ރައީސް މައުމޫން އަބްދުލްގައްޔޫމް

މައުމޫންގެ މިއަދުގެ ޝަރީއަތް ވެސް ކެންސަލް

މިއަދު ބާއްވަން ޝެޑިއުލް ކުރި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ޝަރީއަތް ކްރިމިނަލް ކޯޓުން ދާދި ދެންމެއަކު ކެންސަލްކޮށްފި އެވެ.

އިއްޔެ ވެސް މައުމޫންގެ މައްޗަށް ކުރާ ދައުވާގެ ދެ އަޑުއެހުމެއް ބާއްވަން ޝެޑިއުލް ކުރި ނަމަވެސް، ބަލި ހާލަތު ހުރި ގޮތުން އެ މަނިކުފާނު ކޯޓަށް ހާޒިރު ނުކުރެވިގެން ޝަރީއަތް ކެންސަލް ކުރަން ޖެހުނެވެ. މިއަދުގެ ޝަރީއަތް ކެންސަލްވި ސަބަބެއް ކޯޓުން ނުބުނެ އެވެ. އެހެން ނަމަވެސް މައުމޫންގެ ވަކީލުން އިއްޔެ ވިދާޅުވެފައިވާ ގޮތުގައި ޝަރީއަތް ކެންސަލް ކުރަން ޖެހުނީ އެމަނިކުފާނުގެ ބަލި ހާލަތު ހުރި ގޮތުން ކޯޓަށް ހާޒިރުކޮށްދެވެން ނެތް ކަން ފުލުހުން ކޯޓަށް އަންގާފައިވާތީ އެވެ.

މައުމޫންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ތާވަލްކޮށްފައި އޮތީ މިއަދު ހެނދުނު 10:00 އަށެވެ. އެހެން ނަމަވެސް އެ ޝަރީއަތަށް ވަންނަން ނަން ނޯޓް ކުރަން ދިޔުމުން ކޯޓުން ވަނީ މައުމޫންގެ ޝަރީއަތް ކެންސަލް ކަމަށް ބުނެފަ އެވެ.

މައުމޫންގެ އާއިލާއިން ޑޮކްޓަރުންނާ ހަވާލާދީ ބުނެފައިވާ ގޮތުގައި، މައުމޫން މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ގެންދަވަނީ، "ބިނައިން ޕެރޮކްސިމަލް ޕޮޒިޝަނަލް ވާޓިގޯ" ނޫނީ ބޮލަށް އެނބުރުން އެރުމުގެ ބައްޔަށް ފަރުވާ ކުރައްވަމުން އެވެ. އަދި މިފަހުން ޖަލުގައި ހުންނަވަނިކޮށް މައުމޫންގެ ބޮލަށް ތިން ފަހަރެއްގެ މަތިން އެނބުރުން އަރައި އަމިއްލައަށް ކަންކަން ނުކުރެވޭ ދަރަޖައަށް އެމަނިކުފާނުގެ ހާލަތު ގޮސްފައިވާކަމަށް ވަކީލުން ވަނީ ބުނެފަ އެވެ. އަދި އެކަމާ ގުޅިގެން އެމަނިކުފާނުގެ ޒަރޫރީ ބައެއް ކަންކަން ކުރުމަށް އަނބިކަބަލުން ނަސްރީނާ އިބްރާހިމް ވެސް ދެފަހަރެއްގެ މަތިން ޖަލަށް ވަޑައިގެން މައުމޫންއަށް ވަނީ އެހީތެރިވެ ވަޑައިގެންފަ އެވެ.

އާއިލާއިން ވަނީ މައުމޫންގެ ބަންދަށް ލުޔެއް ދިނުމަށް ސަރުކާރުގައި އާދޭސްކޮށްފަ އެވެ. އެހެން ނަމަވެސް އެ ކަންކަމަށް ސަރުކާރުން އެދެވޭ ޖަވާބެއް މިހާތަނަށް ދީފައެއް ނުވެ އެވެ.