެވެ. އެކަން އޭނާ ކާމިޔާބު ކުރިއެވެ. ނަމަވެސް މުޅި މީހާއަށް މަޖުބޫރުކަމުގެ ވަރުބަލިކަމެއް އިހުސާސް ކުރެވުނެވެ. މަޑުމަޑުން އައިސް އެނދުގެ ކައިރިފަށުގައި އިށީނެވެ.

ހެނދުނު ހައެއް ޖެހިކަން ފޯނުގެ ގަޑިން ފެނުމާއެކު ނިމްރާ ފުންނޭވާއެއްލިއެވެ. އަދި ލައިގެން ހުރި ނޫޖީންސުގެ ފަހަތު ޖީބަށް ފޯނު ކޮއްޕާލާފައި ނިމްރާ ކޮޓަރިން ނުކުތެވެ. ކުރިއަށް ފިޔަވަޅުއަޅަން އުނދަގޫވި ނަމަވެސް އޭނާ ނުހުއްޓުނެވެ. ކަރުގައި އޮތް ފަށުގެ ފުލުގައި ގަމީހުގެ މަތިން ނިމްރާ ހިފާލިއެވެ.

"މޯނިންގް ޑާލިންގް" ރާދިންގެ އަޑު އިވުމާއެކު ނިމްރާއަށް އިސްއުފުލާލެވުނެވެ. ކޮފީ ބުއި ތަށި ދޮންނަން ސިންކު ކައިރީ ހުރި ރާދިންއަށް ނިމްރާއަށް ބަލާލެވުނެވެ.

"ކިހިނެއްވީ ޑާލިންގް؟" ނިމްރާ ބަލަން އިރުކޮޅަކު ހުރުމުން ރާދިން އަހާލިއެވެ. ނިމްރާއަށް ކަމެއްވެފައި ހުރީއޭ އޭނާއަށް ހީވީ ކީއްވެކަމެއް ޚުދު ރާދިންއަކަށް ވެސް ނޭނގުނެވެ. ނިމްރާގެ މޫނުމަތީގައިވަނީ މީގެ ކުރީން ރާދިން ނުދެކޭ އަސަރުތަކެކެވެ. އިތުރު ސުވާލެއް ނުކުރެވެނީސް ނިމްރާ ހިނިތުންވެލިތަން ފެނުނެވެ.

"މިއަދު ކޯޗެއް ހެނދުނު ހަދަނީ؟ ނޯމަލް ބްރެކްފަސްޓް؟ ވޯފަލްސް އޯ ޕޭންކޭކް" ނިމްރާ އަހާލިއެވެ. އެއާއެކު ރާދިން ނިކަން ބޮޑަށް ހިނިތުންވެލިއެވެ.

"ކޯޗެއް ޑާލިންގް މައިންޑުގައި އޮތީ؟... ކޮފީއެއް ހަދައިދެންތަ؟" ރާދިން އޭނާގެ ގާތް ގޮތުގައި ވާހަކަދެއްކިއެވެ.

"އަހަރެން ހަދާލަފާނަން... ރާދު ބުނޭ ބްރެކްފަސްޓަށް ހަދާނޭ އެއްޗެއް" ނިމްރާ ބުންޏެވެ.

އަރްސަލް އޮފީސް ހެދުމުގައި ކޮޓަރިން ނުކުތްއިރު ރާދިން ނިކަން ހެވިފައި ހުރެ ކޮޓަރިއަށް އައިސް ވަންނަނީއެވެ. އަރްސަލް ފެނުމުން އޭނާ މި ނިކުންނަނީ ކަމުގައި ބުނެލިއެވެ. އަރްސަލް ބޯޖަހާލާފައި ކުރިއަށް އައިއިރު ނިމްރާ ބަދިގެ ތެރޭގައި ހަރަކާތްތެރިވަމުން ދިޔަތަން ފެނުނެވެ. އެ އަންހެންކުއްޖާއަށް ނަޒަރު ސީދާވުމާއެކު އޭނާގެ ނިތަށް ރޫގިނަވިއެވެ.

"ސައިބޯންވީނު" ހުއްޓުން އަރާފައި ހުރި އަރްސަލްގެ ސަމާލުކަން ނިމްރާ ހޯދިއެވެ. އެހިނދު އަރްސަލްއަށް ބަލާލެވުނީ ހައިރާންވެ އަންތަރީސްވެފައި ހުރި ފަދަ ގޮތަކަށެވެ. ރޭގައި އެ ދެމެދުގައި ހިނގައިދިޔަ ކުރިމަތިލުމުގެ ހަނދާނެއް އެ އަންހެންކުއްޖާ ނެތް ފަދައެވެ. ހަމަޖެހިލާފައި އެހެންޏާ ވެސް އުޅޭ ގޮތަށް ނިމްރާ އުޅޭތަން ފެންނަމުންދިއުމުން އަރްސަލް ވެސް ހުރީ ޤަބޫލުނުކުރެވިއެވެ. އޭނާ މަޑުމަޑުން އައިސް ކައުންޓަރު ކައިރީ އިށީނެވެ. އެއާއެކު ނިމްރާ އައިސް އޭނާގެ ކާއެއްޗެހި އަޅާފައި ހުރި ތަށި ކާމޭޒުމަތިން ނަގައި ކައުންޓަރު މަތީ ބަހައްޓާލަ ދިނެވެ. އަދި އޮރެންޖު ފަނި އަޅައިގެން ގެނައި ބިއްލޫރު ތަށި ކައުންޓަރު މަތީ ބަހައްޓާލަމުން އަރްސަލްއާ ނަޒަރު ސީދާވި ހިނދު ނިމްރާ ހިނިތުންވިއެވެ.

ރާދިން ނުކުންނަންދެން އަރްސަލް މަޑެއް ނުކުރިއެވެ. އަވަސް އަރުވާލާފައި ސައިބޮއެ ނިންމާލުމާއެކު އެއްނޭވާއިން ފެންތަށި ބޯލައިގެން އޭނާ އެޕާޓްމެންޓުން ނުކުތެވެ. އަރްސަލްގެ އެ ހަރަކާތަށް ބަލަން ނިމްރާ ހުއްޓެވެ. ރާދިން ކޮޓަރިން ނުކުމެ ސުވާލު ކުރުމުން އަރްސަލް ހިނގައްޖެ ކަމުގައި ނިމްރާ ބުންޏެވެ.

ހުރިހާ މަސައްކަތެއް ނިމުމުން ނިމްރާ ސޯފާގައި އިށީނެވެ. މުޅި އެޕާޓްމެންޓަށް ވެރިވެފައި އޮތީ ހިމޭންކަމެވެ. އެއްވެސް ކަމެއް ނުކޮށް އޭނާ ޖެހި ބުދެއްހެން ސޯފާގައި އިނެވެ. މެންދުރު ކާން ރާދިން އައި ނަމަވެސް އަރްސަލް ނާދެއެވެ. އެކަމާ ނިމްރާ ވެސް ސުވާލެއް ނުކުރިއެވެ. ރާދިން އެނބުރި ދިއުމުން އަނެއްކާ ވެސް ނިމްރާ ހަރަކާތްކެނޑިފައި އިން ބުދަކަށް ބަދަލުވި ފަދައެވެ. ބޮލުގައި ރިހުމެއްވީފަދައިން މަޑުމަޑުން ނިތްކުރީގައި ނިމްރާ އަތްތިލަ ހިންގާލިއެވެ. އެވަގުތު އޭނާއަށް ފޯނެއް އައެވެ. ހަލަފް ގުޅުމުން މިފަހަރު އެ މޫނުގައި ފަރުދާކުރެވިފައިވި ހިތްދަތިކަން ފާޅުވެގެން ދިޔައެވެ.

"ހަލަފް!" ނިމްރާ ގޮވާލިއެވެ.

"ރެޑް! ކިހިނެއްވީ؟ ދޮންބެ ކަމެއްކުރީތަ؟ ހާދަ ދެރަވެފަހެން ހީވެޔޭ" ހަލަފް އަހާލިއެވެ. ގާތުގައި ތިބޭ މީހުންނަށް އޭނާގެ ހާލު ނޭނގުނުއިރު ދުރުގައި ހުރި މީހަކަށް އޭނާ ނުފެނި ވެސް އޭނާގެ ހާލު އެނގުނީތީ ނިމްރާ ހައިރާންވިއެވެ. ހިތްދަތި ގޮތަކަށް ނިމްރާއަށް ހީނލެވުނެވެ.

"ލެޓްސް ގޯ އައުޓް ހަލަފް" ނިމްރާ މަޑުމަޑުން ބުނެލިއެވެ.

"އަސްލުވެސްތަ! މި ގުޅީ ވެސް އެހެންވެ. ހިޔެއްނުކުރަން ރެޑް ބޭރަށްދާން ޤަބޫލުވެދާނެއެކޭ. ރީޔޫނިއަން ޕާޓީއެއް އެބައޮތް. އައި ރިއަލީ ނީޑް އަ ޕާޓްނާ... މިވަގުތު ގެންދާނޭ ގާލްފްރެންޑެއް ވެސް ނެތް. އެންމެ ފުރަތަމަ ވެސް ހިތަށް އެރީ ރެޑްގެ މަތިން. ހިތަށް އެރި މިކަހަލަ ވަގުތެއްގައި ސަލާމަތްކޮށްދޭނެއޭ" ދޭތެރެއަކުން ހިނިގަނޑެއް ޖަހާލަމުން ހަލަފް ވާހަކަދެއްކިއެވެ.

"އެކަމަކު ތިކަހަލަ ހަފުލާއަކަށް ދާން އަހަރެންގެ އަތުގައި ނެތް ރީތި ހެދުމެއް ވެސް" ނިމްރާ އިރުކޮޅަކު އިނދެފައި ބުނެލިއެވެ.

"ހިނގާ ޝޮޕިންއަށް ދާން. މޭޑީ ކާރުގައި އަހަރެން ދަންތަ ރެޑް ބަލާ. މިގަޑި ބިޒީތަ؟" ހަލަފް އަވަސްއަވަހަށް ވާހަކަދެއްކިއެވެ. ނިމްރާ ވިސްނާލާފައި އެއްބަސްވިއެވެ. ހަލަފްގެ ކޯލު ނިންމާލާފައި ނިމްރާ ގުޅީ ރާދިންއަށެވެ.

"ޑާލިންގް" އެޕާޓްމެންޓުގެ ދޮރު ހުޅުވާލުމާއެކު ރާދިންގެ އަޑު އައެވެ. ނިމްރާ ސޯފާއިން ތެދުވިއެވެ. އޭނާ ރާދިންގެ ގާތުން އެދުނީ ހަލަފްއާއެކު ބޭރަށްދާން އޭނާ ގަސްދުކޮށްފައިވާ ވާހަކައެވެ. ފިހާރައަކަށް ދާން ބޭނުންވާތީ އެޕާޓްމެންޓުގެ ކީ ކާޑު އޭނާއަށް ދިނުމަށް ވެސް އެދުނެވެ. ނިމްރާގެ ހަރަކާތްތައް ހުރި ގޮތުން އޭނާ އެ ހުރީ ގެއިން ބޭރަށް ނުކުންނަން ވަރަށް ބޭނުންވެފައިކަން ރާދިންއަށް ނަގައިގަނެވުނެވެ. އެހެންވެ އެންމެފަހުން ރާދިން އެއްބަސްވިއެވެ.

"ރާދު!... އަރްސަލް ގާތުގައި ބުނެދެއްޗޭ. ޕްލީޒް... އައި ނީޑް ދިސް... ޕްލީޒް... އައި ނީޑް އެން އެސްކޭޕް" ނިމްރާ ބުނަން ބޭނުންނުވި ނަމަވެސް އޭނާއަށް ބަދަލުތަކެއް އަތުވެއްޖެހެން ރާދިންއަށް އެވަގުތު އިހުސާސް ކުރެވުނެވެ. މަޑުމަޑުން ބޯޖަހާލާފައި ހިނިތުންވެލަމުން ރާދިން އެނބުރި އެޕާޓްމެންޓުން ނުކުތެވެ.

"ރެޑް" ނިމްރާ ތައްޔާރުވެގެން އިންނަތާ ގަޑިއެއްގެ އިރު ފަހުން ހަލަފް އައެވެ. އޭނާއަށް ނިމްރާ ފެންނަންވި އިރަށް ބާރަށް ގޮވާލުމާއެކު އައިގޮތަށް އައިސް ނިމްރާގެ ގައިގާ ބައްދާލައިފިއެވެ.

"ރެޑް! ޔޫ ނީޑް އަ ހެއަރކަޓް" ނިމްރާއަށް ބަލާލާ އޭނާގެ އިސްތަށިގަނޑުގައި ހަލަފް އަތްލަމުން ބުނެލިއެވެ. ނިމްރާ ހިނިތުންވެލަމުން ބޯޖަހާލިއެވެ.

"ކޮބާ ޑެވިލްއާއި އޭނާގެ އެސިސްޓެންޓް" ޖާސޫސެއް ފަދައިން ގޭތެރެއަށް ނަޒަރު ހިންގަމުން ހަލަފް އަހާލިއެވެ. ނިމްރާއަށް ހިނިތުންވެވުނެވެ. ހަލަފްގެ ހުންނަނީ އޭނާގެ ވަށައިގެން އުޅޭ މީހުންނަށް ވެސް ދިރުން ލިބިގެންދާ ފަދަ ގޮތެކެވެ. މިވަގުތު ނިމްރާ ބޭނުންވަނީ ވެސް އެފަދަ މީހެކެވެ.

ހަލަފްއާއެކު ނުކުމެ އޭނާ ދެއްކި ކާރުގެ ދޮށަށް ނިމްރާ އައެވެ. ކުރީ ދޮރުފަތް ހުޅުވާލާފައި ނިމްރާއަށް އެރުމަށް ހަލަފް ބުނެލިއެވެ. ޑްރައިވަރު ސީޓުގައި ހަލަފް ހަމަޖެހިލުމާއެކު އޭނާ ނިމްރާއަށް ބަލާލިއެވެ.

"ރެޑް! ބިރުނުގަންނައްޗޭ އިނގޭ... އަހަރެން ދުއްވާނީ ވަރަށް ބަލައިގެން. ސައިކަލުގައި ނައީ ވެސް ރެޑް މާބޮޑަށް ބިރުގަންނާނޭކަން އެނގޭތީ. ޔޫ ޖަސްޓް ރިލެކްސް އިނގޭ. ހިއާ... ލިސްން ޓު ދިސް އެންޑް ކްލޯޒް ޔޯ އައިސް" ހަލަފް ވަރަށް އޯގާތެރިކަމާއެކު ބުނެލިއެވެ. އަދި އޭނާގެ ފޯނާ ގުޅާފައި އޮތް ހެޑްސެޓް ނިމްރާގެ ކަންފަތަށް ޖަހައިދިނެވެ. ނިމްރާ މަޑުމަޑުން ބޯޖަހާލިއެވެ.

"އޯކޭ... ރެޑީ" ހަލަފް ކާރު ދުއްވާލުމުގެ ކުރީން ނިމްރާއަށް ބަލާލިއެވެ. ހަލަފްއާއެކު ނިމްރާއަށް ރައްކާތެރި އިހުސާސެއް ކުރެވިގެންދިޔައެވެ. ހަމައެއާއެކު ހިތުގައި ރިއްސާލިއެވެ. އަރްސަލްއާއި ހަލަފް އެހާ ތަފާތީ ކީއްވެތޯ އަމިއްލަ ނަފްސާ ނިމްރާއަށް ސުވާލުކުރެވުނެވެ.

"ލޫން ވަކިނުވާއިރު އަރްސަލް ވެސް ހަލަފްހާ ރަނގަޅު ކަންނޭނގެ" ލަވަ އަޑުއަހަމުން ދެ ލޯ މަރާލައިގެން އިން ނިމްރާގެ ހިތަށް އެރިއެވެ. އެއާއެކު ކަރުގައި އޮތް ފަށުގެ ފުލުގައި ނިމްރާއަށް ހިފާލެވުނެވެ.

"ކޮންތަނެއްމީ" ކާރު ހުއްޓުމަކަށް އައުމުން ނިމްރާ ސުވާލުކުރީ އެއްވެސް ފިހާރައެއް ފެންނަން ނެތުމުންނެވެ.

"އަހަންނަށް އެނގޭ ރެޑްއަށް ޕާފެކްޓް ޑްރެސްއެއް ހޯދަން. އޭނާގެ އަތުން ހެދުމެއް ނުލިބިއެއްނުދާނެ. ހީ އިޒް ދި ބެސްޓް" ހަލަފް ހިނިއައިސްފައި އިނދެ ބުންޏެވެ. ނިމްރާ ހެޑްސެޓު ނައްޓާލަމުން ހަލަފްގެ ފޯނު އޭނާއަށް ދިނެވެ.

އުސްކޮށް ހުރި އިމާރާތެއްގެ ތެރެއަށް ހަލަފް ވަދެގެން އައިސް ލިފްޓަށް އެރިއެވެ. ނުވަވަނަ ފިތަށް އޮބާލުމާއެކު އޭނާ ހިމޭނުން ހުރީ ލިފްޓު ހުއްޓުމަކަށް އަންނަންދެނެވެ. ހުޅުވިގެން ދިޔަ ލިފްޓުގެ ދޮރުން ނިމްރާ ގޮވައިގެން ހަލަފް ނުކުމެ ފެންނަން ހުރި ދެ އެޕާޓްމެންޓުން އެއް ދޮރުގެ ބެލް އަޅާލިއެވެ.

"ހޭ މޭން" ދޮރުހުޅުވާލި މީހާއަށް ހަލަފް ބުނެލިއެވެ.

"މީތަ ފްރެންޑަކީ" އެޕާޓްމެންޓަށް ހަލަފްއާއި ނިމްރާ ވަނުމުން އެ ޒުވާނާގެ ނަޒަރު ދަތުރުކޮއްލީ ނިމްރާއަށެވެ.

"ޝީ އިޒް ލައިކް އަ ސިސްޓާ... ނޯ ފަނީ ބިޒްނަސް އިނގޭ" ހަލަފް އިންޒާރުގެ ގޮތަކަށް ކުރިމަތީ ހުރި ޒުވާނާއަށް ބުނެލިއެވެ.

"ރެޑް!... މީ ޕްރިންސް... ރިއަލް ނޭމް ވިޝާން. ހީ އިޒް އަ ޑިޒައިނާ. ގްރޭޓް އޮން މޭކްއޮވާސް" ޒުވާނާގެ ކުރު ތަޢާރަފެއް ހަލަފް ދިނެވެ. ނިމްރާ ހިނިތުންވެލިއެވެ.

ފެންނަން ހުރި ސޯފާތަކަށް އިޝާރާތްކޮށް ވިޝާން އެދުނީ ހަމަޖެހިލުމަށެވެ. އޭނާ ޗީޒްބޯލް ތަށްޓަކައި ކޯކުތަށިތަކެއް ގެނެސް ކޮފީ މޭޒުގައި ބެހެއްޓިއެވެ. އަދި ހަލަފްއާއި ނިމްރާއާ ވާހަކަދައްކަންފެށިއެވެ. ނިމްރާއަށް ބޭނުންވަނީ ކޮންކަހަލަ ހެދުމެއްތޯ އޮޅުން ފިލުވިއެވެ. ހަލަފް ބޭނުންވަނީ ތަފާތު ސިފައެއް ނިމްރާގެ ފުށުން ފެންނާށެވެ. ނިމްރާގެ ރީތިކަން ފާޅުވާނޭ ފަދަ ހެދުމެއް ހަލަފް ބޭނުންވިއެވެ. ކުލައާ މެދު ގޮތެއް ނިންމަންވާއިރަށް ނިމްރާ އެދުނީ ނޫކަލައަށް އިސްކަން ދިނުމަށެވެ. އެހެންނޫންނަމަ ކަޅު ނޫނީ ރަތްކުލަ ކަމުދާ ކަމުގައެވެ.

"ޕްރިންސް... ދެން ޑިޒައިންތައް ދައްކަބަލަ" ކެތްމަދުވެފައި އިން ހަލަފް ބުނެލިއެވެ.

ތަފާތު ހެދުންތައް ނިމްރާ ލިއެވެ. އޭނާ އާދެވެފައި ހުރި ޖީންސާއި ގަމީހަށެވެ. ހެދުމެއްލީ ހަނދާނެއް ނިމްރާ ނެތެވެ. ނަމަވެސް ހެދުމުގައި އަމިއްލަ ސޫރަ ފެނުމުން ނިމްރާއަށް އެ ސޫރަ ކަމުދިޔައެވެ. އަންހެންވަންތަކަން އިހުސާސް ކުރެވިގެންދިޔައެވެ. މިވަގުތަށް އޭނާ ބޭނުންވަނީ ހުރިހާ ޚިޔާލުތަކުން މިންޖުވާށެވެ. ސިކުނޑިއާއި ހިތަށް ލިބިފައިވާ ނުތަނަވަސްކަން އެއްފަރާތްކޮއްލާ ހިތްހަމަޖެހޭ ކަމެއްކޮށްލާށެވެ. އެ ފުރުޞަތު ހަލަފްގެ ހުށަހެޅުމުން ތަނަވަސްވެގެން ހިނގައްޖެއެވެ. ހަލަފްއާއި ވިޝާންގެ ރަހަތަށް ވަރަށް ތަފާތެވެ. ދެ މީހުންގެ ޒަމާނީ ޚިޔާލު ވަރަށް ގުޅެއެވެ. ދެ މީހުން ވެގެން ނިމްރާއަށް ހެދުމެއް ފައިނަލް ކުރިއެވެ. ނޭވީބުލޫ ކުލައިގެ މަތިން ރިހިކުލައިގެ ބޯޑަރުއެޅި ލޭސްފޮތިން ފަހާފައިވާ ހެދުމެކެވެ. ލޭސްބޯޑަރުގެ ބުރު ފަޅިއެއްގެ ގޮތަށް ހުރި ތިރީ ކައިރިފަށް ހުރީ ނިމްރާގެ ކަކުލުން ތިރިއަށެވެ. ބުރަކަށީގެ ބަޔަކާއި މޭމަތިން ބަޔަކާއި ކުރު ދެއަތް އޮތީ ލޭސް ފޮތިންނެވެ. ނިމްރާގެ ރީތި ބައްޓަމާއި އޭނާގެ ހިމަ އުނަގަނޑު އެ ހެދުމުގައި ފާޅުވެއެވެ.

"ރެޑް!... ޔޫ ލުކް ޕާފެކްޓް" ނިކަން ބޮޑަށް ހިނިއައިސްފައި ހުރި ހަލަފް ބުނެލިއެވެ. ނިމްރާއަށް ވެސް އެ ހެދުން ވަރަށް ރީތިވިއެވެ.

"ރެޑް!... ތި ހެދުމުގައި ހީވަނީ ހަމަ ޑޯލްއެއްހެން. ސޯ ބިއުޓިފުލް... އޯ! އައި ވޯންޓް ޔޫ ގާލް... ހުރިހާ ހެދުންތައް ލައްވާފައި ފޮޓޯ ނަގާ ހިތްވެއްޖެ" ހަލަފްގެ ކޮނޑަށް އަތްވައްޓާލައިގެން ހުރެ ވިޝާން ބުނެލިއެވެ. އެ ދެ ޒުވާނުންގެ ތާރީފުތަކުން ނިމްރާއަށް ހިތްހަމަޖެހުން ލިބުނެވެ. އޭނާއަކީ ވެސް ރީތި އަންހެންކުއްޖެއްކަން އެ ދެ ޒުވާނުން އިހުސާސްކޮށްދީފިއެވެ.

"ތެންކިއު" ކުލުނުން ފުރިގެންވީ ބަލާލުމަކުން ހަލަފްއަށް ބަލާލާފައި ނިމްރާ ބުނެލީ ވަރަށް އަސަރާއެކުއެވެ.

"އަހަރެންގެ ޕާޓްނާ މިރޭ އެންމެ ރީތިވާނީ" ފޮނިކޮށް ހަލަފް ބުނެލިއެވެ. ވިޝާންއާއި ނިމްރާއަށް ހީނލެވުނެވެ. ހަލަފް ވެސް އޭނާ އަޅާނޭ ހެދުމެއް ހޯދީ ވިޝާންގެ އަތުންނެވެ. ހަލަފް ބުނިހެން ވިޝާންއަކީ އޭނާ ކުރާ މަސައްކަތުގައި ހުނަރު ހުރި މޮޅު ޒުވާނެއްކަން ނިމްރާއަށް ޤަބޫލުކުރެވުނެވެ.

ހަލަފްއާއެކު ނިމްރާ ގެއަށް އައިއިރު އޭނާ ހުރީ ވަރަށް ހިތްހަމަޖެހިއެވެ. އެޕާޓްމެންޓަށް ހަލަފް ވަނުމުގެ ބަދަލުގައި އޭނާ އެނބުރި ދިޔައީ ނުވަގަޑި ބައިގައި އެރޭ އަންނާނަން ކަމުގައި ބުނެފައެވެ. ވަރަށް ރީތިވެލައިގެން ހުރުމަށް އެދިފައެވެ. ނިމްރާ އަތުގައި ހުރި ކޮތަޅުތައް ހިފައިގެން ކޮޓަރިއަށް ވަނެވެ. ކަވަރުގައި އޮތް ހެދުން ސްޓޭންޑުގައި އަޅުވާލިއެވެ.

ހަވީރު އަރްސަލްއާއި ރާދިން ގެއަށް އައި އިރު ނިމްރާ ބޭރުން ނުފެނުނެވެ. އޭނާ ކޮޓަރިން ނުކުތީ ރޭގަނޑު ކާންތައްޔާރު ކުރާށެވެ. ސިޓިންރޫމުގައި ލެޕްޓޮޕް ހިފައިގެން އިން ރާދިން ނިކަން ފުޅާ ހިނިތުންވުމެއް ނިމްރާއަށް ދިނެވެ.

"ދިގުވެފައި ހުރީމަ ބޯކޮށާލީތަ؟ ވަރަށް ސަޅި" ހިނިއައިސްފައި އިނދެ ރާދިން އަހާލިއެވެ. ނިމްރާ ބޯޖަހާލިއެވެ.

"އޯކޭތަ ކީކާޑު ހިފައިގެން އަހަރެން ދިޔަޔަސް. ނައިންތާޓީގައި ދަނީ. ހުރިހާ ކަމެއް ނިމިފައި ހުންނާނީ... ފަހަރެއްގައި ލަސްވިޔަސް ރާދުމެންނަށް އުނދަގޫ ނުކޮށް ގެއަށް ވަދެވޭނީ އޭރުން... އެންޑް ރާދު... ބުނިންތަ އޭނާ ގާތު" ނިމްރާ ދައްކަމުން ދިޔަ ވާހަކަ ކޮޓަރިން ނުކުމެގެން އައި އަރްސަލްއަށް އިވުނެވެ. ރާދިން ބޯޖަހާލިއެވެ.

"އަހަރެން... އަހަރެން... މިރޭ... ބޭރަށްދާން މިއުޅެނީ... ހުރިހާ ކަމެއް ނިންމާފައި ދާނީ" އަރްސަލް ނުކުތްތަން ފެނުމުން ޖެހިލުންވެފައި ހުރެ ވެސް ނިމްރާ ބުނެލިއެވެ. އަރްސަލް އިސް އުފުލާ ބަލާނުލިތާ އަނގަޔަކުން ވެސް ނުބުންޏެވެ. ނިމްރާ މަޑެއް ވެސް ނުކުރިއެވެ. އަވަހަށް ކާމޭޒުމަތި ތައްޔާރު ކުރުމުގައި އުޅުނެވެ. ސޯފާއަށް ވެއްޓިގަނެގެން އޮތް އަރްސަލްގެ ނަޒަރު ނިމްރާއަށް ހުއްޓިފައި ހުއްޓެވެ. ނަމަވެސް ނިމްރާއަށް ފެންނަން ވާއިރަށް އޭނާގެ ނަޒަރު ބަދަލުކޮށްލައެވެ.

"ރެޑީވާން މިދަނީ" ހުރިހާ ކަމެއް ނިންމާލެވުމުން ރާދިންގެ ގާތުގައި ނިމްރާ ބުނެލިއެވެ. އޭނާ ބޯޖަހާލުމުން ނިމްރާ އެނބުރި ކޮޓަރިއަށް ދިޔައީއެވެ.

އެޕާޓްމެންޓުގެ ބެލްޖެހި އަޑަށް ރާދިން އައިސް ދޮރު ހުޅުވިއެވެ. އެއާއެކު އެތެރެއަށް ވަނީ ހަލަފްއެވެ. މަޑުނޫކުލައިގެ ފަޓުލޫނާއި ހުދުގަމީހުގެ މަތިން ކަނޑުނޫކުލައިގެ ބްލޭޒާ ލާފައި ހުރިއިރު އޭނާ ވަރަށް ފުރިހަމައެވެ. ރާދިން އެ ރީތިކަމަށް ތާރީފު ކުރިއެވެ. ދާން އުޅޭ ތަނަކާ މެދު ސުވާލުކުރިއެވެ. ހަލަފް ހަމައެކަނި ބުނެލީ ޕާޓީއެއްކަމެވެ.

"އޯ މައި ގޯޑް!... ރެޑް... ޔޫ ލުކް ޕާފެކްޓް ޓުނައިޓް" ހަލަފްގެ އުފާވެރި އަޑާއެކު ރާދިންއާއި އަރްސަލްގެ ނަޒަރު ވެސް އެތެރެއިން ނުކުތް ނިމްރާއަށް ހުއްޓުނެވެ.

"ޑާލިންގް... ޔޫ ލުކް ބިއު...ޓީ... ފޫ...ލް" ލިބިފައި ހުރި ހައިރާންކަމުގެ ތެރެއިން ރާދިންނަށް ވެސް ބުނެލެވުނީ އާޝޯހުވެފައި ހުރެއެވެ.

ބަސްހުއްޓިފައި އަރްސަލްއަށް ބަލަން އިނދެވުނެވެ. ލުއި މޭކަޕާއެކު ތުންފަތުގައި ވަނީ ރަތްކުލައެވެ. ރިހިކުލައިގެ އުސް ފައިވާނުގައި ނިމްރާ އިސްކޮޅުން ދިގުކަމަށް ދައްކައެވެ. ލައިގެން ހުރި ނުލާއި ރިހިލޭސްފޮތީގެ ހެދުން ހަލަފްގެ ހެދުމާއި ނުހަނު ގުޅެއެވެ. އަރްސަލްގެ ކުރިމަތިން ފެންނަމުން ދިޔައީ މުޅިން އެހެން އަންހެންކުއްޖެއް ކަހަލައެވެ. އެ ހަށިގަނޑަށް އަރްސަލްގެ ނަޒަރު ހިންގާލެވުނެވެ. އަދިވެސް އެއްފަހަރު އެ ރަތް ދެ ތުންފަތަށް އަރްސަލްގެ ނަޒަރު ހުއްޓުނެވެ. ނަމަވެސް ނިމްރާގެ ދެ ލޮލަށް ބަލާލެވުނު ހިނދު އަރްސަލްގެ ނޭވާ ތާށިވި ކަހަލައެވެ. އެ ދެ ލޮލުން ކުރީން ފެނުނު ވިދުމެއްނެތެވެ. ނިމްރާ އެންމެނާ ހިނިތުންވުމެއް ބަދަލުކުރިއިރު އެ ހިނިތުންވުމުގެ އަސަރު އެ ދެ ލޮލާ ހަމައަކަށް ނުފޯރިއެވެ. ދަތްކުނޑިވިކާލެވުނީ ބޭއިޚްތިޔާރުގައެވެ.

"ޔޫ ކާންޓް ގޯ" ލިބިފައިވި ސިހުން ފޮރުވާލަމުން އަރްސަލް ބުނެލިއެވެ. އެއާއެކު ހަލަފްއާއި ރާދިންގެ އިތުރުން ނިމްރާގެ ނަޒަރު ވެސް އަރްސަލްއަށް ހުއްޓުނެވެ.

"ނޯ! ރެޑް ދާނެ... އާދޭ... ހިނގާ ދާން" ހަލަފް ދެކޮޅު ހަދާލިއެވެ.

"އަރްސަލް" ރާދިން ވެސް ގޮވާލީ ނިމްރާ ފޮނުވާށޭ ބުނާ ފަދައިންނެވެ. އެހެންނަމަވެސް އަރްސަލްއަށް އެއްބަހެއްނުވެވުނެވެ. އޭނާގެ ހިތާއި ސިކުނޑިއާއި އޭނާގެ ޟަމީރު ވެސް ތެޅިފޮޅެމުންދިޔަ ކަހަލައެވެ.

"އަހަރެން ކުރަން ހުރި ހުރިހާ ކަމެއް ނިންމައިފިން. އިތުރު ކަމަކަށް އަހަރެންގެ ބޭނުމެއް އަރްސަލްއަށް ނުޖެހޭނެ. އަހަންނަކީ މެއިޑަކަށްވިޔަސް ހަފްތާއަކު އެންމެ ރެއަކު އަހަރެން ވެސް ބޭރަށް ގޮސް އުފާކުރާނޭ ފުރުޞަތު އޮންނަންވާނެއެއްނު" ނިމްރާގެ އަޑު އިވިގެން ދިޔަ ހިނދު އަރްސަލްގެ އެތެރެ ހަށި ރޫރޫ އަޅާލި ކަހަލައެވެ.

"ތީ އަހަރެންގެ މެއިޑު... އަހަރެން..." އަރްސަލްގެ ވާހަކަ ނުނިމެނީސް ނިމްރާ ހޭންފެށިއެވެ. އެތަނުގައި ތިބި ތިން ޒުވާނުން ވެސް އެއްފަހަރާ ބަލާލީ ނިމްރާއަށެވެ. ހައިރާންވެ ވާނުވާ ނޭނގިފައި ތިބި ބަޔަކު ފަދައިންނެވެ.

"އަޅުވެތިކުރަންތަ ބޭނުންވަނީ. މިހާރު ވެސް އަޅުން ގެންގުޅެވޭތަ؟ އެހެންނަމަ އަހަރެންގެ ކަރުގައި ވާގަޑެއް ޖަހައިގެން ގެންގުޅެންވީނު" ނިމްރާ ބުނެލިއެވެ. އަރްސަލްގެ މޫނުން ރުޅިވެރިކަމުގެ އިންތިހާ ފާޅުވެގެން ދިޔައެވެ.

"ޔޫ ކާންޓް ޑޫ ދިސް ދޮންބޭ" ހަލަފް އާދޭހުގެ ރާގެއްގައި ބުނެލިއެވެ.

"ވަޓް އެވާ... ވަރިހަމަ... ދިޔައީމަ ނިމުނީނު. ކޮންމެހެން މަގޭ ކުރިމަތީ ހުންނާނެކަމެއްނެތް" ރުޅިގަދަވެގެން ގޮސް ހަލާކުވާވަރުވެފައި ހުރި އަރްސަލް ހަޅޭލަވައިގަތެވެ.

"ދާންށޭ މިދަނީ" ނިމްރާ ބުނީ ކިތަންމެ މަޑުން ނަމަވެސް އަރްސަލްއަށް އަޑުއިވުނެވެ. އޭނާ ހަލަފްގެ އަތުގައި ހިފާލަމުން ދޮރުން ނުކުންނަން ދިޔައެވެ. ރާދިން އެމީހުންނާއެކު ދޮރު ކައިރިއަށް އައެވެ.

"ޑޯންޓް ވޮރީ... ޖަސްޓް އިންޖޯއީ" ރާދިން ހިނިތުންވުމެއް ބަދަލުކޮށްލަމުން ބުނެލިއެވެ.

"އޯ އައި ވިލް... މިރޭ މީ ވަރަށް ޚާއްޞަ ރެއެއް" ކުރިމަތީ ރާދިން ހުރި ނަމަވެސް ނިމްރާ ބުނެލީ ތަންކޮޅެއް ބާރަށެވެ. އެއާއެކު ދެން ފެނުނީ އަރްސަލް އެތެރެއަށް ދާން ހިނގައިގަތްތަނެވެ.

ހަލަފްއާއިއެކު އައިސް ލިފްޓަށް އެރުމާއެކު އޭނާގެ އަތުގައި ހިފާލައިގެން ހުރި އަތްތިލަ މަޑުމަޑުން ނިމްރާ ވަކިކޮށްލިއެވެ. އެއާއެކު އެ މޫނުމަތީގައި އިރުކޮޅެއް ކުރީން ފެންނަން ހުރި ޖޯޝާއި ދިރުން ގެއްލިއްޖެއެވެ. ހަލަފްއަށް އެކަން ފާހަގަނުވެއެއް ނުދިޔައެވެ. އަރްސަލްއާއި ނިމްރާއާ ދެމެދު ކަމެއް ހިނގައިފިކަން ހަލަފްއަށް ވިސްނުނެވެ. ނަމަވެސް އޭނާ ޚިޔާރު ކުރީ ހިމޭންކަމެވެ. ނިމްރާއަށް އިތުރު ނުތަނަވަސްކަމެއް ދޭން ބޭނުންނުވީއެވެ.

ހަފުލާ އޮތް ހޯލުގެ ތެރެއަށް ހަލަފްއާއެކު ނިމްރާ ވަނެވެ. އެތަނުގައި ނިމްރާ ދަންނަ އެކަކު ވެސް ނެތެވެ. ހަލަފްއާއެކު ކިޔަވަން އުޅުނު ކުދީންނާ އޭނާ ބައްދަލުކުރަމުން ދިޔައިރު ގާތް ރަޙުމަތްތެރިން ނިމްރާއާ މެދު ޝައުގުވެރިކަން ފާޅުކުރިއެވެ. ހަލަފްއާއި ނިމްރާއާ ދެމެދު އޮތް ގުޅުމާމެދު ސުވާލު އުފެއްދިއެވެ. ހަލަފްގެ މަޖާ މިޒާޖުން އޭނާ ކޮންމެ ކަމެއް ހެދީ ޖޯކަކަށެވެ. ނިމްރާއަށް ލިބިފައި ހުރި ނުތަނަވަސްކަން ކުޑަ ވަގުތުކޮޅަކަށް ވިޔަސް ހަނދާންނެތޭވަރު ހަލަފްގެ ސަކަރާތާއި މަޖާ ވާހަކަތަކުން އޭނާ ކުރިއެވެ.

ވާރޭ ކަނި ޖަހަމުން ދިޔަކަން އެންމެންނަށް ވެސް އެނގުނީ ހަފުލާ ނިންމާފައި ނުކުތްފަހުންނެވެ. ނިމްރާ ގެއަށް ދާން ބޭނުންނުވެފައި ހުރެ އެކަން ހަލަފްއަށް ފާޅުކުރިއެވެ. އޭނާ އިތުރު ސުވާލެއް ނުކޮށް ނިމްރާ ގޮވައިގެން ކާރަށް އެރިއެވެ. ފޯނު ކޯލަކަށްފަހު ހަލަފް ކާރު ދުއްވާލިއެވެ. މާލޭގެ މަގުތަކުގައި ދުއްވަމުން އައިސް ކާރު މަޑުކޮށްލުމާއެކު ހަލަފް އެދުނީ ނިމްރާ ގާތު މަޑުކުރުމަށެވެ. އޭނާ ކާރުން ފައިބައިގެން އައިސް ނިމްރާ އިން ފަރާތުގެ ދޮރުފަތް ހުޅުވާލިއެވެ. ނިމްރާއަށް ދިއްކޮށްލި އަތުގައި ހިފަމުން އޭނާ ބަލައިގެން ކާރުން ފޭބިއެވެ. އުސްފައިވާނުގައި އުޅުމަކީ އޭނާއަށް އާދަވެފައި ހުރި ކަމެއްނޫންވީމާ ވަރަށް އަވަހަށް ފައިވާޅުވާ ގޮތްވިއެވެ.

ޓެރެސްގައި ހަލަފްގެ ދެ ރަޙުމަތްތެރިންނާއެކު ނިމްރާ އިނެވެ. އެ މީހުން ނިމްރާގެ ރީތިކަމަށް ތާރީފު ކުރިއެވެ. އެންމެން އެކުގައި ހިނގާފައި ހުރި މަޖާ ވާހަކަތައް ނިމްރާއަށް ކިޔައިދެމުން ގޮސް މޮނޯޕޮލީ ކުޅެން ޚިޔާލު ފާޅުކުރިއެވެ. ކުޅިވަރުގައި ޖެހިފައި ތިބި އެންމެން ސިއްސައިގެން ދިޔައީ ގުގުރާލި އަޑު އިވިފައެވެ.

"ރެޑް... ވަރަށް ލަސްވެއްޖެ. ދޭއްޖަހަނީ... ދެން އިތުރަށް މަޑުކުރާކަށް ނުފެނޭ" ހަލަފް މަޑުމަޑުން ބުނެލިއެވެ. އެހާއިރު ވެދާނޭ ނިމްރާގެ ހިތަކަށް ވެސް ނާރައެވެ. ބޯޖަހާލާފައި ގެއަށްދާން ނިމްރާ އެއްބަސްވިއެވެ.

ހަލަފްގެ ކާރުގައި އައިސް މަޑުކޮށްލަންވީއިރު ގޭޓުން ބޭރުގައި މަޑުކޮށްލައިގެން ހުރި އަރްސަލް އެ ދެ މީހުންނަށް ވެސް ފެނުނެވެ. މަގުމަތީގައި އަރްސަލް ހުރުމުން ދެ މީހުންނަށް ވެސް އެކަކު އަނެކަކަށް ބަލާލެވުނީ ކަންބޮޑުވުމާއި ހާސްކަމާއެކުއެވެ. (ނުނިމޭ)