ފިނިޕޭޖް

އައިޑޮލްގެ ފިނާލޭ ޕާފޯމަންސް ނައިޓް ބުރާސްފަތި ދުވަހުގެ ރޭ

May 8, 2018

މޯލްޑިވިއަން އައިޑަލްގެ ތިން ވަނަ ސީޒަންގެ ގްރޭންޑް ފިނާލޭގެ ޕާފޯމަންސް ނައިޓް ބުރާސްފަތި ދުވަހު ރެ އަށް އަވަސްކޮށްފި އެެވެ. ގަދަ ފަސް ބައިވެރިންނާ އެކު ބާއްވާ ގްރޭންޑް ފިނާލޭގެ ޕާފޯމެންސް ޝޯ އަވަސްކުރަން ނިންމީ ބައިވެރިންނަށް އެސްއެމްއެސް ކުރުމަށް އޮންނަ ފުރުސަތު އިތުރުކުރުމަށް ކަމަށް އައިޑަލްގެ ޕްރޮޑަކްޝަން ޓީމުން މައުލޫމާތުދެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ 10:30 ގްރޭންޑް ފިނާލޭ އޮންނައިރު، އެ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ވޯޓުލުމުގެ ފުރުސަތު ސަޕޯޓަރުންނަށް ހުޅުވިގެންދާނެ އެވެ.

ފުރަތަމަ ފަހަރަށް މޯލްޑިވިއަން އައިޑަލްގެ ފައިނަލްގައި ފަސް ބައިވެރިން ވާދަކުރާއިރު، ބުރާސްފަތި ދުވަހުގެ ރޭ ދައްކާ ޝޯގައި އެ ފަސް ބައިވެރިންގެ ހުށަހެޅުންތައް ވެސް ފެނިގެންދާނެ އެވެ.

އައިޑަލްގެ ތިން ވަނަ ސީޒަނުގެ ޓައިޓަލްއަށް ވާދަކުރާ ބައިވެރިންނަކީ މަރިޔަމް މައީޝާ، އައިޝަތު އަޒަލް އަލީ ޒާހިރު، ތަސްލީމް އަބްދުލްކަރީމް އާއި އާމިނަތު ސައިނާ މުހައްމަދު ރަޝީދު އަދި ނައުޝާދް އަބްދުލް ލަތީފެވެ.

އައިޑޮލްގެ ފައިނަލްގައި ވާދަކުރާ ތިން ބައިވެރިން ހޮވުމަށް އޮތް ރޭ ނޯ އެލިމިނޭޝަން އިއުލާންކޮށް ފަސް ބައިވެރިން ވެސް ފައިނަލަށް ގެންދަން ނިންމި ނިންމުމަކީ ޕްރޮޑަކްޝަން ޓީމުގެ ނިންމުމެކެވެ. އަދި މިިދިޔަ ހަފްތާގައި ބައިވެރިންނަށް ލިބުނު އާންމުންގެ ވޯޓާއި ޖަޖުންގެ މާކްސް ފައިނަލް ޕާފޯމަންސްގައި ބައިވެރިންނަށް ލިބޭ އަދަދާ އެއް ކުރާނެ އެވެ.