ކުޅިވަރު

ބާސާއިން ގްރީޒްމަންއާ ވާހަކަދެއްކުމުން އެތުލެޓިކޯ ރައްދުދީފި

އެތުލެޓިކޯ މެޑްރިޑްގެ އެންޓްއާން ގްރީޒްމަން، އަންނަ ސީޒަންގައި ގެނައުމަށް ބާސެލޯނާއިން ވާހަކަ ދެއްކުމުން އެތުލެޓިކޯ މެޑްރިޑުން ރުޅި ގަދަ ވެއްޖެ އެވެ.

އެތުލެޓިކޯގެ ސީއީއޯ މިގްއެލް އެންހަލް ގިލް މާރިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ބާސާގެ އަމަލުތަކާ ހެދި އެތުލެޓިކޯއިން އަންތަރީސް ވެއްޖެ ކަމަށެވެ. ގިލް ވަނީ ބާސާއިން ގްރީޒްމަންގެ އާއިލާގެ ބައެއް މީހުންނާ ވާހަކަ ދައްކަމުން އަންނަ ކަމަށްވެސް ތުހުމަތު ކޮށްފަ އެވެ.

"ބާސެލޯނާގެ އަމަލުތައް ހުރި ގޮތާ މެދު އަހަރެމެން މުޅިން އަންތަރީސްވެއްޖެ،" ގިލް މާރިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

"އަމިއްލަ ކުލަބުގެ ކުޅުންތެރިންގެ ކޮންޓްރެކްޓް އާ ކުރުމަށް ކުލަބުގެ ރައީސް އޭނާގެ އަމިއްލަ ކުޅުންތެރިންނާ ނުވަތަ ކުލަބު ޑިރެކްޓަރުން އެ ޓީމުގެ އަމިއްލަ ކުޅުންތެރިންނާ ވާހަކަ ދައްކާލާހެން ބާސެލޯނާއިން އެހެން ޓީމުތަކުގެ ކޮންޓްރެކްޓްގައި ތިބި ކުޅުންތެރިންނާ އެބަ ވާހަކަ ދައްކާލާ، މި ހީވަނީ އަމިއްލަ ކުލަބުގެ ކުޅުންތެރިންހެން."

އޭނާ ބުނީ އެތުލެޓިކޯއަށް ޔޫރޮޕާ ލީގްގެ ފައިނަލު މެޗު ކުރިމަތީގައި އޮތްވައި އެތުލެޓިކޯގެ ކުޅުންތެރިންނާ ވާހަކަ ދެއްކުމަކީ އެތުލެޓިކޯއަށް ކުރާ ބޭއިހްތިރާމެއް ކަމަށެވެ.

ބާސެލޯނާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއު ވިދާޅުވެފައި ވަނީ ބާސާއިން އެއްވެސް ކުޅުންތެރިޔަކާ ވާހަކަ ނުދައްކާނެ ކަމަށާއި އެއީ ބާސާއިން ކުރާނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އޭނާ ވަނީ ގްރީޒްމަންގެ އެޖެންޓާ ވާހަކަ ދެއްކި ކަމަށް އެއްބަސް ވެފަ އެވެ. ނަމަވެސް އެއީ ގްރީޒްމަންގެ ޓްރާންސްފާއާ ގުޅިގެން ކަމެއް ނުވަތަ ނޫން ކަމެއްވެސް އޭނާ ބުނެފައެއް ނުވެ އެވެ.

"އެހެން ޓީމުތަކުގެ ކުޅުންތެރިންނާ އަހަރެމެން [ބާސާއިން] ވާހަކަ ނުދައްކާނެ،" ބާޓޮމެއު ވިދާޅުވި އެވެ. "އަހަރެމެން މިހާރު މި ސީޒަން އެނަލައިސް ކުރަނީ އަންނާނެ ކުޅުންތެރިންނާ ޓީމުން ދާނެ ކުޅުންތެރިންނާ މެދުވެސް އަހަރެމެން މިދަނީ ވިސްނުމުން، އަހަންނާ އޭނާ [ގްރީޒަމަން] އާ ބައްދަލުވި ބެލަރިކް އައިލެންޑުން، ނަމަވެސް މި އަހަރު އޭނާއާ އަހަރެން ވާހަކައެއް ނުދައްކަން، އަހަރެން އޮކްޓޫބަރު މަހު އޭނާގެ އެޖެންޓާ ވާހަކަ ދެއްކިން އަދި އަހަރެން [އެންރީކޭ] ސެރޭސޯ (އެތުލެޓިކޯގެ ރައީސް) އާ ވާހަކަ ދެއްކިން، ނަމަވެސް އެއީ މިކަމާ ގުޅޭ ގޮތަކުންނެއް ނޫން."

ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު އެލެކްލެސިކޯ މެޗަށް ފަހު ބާސާގެ ފޯވަޑް ލުއިސް ސުއަރޭޒް ވަނީ ބާސާއާ ގުޅުވައި ގްރީޒްމަން އާ ބެހޭގޮތުން ވާހަކަ ދެއްކާފަ އެވެ.