ކުޅިވަރު

ގޯލް ހުޅުވަން އަސަދުﷲ އަށް ބޭނުންވީ ހަމިނެޓް

މާލޭ ލީގްގެ ދެ ވަނަ ބުރު، ޗެމްޕިއަން މާޒިޔާއިން ފެށީ ހާއްސަ އުފަލަކާ އެކު އެވެ. އަށް މަހަށް ފަހު އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) ކުޅެން ނިކުތުމުގެ ހިތްހަމަ ޖެހުމާއެކު އެވެ.

އަސައްކޮ ކުޅެން ނިކުތުމަކީ ޓީމުގެ އެހެން ކުޅުންތެރިންނަށް ލިބޭނެ ބޮޑު އިތުބާރަކަށް ވާނެ ކަމަށް މެޗުގެ ކުރިން މާޒިޔާގެ އެސިސްޓެންޓް ކޯޗް އަހްމަދު ޝުޒެއިރު ބުނުފައި ވެއެވެ. މެޗުގައި އަސަދުﷲ ކުޅެން ނިކުތީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

ވެލެންސިއާ ދެކޮޅަށް ކުޅުނު މެޗަކީ މިދިޔަ އަހަރު އޯގަސްޓް މަހަށް ފަހު، އޭނާ ކުޅުނު ފުރަތަމަ މެޗެ. ޒުވާން ކުޅުންތެރިޔާ އަހްމަދު ޝަހާއުގެ ބަދަލުގައި އަސަދުﷲ އެ މެޗުގައި ކުޅެން ނިކުތީ މެޗުގެ 72 ވަނަ މިނެޓްގަ އެވެ. އަށް މަހަށްފަހު ގައުމީ ފުޓްބޯޅަ ދަނޑަށް އެނބުރި އައިސް އަލުން ގޯލް ހުޅުވަން އަސަދުﷲ އަށް ބޭނުންވީ ހަ މިނެޓެވެ. މެޗުގެ 78 ވަނަ މިނެޓްގައި އޭނާ ވަނީ ސީޒަންގެ ފުރަތަމަ ލަނޑު ކަމިޔާބު ކޮށްފަ އެވެ.

މެޗަށް ފަހު އަސަދުﷲ ބުނީ، އަލުން ދަނޑަށް އައިސް ލަނޑު ޖެހުމުން މާ ހާއްސަ އުފަލެއް ނުލިބޭ ކަމަށާއި ލަނޑު ޖެހުމަކީ އޭނާގެ ވަޒީފާ ކަމަށެވެ.

"އެހެން ކުޅުންތެރިންގެ އެހީތެރި ކަމާއެކު ގޯލް ޖެހުމަކީ އަޅުގަނޑު ކުރަން ޖެހޭ މަސައްކަތް،" މެޗަށް ފަހު މޯލްޑިވްސޮކާއަށް ދިން އިންޓަވިއުގައި އަސައްކޮ ބުނުފައި ވެއެވެ. "ގޯލް ޖަހަނީވެސް އަދި (ޑިފެންޑް) ކުރަނީވެސް މުޅި ޓީމުގެ މަސައްކަތުން."

އޭނަ ބުނީ އަނިޔާއިން ރަނގަޅު ވުމަށް ފިޒިކަލް ޓްރެއިނާ އަހްމަދު ފަޔާޒު (ފިއްޓޭ) ވަރަށް ބޮޑަށް މަސައްކަތް ކޮށްދިން ކަމަށެވެ.

"އަޅުގަނޑަށް އެހީވި އެންމެންނަށް ޝުކުރު އަދާ ކުރަން، މާޒިޔާގެ މެނޭޖްމެންޓަށް ޝުކުރު އަދާ ކުރަން، އަޅުގަނޑުގެ ފިޒިއޯ ފިއްޓޭ އަޅުގަނޑަށް ވުރެ ބޮޑަށް އޭނާ ހިތްވަރު ކުރި، އަލުން އެނބުރި އާދެވުނީވެސް އޭނާގެ ހިތްވަރުންނޭވެސް ބުނެވިދާނެ އެހާވެސް އޭނަގެ މަސައްކަތް ރަނގަޅު."

ވެލެންސިއާ ދެކޮޅަށް ކުޅުނު މެޗު، މާޒިޔާ ކާމިޔާބު ކުރީ 5-0 ންނެވެ. އެ މެޗުގައި އަސަދުﷲގެ އިތުރުން މާޒިޔާގެ ލަނޑުތައް ކާމިޔާބު ކުރީ އާދަމް ނާސިހް، ޝަހާއު، އަދި އިސްމާއީލް އީސާ އެވެ. އަނެއް ލަނޑަކީ، ވެލެންސިއާގެ މޫސާ ހަސަން (މޫސަ) އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ތާވަލުގައި، މާޒިޔާ އޮތީ ވާދަވެރި ނިއުރޭޑިއަންޓްގެ ފަހަތުން ދެ ވަނައިގަ އެވެ. ދެ ޓީމުގެ ދެމެދުގައި އޮތީ ތިން ޕޮއިންޓްގެ ފަރަގެވެ.