ވިޔަފާރި

އެމްއައިބީ "ފައިސާ މޮބައިލް" އިން އިތުރު ފަސޭހައެއް

May 9, 2018

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މޮބައިލް ބޭންކިންގެ ހިދުމަތް ތައާރަފުކޮށް، ކަސްޓަމަރުންނަށް އިތުރު ފަސޭހައެއް ގެނެސްދީފި އެވެ.

"ފައިސާ މޮބައިލް" ގެ ނަމުގައި އެމްއައިބީގެ އާ މި ހިދުމަތް ތައާރަފުކޮށްދެއްވީ ގަވަރުނަރު އަހުމަދު ނަސީރު އެވެ.

މި ރަސްމިއްޔާތުގައި ގަވަރުނަރު ވިދާޅުވީ މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ބޮޑު ފަސޭހައެއް ލިބިގެން ދާނެ ކަމަށެވެ. އަދި މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންގެ ވަގުތު ސަލާމަތް ވެގެންދާނެ ކަމަށް ނަސީރު ވިދާޅުވި އެވެ.

އެމްއައިބީގެ ހިދުމަތްތަކުގެ ފެންވަރު މަތިކުރަން ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުން ތައާރަފުކުރި ޒަމާނީ މި ހިދުމަތާ ބެހޭ ގޮތުން، އެ ބޭންކުގެ އެކްޓިން ސީއީއޯ އަހުމަދު ރިޒާ ވިދާޅުވީ އެ ބޭންކުގެ ފަލްސަފާއަކީ މި ދާއިރާ އިން ދިވެހިންގެ މަސައްކަތްތައް އިތުރުކޮށް، އުފެއްދުންތެރިކަން މަތިކުރުން ކަމަށެވެ.

"ފައިސާ މޮބައިލް" ގެ ހިދުމަތް ތައާރަފު ކުރުމާއެކު، އެކަމަށް ބޭނުންވާ އެޕްލިކޭޝަން ގޫގުލް ޕްލޭސްޓޯރުން ޑައުންލޯޑް ކުރެވޭއިރު، އައިއޯއެސް އަދި އެންޑްރޮއިޑް ފޯނުތަކަށް ވެސް މި ހިދުމަތް ލިބޭނެ އެވެ. އެމްއައިބީގެ މި ހިދުމަތް މެދުވެރިކޮށް އެކައުންޓްތަކުގެ ހިސްޓްރީ އާއި ބެލެންސް ބެލުމުގެ އިތުރުން އެހެން ބޭންކް ތަކަށް ފައިސާ ފޮނުވުމުގެ ހިދުމަތް ވެސް ލިބޭނެ އެވެ. އަދި އެމްއައިބީ މޮބައިލް ބޭންކިން މެދުވެރިކޮށް އާ ހިދުމަތް ތަކެއް ވެސް ލިބޭނެ އެވެ. މިގޮތުން ކައުންޓްގެ މުއާމަލާތްތައް ފިލްޓާކުރުމުގެ ހިދުމަތާއި ޗެކު ފޮތުގެ ތަފްސީލު ބެލުން އަދި ޗެކު ކްލިއާކުރުމުން ސްޓޭޓަސް ބެލުމުގެ ހިދުމަތް ވެސް ހޯދެ އެވެ. މީގެ އިތުރުން ޗެކު ގެއްލިއްޖެނަމަ އެކަން އެމްއައިބީ އަށް ރިޕޯޓް ވެސް ކުރެވޭނެ އެވެ

އިސްލާމިކް ބޭންކުން މި ހިދުމަތް ފަރުމާކޮށްފައިވަނީ ވަރުގަދަ ސެކިއުރިޓީ ފީޗާތައް ހިމަނައިގެންނެވެ.