ކުޅިވަރު

ދެވަނަ ފައިނަލު، ހާލަތު ބަދަލުކޮށް ތިމަރަފުށި ތައްޓަށް

މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލު ތ. ތިމަރަފުއްޓަށް އަލެއް ނުވާނެ އެވެ. އެޓީމުން ވަނީ 2016 ވަނަ އަހަރުގެ ފައިނަލު ވެސް ކުޅެފަ އެވެ. ފުޓްބޯޅައިގެ ވަރުގަދަ ރަށެއް ކަމަށްވާ ބ. އޭދަފުށި އަތުން ތިމަރަފުށީ ބަލިވީ ހިތްދަތި ގޮތަކަށެވެ. އޭދަފުށީގެ ތަފާތަކަށް ވީ އެ ޓީމުގެ ގޯލް ބެލެހެއްޓި ފުރަތަމަ ޑިވިޝަންގެ ތަޖުރިބާ ބޮޑު ކީޕަރު އަބްދުﷲ ޒިޔަޒަން އެވެ.

އަމިއްލަ ރަށަށް ތަށި ގެންދަން ލިބުނު ފުރުސަތު އަތުން ބީވެގެން ދިއުމުގެ ހިތްދަތި ހަނދާންތައް ތިމަރަފުށީގެ ރައްޔިތުން އަދިވެސް އިހްސާސް ކުރާނެ އެވެ. ދެ އަހަރު ކުރިން ފައިނަލުގައި ކުރިމަތިވި ނާކާމިޔާބުން ހިތްވަރު ލިބި ތިމަރަފުށީ އޮތީ ވަރުގަދަ އަށް ތައްޔާރު ވެފަ އެވެ.

"ތަށި ގެއްލުނު ހިސާބުން ފެށިގެން، ވޭތުވެދިޔަ ހަތަރު އަހަރުން ފެށިގެން އަޅުގަނޑުމެން ރަށުގެ އިސްކޮށް މިއުޅޭ މެނޭޖްމެންޓުންނާ ކައުންސިލާ މުޅި ރަށުގެ ރައްޔިތުން ހުރިހާ ބޭފުޅުން ވަރަށް ފޯރީގައި މިކަމަށް ޓާގެޓް ކޮށްގެން ރަށު ޓީމެއް ފުރަތަމަ ޑިވިޝަން ލެވަލްގައި ބާއްވަން ރަށުގައި ގިނަ ކުޅުންތެރިންތަކެއް ތިބީމަ އެކަމަށް ޓާގެޓްކޮށްގެން އަޅުގަނޑުމެން މި ނިކުތީ." ތިމަރަފުށީގެ ކޯޗް އަހްމަދު އަލްތޯ ބުންޏެވެ.

އޭނާ ބުނީ، އަތޮޅު ޗެމްޕިއަންކަމާ ޒޯން ޗެމްޕިއަންކަން ހޯދުމަކީ ތިމަރަފުއްޓަށް މިހާރު މާބޮޑު އުފަލެއް ލިބޭ ކަމެއް ނޫން ކަމަށާއި ތިމަރަފުށީގެ ރައްޔިތުން މިހާރު ބޭނުން ވަނީ ރާއްޖޭގެ ޗެމްޕިއަނުންނަށް ވުމަށް ކަމަށެވެ.

އަލްތޯ ބުނީ ތިމަރަފުށި ތަމްސީލު ކުރަނީ 100 ޕަސަންޓް ރަށު ވަންތަ ޓީމެއްގެ ގޮތުގައި ކަމަށެވެ. އޭނާ ބުނީ ރަށުން ބޭރުން ކުޅުންތެރިން ހިމެނޭނީ ބިދޭސީ ކުޅުންތެރިންގެ ސްޕޮޓަށް އެކަނި ކަމަށާއި ދިވެހި ކުޅުންތެރިންގެ ޖާގައިގައި މުޅިން ތިބޭނީ ތިމަރަފުއްޓަށް ނިސްބަތްވާ ކުޅުންތެރިން ކަމަށެވެ.

އޭނާ ބުނީ ޓީމަށް އެހީތެރިކަން ފޮރުކޮށްދޭ ފަރާތުން، ވެސް އެދެނީ ރަށު ޓީމެއްގެ ގޮތުގައި ތިމަރަފުށީ އޮތުން ކަމަށެވެ.

ތިމަރަފުށީ ޓީމުގެ ކެޕްޓަނަކީ ފުރަތަމަ ޑިވިޝަންގައި ކުރިން ވިޔަންސާ އަށް ކުޅުނު އަބްދުލް ނާސިރު އެވެ. އޭނާ ބުނީ އޭނާ ޓީމުގައި ހުރުމަކީ އެހެން ކުޅުންތެރިންނަށް ލިބޭނެ އިތުބާރެއް ކަމަށެވެ. ކުރީގެ ފައިނަލަށް ނިކުތް ޓީމާ ހިލާފަށް، މިހާރު ތިމަރަފުށި ޓީމު ވަނީ ބަދަލުވެފަ އެވެ. ނާސިރު ބުނީ ޓީމުގައި އޮތީ ޒުވާން ސްކޮޑެއް ކަމަށާއި ނަމަވެސް އެ ކުޅުންތެރިންގެ ފަރާތުން ތަފާތު ފެންނާނެ ކަމަށެވެ.

ތިމަރަފުއްޓާއި ށ. ފޯކައިދޫ ކުޅޭ މެޗު އޮންނާނީ މާދަމާ ރޭ ގައުމީ ފުޓްބޯޅަ ދަނޑުގަ އެވެ.