ކުޅިވަރު

އެހެން ޓީމުތަކުން ހުށަހެޅުންތައް އަންނަން ފަށައިފި: ވެންގާ

މިހާރުވެސް އެހެން ޓީމުތަކުން ހުށަހެޅުންތައް އަންނަން ފަށައިފި ކަމަށް މިސީޒަނަށް ފަހު އާސެނެލް ކޯޗުކަން ދޫކޮށްލާނެ ކަމަށް އިއުލާން ކޮށްފައިވާ ފްރާންސްގެ އާސެން ވެންގާ ބުނެފި އެވެ.

އާސެނަލްގެ ކޯޗް ކަމާ ވެންގާ ހަވާލުވީ 1996 ވަނަ އަހަރު އެވެ. އެ ކުލަބުގައި 22 އަހަރު ހޭދަ ކުރުމަށް ފަހު ކުލަބު ދޫކޮށްލާނެ ކަމަށް މިދިޔަ މަހު ވެންގާ ވަނީ އިއުލާން ކޮށްފަ އެވެ. ނަމަވެސް ފުޓްބޯޅައިގައި ހަރަކާތްތެރިވާނެ ކަމަށް ވެންގާ ވަނީ ބުނެފަ އެވެ.

އޭނާ ބުނީ އާސެނަލްގެ ކޯޗް ކަން ދޫކޮށްލާނެ ކަން އިއުލާން ކުރުމުން، އޭނާ ހީކުރި ވަރަށް ވުރެ ގިނަ ޓީމުތަކުން މިހާރުވެސް ހުށަހެޅުންތައް ލިބިފައިވާ ކަމަށެވެ. ވެންގާ ބުނީ އޭނާގެ ސިކުނޑި އަދިވެސް ބުނަމުން ދަނީ ވަރަށް ހަރަކާތްތެރިކޮށް ފުޓްބޯޅައިގައި އުޅުމަށް ކަމަށެވެ. ނަމަވެސް މިހާތަނަށް ދާނެ ޓީމަކާ މެދު އޭނާ ނުވިސްނާ ކަމަށެވެ.

ޕީއެސްޖީގެ މިހާރުގެ ކޯޗް އުނައި އެމްރީ ވަނީ މި ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލާނެ ކަމަށް އިއުލާން ކޮށްފަ އެވެ. ވާހަކަތައް ފެތުރޭ ގޮތުގައި ޕީއެސްޖީގެ ކޯޗުކަން ވެންގާއާ ހަވާލު ކޮށްފާނެ އެވެ. ނުވަތަ ފްރާންސަށް ކުރިއަށް އޮތް ވޯލްޑްކަޕު ކާމިޔާބު ނުކުރެވިއްޖެނަމަ އެ ޓީމުގެ ކޯޗް ޑިޑިއޭ ޑެޝެމްޕްސް ވަކި ކުރުމަށް ފަހު ވެންގާ އާ ފްރާންސްގެ ގައުމީ ޓީމު ހަވާލު ކުރާނެ ވާހަކަތައްވެސް ދަނީ ދެކެވެމުންނެވެ.

ބީއިން ސްޕޯޓްސް އަށް ކުރިން ދީފައިވާ އިންޓަވިއުއެއްގައި ވެންގާ ބުނީ ގައުމީ ޓީމެއްގެ ކޯޗުގެ މަގާމުން ފެނުމަކީ އެކަށީގެންވާ ކަމެއް ކަމެއް ކަމަށެވެ. ގަތަރުގައި ބާއްވާ 2022 ވަނަ އަހަރުގެ ވޯލްޑްކަޕުގައި ޓީމަކަށް އިރުޝާދު ދޭން ބްނެޗުގައި ހުރެދާނެތޯ ސުވާލުކުރުމުން ވެންގާ ބުނެފައި ވަނީ އެއީ ވުން ވަރަށް ގާތުގައިވާ ކަމެއް ކަމަށެވެ. އަދިވެސް އޭނާ ބޭނުން ވަނީ ކުލަބު ފުޓްބޯޅައިގައި ހަރަކާތްތެރި ވުމަށް ކަމަށް ވެންގާ،68 ބުންޏެވެ.