ބޮލީވުޑް

އަކްޝޭގެ ދެމަފިރިންނަށް ކޯޓުން އިންޒާރު ދީފި

މަޝްހޫރު އެކްޓާ އަކްޝޭ ކުމާރް، 2016 ވަނަ އަހަރު ކުޅުނު ފިލްމު "ރުސްތޮމް" ގައި އޭނާ ލައިގެންހުރި އިންޑިއާގެ ކަނޑުމަތީ ސިފައިންގެ ޔުނީފޯމު ވިއްކާލުމަށް ނީލަމަށްލީ މައްސަލަ ވަނީ ބޮޑުވެފަ އެވެ. މިކަމާއި ގުޅިގެން އިންޑިއާގެ ދިފާއީ ބާރުގައި މަސައްކަތްކުރާ އޮފިސަރުންތަކެއް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

މި މައްސަލައާއި ގުޅިގެން އަކްޝޭގެ އިތުރުން އޭނާގެ އަންހެނުން ޓުވިންކަލް ކަންނާއަށްވެސް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެގެންދިޔަ އެވެ. މިހާރު މައްސަލަ އިތުރަށް ބޮޑުވެ އެ ޔުނީފޯމް ނީލަން ނުކިޔުމަށް ދެމަފިރިންނަށް ވަނީ ކޯޓުން އިންޒާރުދީ ނޯޓިސް ފޮނުވައިފަ އެވެ.

އިންޑިއާގެ ދިފާއީ ބާރުގައި މަސައްކަތްކުރާ އޮފިސަރަކު ވަނީ މި މައްސަލާގައި އެ ދެމަފިރިންނާއި ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ މިހާރު ސިފައިން ގޭގައި މަސައްކަތްކުރާ 11 އޮފިސަރުންނާއި ރިޓަޔާކޮށްފައިވާ ހަތް އޮފިސަރުންނާއި އަދި އާންމުންގެ ތިން މީހެއްގެ ސޮޔާއެކު އެވެ.

ކޯޓުން އަކްޝޭގެ ދެމަފިރިންނަށް ފޮނުވި ނޯޓިސްގައި ބުނެފައި ވަނީ ސިފައިންގެ ޔުނީފޯމު ނީލަމުގައި ވިއްކުމަކީ ގާނޫނީ ކުށެއް ކަމަށާއި އެގޮތަށް ކަންތައް ނުކުރުމަށް ނަސޭހަތްތެރިވެފައިވެ އެވެ. ނޯޓިސްގައި ބުނެފައި ވަނީ ކޯޓުން އެންގި ގޮތާއި ހިލާފުވެއްޖެނަމަ އެ ދެމަފިރިންނާއި ދެމެދު ގާނޫނީ އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

އެ ފިލްމުގައި އަކްޝޭ އަދާކުރި ރޯލަށް އޭނާއަށް ވަނީ ގައުމީ ފިލްމު އެވޯޑުގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑުވެސް ލިބިފަ އެވެ. އަކްޝޭ ނިންމާފައި އޮތީ ނީލަމުގައި އެ ޔުނީފޯމު ވިއްކާލުމަށްފަހު ލިބޭ ލާރި އިންޑިއާގައި ޖަނަވާރު ހިމާޔަތްކުރުމަށް ކުރަމުންގެންދާ މަސައްކަތައް ހަދިޔާކުރުމަށެވެ. ނީލަމަށް އަގު ކިޔުމަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ވަނީ މި މަހު 26 އާއި ހަމައަށް ހުޅުވާލާފަ އެވެ.