ކުޅިވަރު

ޕީއެސްޖީން ފްރާންސްކަޕް ކާމިޔާބު ކޮށްފި

ފައިނަލުގައި ތިން ވަނަ ޑިވިޝަންގެ ލެސް ހާބިއޭސް އަތުން ހޯދި އުނދަގޫ މޮޅާއެކު ޕީއެސްޖީން ފްރާންސް ކަޕު ކާމިޔާބު ކޮށްފި އެވެ.

ފްރާންސްގެ ހުޅަނގު ސަރަހައްދަށް ނިސްބަތްވާ ޓީމަށް ދުނިޔޭގެ ސަމާލުކަން ވަނީ ލިބިފަ އެވެ. އޮކްޓޫބަރު މަހު އެ ޓީމުން ފްރާންސް ކަޕު ފެށީ 217 ސަޕޯޓަރުންނާއެކު އެވެ. މުބާރާތް ނިންމާލީ 72000 ސަޕޯޓަރުންގެ ކުރިމަތީގައެވެ. އެ ޓީމުން ވަނީ ފައިނަލު މެޗަށް 15000 ޓިކެޓް ވިއްކާފަ އެވެ. އެއީ ލެސްހާބިއޭސް ޓައުންގެ ޖުމުލަ އާބަދީ އެވެ.

ޕީއެސްޖީން މެޗު ކާމިޔާބު ކުރީ 2-0 ންނެވެ. ފުރަތަމަ ހާފުގައި، ޖިއޮވާނީ ލޮސެލްސޯ އާއި ކިލިޔަން އެމްބަޕޭ ވަނީ ނުރައްކާތެރި ދެ ބޯޅައެއް ފޮނުވާލާފަ އެވެ. އެ ދެ ބޯޅަވެސް އަމާޒު ވީ ގޯލް ދަނޑި އަށެވެ.

ޕީއެސްޖީގެ ފުރަތަމަ ލަނޑު 26 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ލޮސެލްސޯ އެވެ. އެޓީމުން ޖެހި އިތުރު ލަނޑެއް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ޓެކްނޮލަޖީން ވަނީ ގޯލް ނޫން ކަމަށް ނިންމާފަ އެވެ. ޕީއެސްޖީގެ ދެ ވަނަ ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ އެޑިންސަން ކަވާނީ އެވެ.

ލީގް ޗެމްޕިއަންކަން މި އަހަރު ހޯދި، ޕީއެސްޖީ އަށް ލީގްގައި ބާކީ ދެ މެޗު އެބައޮތެވެ. އެ ދެމެޗަށް ފަހު، ޕީއެސްޖީގެ މިހާރުގެ ކޯޗް އުނައި އެމްރީ އެ ޓީމު ދޫކޮށްލާނެ އެވެ.