ބޮލީވުޑް

ސޯނަމް އާއި އާނަންދް ކައިވެނިކޮށްފި

May 8, 2018

ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަދި ފެޝަނިސްޓާގެ ގޮތުގައި މަޝްހޫރުވެފައިވާ ސޯނަމް ކަޕޫރު ދިއްލީ އަށް ނިސްބަތްވާ ވިޔަފާރިވެރިޔާ އާނަންދް އަހޫޖާ އާ ކައިވެނިކޮށްފި އެވެ. މީގެ އިރުކޮޅެއްކުރިން އެދެމީހުން ކައިވެނިކޮށްފައިވަނީ ސޯނަމްގެ މަންމަ ފަރާތު ބޮޑުދައިތަ ކަވީތާގެ ގޭގަ އެވެ.

މުމްބައިގައި ހުންނަ އެ ގޭގައި އޮތް ކައިވެނީގެ ރަސްމިއްޔާތުގައި ވަނީ އާއިލާގެ ގާތްފަރާތްތަކުންނާއި ބޮލީވުޑްގެ ނަން މަޝްހޫރު ގިނަ ތަރިން ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި އަމީތާބް ބައްޗަން، ކަރީނާ ކަޕޫރު، ސައިފް އަލީ ޚާން، ކަރިޝްމާ ކަޕޫރާއި ރާނީ މުކަރްޖީ އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ އިތުރުން ޖެކުއަލީން ފާނެންޑޭޒް އާއި ސްވަރާ ބާސްކަރް ހިމެނެ އެވެ.

ރޭ އާއި އޭގެ ކުރީ ދުވަހު ވަނީ ކައިވެނީގެ ރަސްމިއްޔާތުގެ ކުރިން އޮންނަ ހީނާ އެޅުމުގެ ރަސްމިއްޔާތާއި ސަންޖީތު (ނެށުމުގެ) ހަފްލާ ވެސް ބާއްވާފަ އެވެ. މުމްބައިގައި ހުންނަ ސޯނަމްގެ ގޭގައި އޮތް އެ ހަފްލާގައި ވެސް ބޮލީވުޑްގެ ގިނަ ތަރިންތަކެއް ވަނީ ބައިވެރިވެފަ އެވެ.

މި ދެމީހުންގެ ކައިވެނީގެ ހުރިހާ ރަސްމިއްޔާތުތަކެއް ގޭގައި ކުރިއަށް ދާނެތީ ކުރިން ބެލެވިފައި އޮތީ ކައިވެނީގެ ހުރިހާ ކަމެއް ވެސް ދާނީ ވަރަށް އާދައިގެ ގޮތަކަށް ކަމަށެވެ. ނަމަވެސް ހުރިހާ ހަފްލާއަކަށް ވެސް ގެ ވަނީ ވަރަށް ފުރިހަމަ އަށް ޒީނަތްތެރިކޮށްފަ އެވެ. އަދި ކައިވެނިކުރާ ހަފްލާ އަށް ބޮޑުދައިތަގެ ގޭގެ ބަގީޗާ ޒީނަތްތެރިކޮށްފައިވަނީ ފިޔާތޮށި ކުލައިގެ ފިނިފެންމަލުންނެވެ.

ކައިވެނީގެ ތިން ހަފްލާ އަށް ވެސް ސޯނަމް ލާފައިވާ ހެދުންތައް ޑިޒައިންކޮށްދީފައިވަނީ އިންޑިއާގެ މަޝްހޫރު ތިން ޑިޒައިނަރުން ކަމަށްވާ އަނޫރާދާ ވާކިލް އާއި އަބޫޖާނީ ސަންދީޕް ކޯސްލާ އާއި އާނާމިކާ ކަންނާ އެވެ. ކައިވެނީގެ ރަސްމިއްޔާތުގައި ސޯނަމް ލާފައިވަނީ ގަދަ ފިޔާތޮށި ކުލައިގެ ލެހެނގާ އެކެވެ. ރަންކުލައިން ޖަރީކޮށްފައިވާ އެ ހެދުމާއެކު ބޭނުންކޮށްފައިވަނީ ވެސް ރަނުން ޖަރީކޮށްފައިވާ ގަހަނާ އެވެ.

ސޯނަމް އާއި އާނަންދް ކައިވެނި މި މަހުގެ ތެރޭގައި އޮންނާނެ ކަމުގެ ވާހަކަތައް ދެކެވެމުން ދަނިކޮށް އެކަން ދެ ފަރާތުގެ އާއިލާއިން ޔަގީންކޮށްދީފައިވަނީ މިދިޔަ ހަފްތާގައި ނެރުނު ބަޔާނެއްގަ އެވެ.

ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ސޯނަމް އާއި އާނަންދް ރައްޓެހިވެގެން އުޅޭކަމަކަށް ދުވަހަކު ވެސް މީޑިއާގައި އިއުތިރާފުވެފައެއްނުވެ އެވެ. އެކަމާ ގުޅޭގޮތުން ސުވާލުކުރާ ކޮންމެ ފަހަރަކު އޭނާ ވަނީ ޒާތީ ދިރިއުޅުމުގެ އެއްވެސް ވާހަކައެއް މީޑިއާގައި ދައްކަން ބޭނުންނުވާ ކަމަށް ބުނެފަ އެވެ.

ކައިވެނީގެ އުފަލުގައި ބާއްވާ ޕާޓީ އޮންނާނީ މިރޭ މުމްބައިގައި ހުންނަ ދަ ލީލާ ކިޔާ ހޮޓަލެއްގަ އެވެ. އެ ޕާޓީ އަށް ފަހު ސޯނަމް މާދަމާގެ ވަގުތެއްގައި ކާންސް ފިލްމު ފެސްޓިވަލްގައި ބައިވެރިވުމަށް ފުރާނެ އެވެ.