ރާއްޖެ ކުޅިވަރު

ޖޭޖޭ، ދަގޭންގް ފުރަތަމަ ޑިވިޝަނަށް ކެތްމަދުވެފައި!

ދެ ވަނަ ޑިވީޝަންގެ ފައިނަލުގައި މިއަދު ހަވީރު ޖޭޖޭ ސްޕޯޓްސް ނިކުންނާނީ، ދަ ގޭންގްއާ ދެކޮޅަށެވެ. މި އަހަރުގެ ދެ ވަނަ ޑިވިޝަނަށް ގެނައި ބަދަލާ ގުޅިގެން، ދެ ވަނަ ޑިވިޝަން ޗެމްޕިއަންކަން ހޯދާ ޓީމަށް އަންނަ އަހަރު ފުރަތަމަ ޑިވިޝަންގެ ސީދާ ޖާގަ ލިބިގެންދާނެ އެވެ.

ގުރޫޕް ސްޓޭޖުގައި ޖޭޖޭ އާއި ދަ ގޭންގް ކުޅުނު މެޗު ނިމުނީ އެއްވަރު ވެގެންނެވެ. އެ މެޗާ ކުރިމަތި ލިއިރު ދެ ޓީމުވެސް އޮތީ އަނެއް ބުރަށް ކޮލިފައި ވެފަ އެވެ. އެހެންވެ އެ މެޗަށް ދެ ޓީމުވެސް ނެގީ ފަސޭހަ މެޗެއްގެ ގޮތުގަ އެވެ.

ފައިނަލު ފަސޭހަ ނުވާނެ އެވެ. އެކަންވެސް ދެ ޓީމު އޮތީ ދެނެގަނެގެންނެވެ. ޖޭޖޭގެ ކޯޗް އަދި ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަންވެސް ކުރިން ކުރި އަލީ ނަޝިދު (އޮގަރު އައްޔަ) ބުނީ އޭނާގެ ޓީމަށް ބޮޑު އިތުބާރެއް ލިބިފައިވާ ކަމަށެވެ. އޭނާ ބުނީ މެޗަށް ނިކުންނަނީ ދަގޭންގްގެ ފެންވަރާއި ހުނަރު އެނގިގެން ކަަމަށެވެ.

"ގުރޫޕް ސްޓޭޖުގައި ދަގޭންގްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރު ވިޔަސް، ކުޅުންތެރިންނަށް އަޅުގަނޑު ވިސްނައި ދީފައި ވާނީ، ފައިނަލު މެޗު ފަސޭހަ ނުވާނެ ކަމަށް،" އައްޔަ ބުންޏެވެ. "އޭނާ ބުނީ މުޅި ޓީމުގެ މެނޭޖްމެންޓާއި ކުޅުންތެރިން ތިބީ މި މެޗަށް ވަރަށް ރަނަގަޅަށް ތައްޔަރު ވެގެން ކަމަށެވެ.

ޖޭޖޭ ފައިނަލަށް ދަތުރު ކުރީ ސެމީ ފައިނަލުގައި ކުލަބު ޕީކޭ ބަލި ކުރުމަށް ފަހު އެވެ.

ދަގޭންގްގެ ކޯޗަކީ ވިކްޓަރީ އާއި އައިއެފްސީގެ ކުރީގެ މިޑްފީލްޑާ ފަރިދު މުހައްމަދު (ފަރިއްޓޭ) އެވެ. މިދިޔަ ސީޒަންގައި، އޭނާ ވަނީ ސޮބާހް މުހައްމަދު (ސޮބާ) އާއެކު ގްރީން ސްޓްރީޓްގައި މަސައްކަތް ކޮށްފަ އެވެ. ދަގޭންގް ފައިނަލަށް ދަތުރު ކުރީ މުބާރަތުގައި ވަރުގަދަ ބާރެއްގެ ގޮތުގައި ބެލެވުނު ޑީއެސްސީ ބަލި ކުރުމަށް ފަހު އެވެ.

ފަރީދު ބުނީ ޖޭޖޭ އާ ދެކޮޅަށް ކުޅުނު މެޗުގައި ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިންނަށް އޭނާގެ ޓީމުން ފުރުސަތު ދީފައިވާނެ ކަމަށެވެ. އެ ކުޅުންތެރިންނާއެކު ޖޭޖޭ އާ އެއްވަރު ކުރެވުމުން ފައިނަލު މެޗަށް ފުލު ޓީމު ނެރެގެން ޖޭޖޭ އާ ދެކޮޅަށް ވަރުގަދަ ފައިޓެއް ދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ދަގޭންގް އަކީ ހެޑްކޯޗުގެ ގޮނޑީގައި އިނދެ ފަރީދު ފުރިހަމަ ކުރާ ފުރަތަމަ މަސައްކަތެވެ. އޭނާ ހުރީ ދަ ގޭންގް ފުރަތަމަ ޑިވިޝަނަށް ގެންގޮސް ދިނުމަށް ބޮޑު އުންމީދަކާ އެކުގަ އެވެ.