ކުޅިވަރު

ދަ ގޭންގް ފުރަތަމަ ޑިވިޝަނަށް

ދެ ވަނަ ޑިވިޝަންގެ ފައިނަލުގައި، ޖޭޖޭ ސްޕޯޓްސް ކުލަބުގެ މައްޗަށް 3-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ދަ ގްރާންޑެ އަމިގޯސް ނިއު ޖެނެރޭޝަން (ދަ ގޭންގު) ން އަންނަ އަހަރުގެ ފުރަތަމަ ޑިވިޝަންގެ ޖާގަ ހޯދައިފި އެވެ.

މެޗުގެ ފުރިހަމަ ވަގުތު ލަނޑެއް ނުޖެހި އެއްވަރު ވުމުން، ދަ ގޭންގުން ކުރި ހޯދީ ނަތީޖާ ނެރުމުގެ ގޮތުން ޕެނަލްޓީ ގަ އެވެ. ޕެނަލްޓީގައި ތަރި އަކަށްވީ، މާޒިޔާގެ ލޯން އެއްބަސްވުމުގެ ދަށުން ދަ ގޭންގަށް ކުޅުނު އިޔާން އަބްދުލް އަލީމެވެ. ދެ ވަނަ ޑިވިޝަންގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީވެސް އޭނާ އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ދަ ގޭންގްގެ ޒާހިދު އިބްރާހިމް އެވެ.

ޕެނަލްޓީގައި ދަ ގޭންގްގެ ކީޕަރު އިޔާން ވަނީ ޖޭޖޭއިން ޖެހި ހަތަރު ޕެނަލްޓީ ދިފާއު ކޮށްފަ އެވެ. މެނޭޖްމެންޓްގައި ފުރަތަމަ ޑިވިޝަންގެ މަޝްހޫރު ބައެއް ކުޅުންތެރިންގެ ހިއްސާ އޮންނަ، ޖޭޖޭ އަށް ކާމިޔާބު ކުރެވުނީ އެންމެ ޕެނަލްޓީ އެކެވެ. އެއީ މިދިޔަ އަހަރު ނިއު އަށް ކުޅުނު މަހިބަދޫ ސްޕޯޓްސް ކުލަބުގެ ކުރީގެ ކެޕްޓަން އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ކާމިޔާބު ކުރި ޕެނަލްޓީ އެވެ. އޭނާ ފޮނުވާލި ޕެނަލްޓީ ގޯލަށް ވަނީ ކީޕަރު އިޔާން އަތުގައި ޖެހިފަ އެވެ.

ޖޭޖޭގެ ދެ ވަނަ ޕެނަލްޓީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ މޮހްރީ އީސްކޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލް ދަނޑި އަށެވެ. އެ ޓީމުގެ ލިއަނާޑޯ ފޮނުވާލި ޕެނަލްޓީ އިޔާން ސޭވް ކުރީ އެވެ. ޖޭޖޭ އަށް މެޗު ގެއްލުނީ އެ ޓީމުގެ ހަތަރު ވަނަ ޕެނަލްޓީ ކެޕްޓަން އަބްދު ރަޝީދު މާހިރު (އަބު) އަށް ނާކާމިޔާބު ވުމުންނެވެ.

އޭރު ދަ ގޭންގުން ވަނީ ތިން ޕެނަލްޓީ ޖަހާފަ އެވެ. އެ ޓީމުގެ ޕެނަލްޓީވެސް ކާމިޔާބު ކުރި އެވެ. އެ ޓީމަށް ޕެނަލްޓީ ޖަހައިދިނީ އިބްރާހިމް އަބުދުﷲ، އަބްދުލް މުހައިމިން އަދި އަބްދުﷲ ފައުޒާން އެވެ. ދަ ގޭންގް ދިރުން ގެނައުމުގެ ފުރުސަތު އަބޫ އަށް އޮތް ނަމަވެސް، އެކަމަށް ހުރަސް އެޅީ އިޔާން ކުރި މޮޅު ސޭވުން ޕެނަލްޓީ ހުއްޓުވުމުންނެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ދަ ގޭންގްގެ ކޯޗް ފަރީދު މުހައްމަދު (ފަރިއްޓޭ) ބުނީ ކާމިޔާބުގެ ސިއްރަކީ ދަ ގޭންގްގެ މެނޭޖްމެންޓާއި ކުޅުންތެރިން އޭނާ އަށް ދިން އެއްބާރުލުން ކަމަށެވެ.

މިއީ ހެޑް ކޯޗެއްގެ ގޮތުގައި އޭނާ ކުރި ފުރަތަމަ ތަޖުރިބާ އެވެ. މިދިޔަ އަހަރު އޭނާ މަސައްކަތް ކުރީ ގްރީން ސްޓްރީޓްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގަ އެވެ. އޭގެ ކުރިން ނިއު ރޭޑިއަންޓްގެ އެސިސްޓެންޓް ކޯޗުގެ މަގާމުވެސް ފުރި އެވެ.

އޭނާ ބުނީ ހެޑް ކޯޗެއްގެ ގޮތުގައި މިއީ އޭނާ ކޮށްލި ޓެސްޓެއް ކަމަށާއި ފުރަތަމަ ތަޖުރިބާ ކާމިޔާބު ކަމަށެވެ.

ޖޭޖޭ ދެން އޮންނާނީ، ކޮލިފިކޭޝަން ރައުންޑެވެ. ކޮލިފިކޭޝަން ރައުންޑްގައި ވާދަ ކުރާނީ މަލޭ ލީގްގެ ހަ ވަނަ ޓީމެވެ.