ވާހަކަ

ބުނެދޭށޭރުހެމޭ

(8 މެއި 2018 އާ ގުޅޭ) ހަލަފްގެ ކާރުގައި އައިސް މަޑުކޮށްލަންވީއިރު ގޭޓުން ބޭރުގައި މަޑުކޮށްލައިގެން ހުރި އަރްސަލް އެ ދެ މީހުންނަށް ވެސް ފެނުނެވެ. މަގުމަތީގައި އަރްސަލް ހުރުމުން ދެ މީހުންނަށް ވެސް އެކަކު އަނެކަކަށް ބަލާލެވުނީ ކަންބޮޑުވުމާއި ހާސްކަމާއެކުއެވެ.

ގެއާ ދުރުނޫން ހިސާބެއްގައި މަޑުކުރި ކަޅުކުލައިގެ ޕްރައިވެޓް ކާރު ފެނުމުން އެ ދިމާއަށް އަރްސަލަށް ބަލާލެވުނެވެ. ބާރަޖެހީއްސުރެން އަރްސަލްއަށް ގަޑިއަށް ބެލެނީއެވެ. ބައްދަމުން އައި އުދަރެހަށް އިރުއިރުކޮޅާ ބަލާލެވެއެވެ. ބުނެދޭންނޭނގޭ ހަލަބޮލިކަމެއް ނަފްސަށް ވެރިވެފައިވެއެވެ. ފިނިވަމުން އައި ފަޒާއަށް ތެތްކަން ގެނުވީ ވެހެންފެށި ވާރޭއެވެ. އެކަން ވެސް ވީ އިތުރަށް އަރްސަލްގެ ހިތް ނުތަނަވަސް ކުރުވި ކަމަކަށެވެ. ރުޅި އަންނަން ބޭނުންނުވި ނަމަވެސް އޭނާގެ ސިކުނޑީގައި އުފެދޭ ޚިޔާލުތަކުން އެކަން ކާމިޔާބެއްނުވިއެވެ. ގޭޓު ކައިރިން ކުރިއަށް ޖެހިލާ މަގަށް އަރްސަލް ނުކުތެވެ. ފަނޑު އަލިކަމުގެ ތެރޭގައި ކާރުގައި ތިބީ ކޮންބައެއްކަމެއް ވަތްކެއްނުވެއެވެ. ނަޒަރު ވަކިކޮށްލަން ބޭނުންނުވެފައި ހުއްޓާ ކުރީ ސީޓުގެ ދޮރުފަތް ހުޅުވާލާފައި ނުކުތް ޒުވާނާ ފެނުމުން އެއީ ހަލަފްކަން ވަގުތުން އަރްސަލްއަށް އެނގުނެވެ. އެއާއެކު ހުރި ފިޔަވަޅުމަތީ މަޑުކޮށްލިއެވެ. ދެން ފެނުނީ ހަލަފް ކާރުގެ ކުރިމަތިންލާފައި ގޮސް އަނެއްފަރާތުން ކާރުގެ ކުރީ ދޮރުފަތް ހުޅުވާލިތަނެވެ. ނަމަވެސް އެތެރޭގައި އިން މީހަކު ނުނިކުތެވެ. ހަލަފް ތިރިވެލުމާއެކު އަނެއްކާ ވެސް އޭނާ އަރްސަލްގެ ލޮލަށް ނިވާވެއްޖެއެވެ.

"ރެޑް... ދޮންބެ އެ ހުންނަނީ ރެޑް ގެއަށް ނައިސްގެންކަން ޔަގީން. ކީއްވެތަ ގެއަށް އަންނަން ބޭނުންނުވަނީ. ތި ދެ މީހުންގެ ދެމެދުގައި ހިނގީ ކޮންކަމެއްތަ؟ އެންޑް ޕްލީޒް... ނުބާތި ކަމެއްނުވެޔޭ. އަހަރެން ގާތުގައި ބުނީމައެއްނު އެހީއެއް ވެވޭނީ" އުނގުގައި އޮތް ދެއަތުގެ ތެރޭ ނިމްރާ މޫނު ފޮރުވާލައިގެން އިން ގޮތުން އޭނާއާ އެއްހަމައަކަށް ތިރިވެލި ހަލަފް ސުވާލުކުރީ ކަންބޮޑުވުމާއެކުއެވެ.

"ރެޑް... ވާރޭ..." ނިމްރާ ހަރަކާތެއް ނުކުރުމުން ހަލަފް ބުނެލިއެވެ. ތުނިކޮށް ވެހެމުންދިޔަ ވާރޭ އޭރު ބޯކޮށްފިއެވެ. ނިމްރާ މަޑުމަޑުން ހަށިގަނޑު ތެދުކޮށްލުމާއެކު ކާރުން ފައިބަން އެނބުރިލުމުން ހަލަފް ކޮޅަށް ތެދުވެ ދުރަށް ޖެހިލީ ނިމްރާއަށް ތަންދެމުންނެވެ.

"ތޭންކްޔޫ... އައި ހެޑް އަ ގްރޭޓް ޓައިމް" ކާރުން ފައިބާ ހަލަފްއަށް ނަޒަރު ސީދާކޮށްލައިގެން ހުރުމަށްފަހު ނިމްރާ ބުނެލިއެވެ. އެ މޫނުމަތިން ހިނިތުންވުމެއް ހަލަފްއާ ބަދަލުކޮށްލި ނަމަވެސް އެ ދެ ލޮލުގައިވި ނުތަނަވަސްކަން ހަލަފްއަށް އުނދަގޫ ކުރިއެވެ. އެ ދެ ލޮލުން ހީވަނީ ރޮވިދާނޭތީ އުޅޭހެނެވެ.

"ވައި އާ ޔޫ ސޭޑް ރެޑް... ޕްލީޒް ސިސް... ޓެލް މީ" ނިމްރާ އިސްޖަހާލަން އުޅުމުން އޭނާގެ ކޯތާފަތުގެ ދެފަރާތުން ހަލަފް ހިފަހައްޓާލިއެވެ.

"އިތުރަށް މަޑުކުރުން ރަނގަޅެއްނުވާނެ" ހަލަފްގެ އަތް މޫނާ ވަކިކޮށްލާ ނިމްރާ ހިނގައިގަތެވެ. އޭނާގެ ފަހަތުން ހަލަފް އައެވެ.
އަރްސަލްއަށް ބަލާލުމެއްނެތި އިސްޖެހިފައި ހުރެ ނިމްރާ ގޭޓާ ދިމާއަށް އައެވެ. ނަމަވެސް އެ ހިސާބަށް ނުދެވިގެން އުޅެނިކޮށް އޭނާގެ މުލައްދަނޑީގައި ނިކަން ބާރަށް ހިފަމުން އަރްސަލްއާ ދިމާއަށް ދަމައިގަތެވެ. އެ ކުއްލި ހަރަކާތުން ނިމްރާ އަރާފައި ހުރި އުސްފައިވާނުގައި ހަށިގަނޑު ނުހިފެއްޓި ވެއްޓެން ދިޔައެވެ. ބޭއިޚްތިޔާރުގައި ނިމްރާއަށް ހަޅޭލަވައިގަނެވުނެވެ. އެހިނދު ހަލަފްގެ އަޑު ވެސް އިވިގެންދިޔައެވެ. ނަމަވެސް އަރްސަލްގެ އަވަސް ހަރަކާތާއެކު ނިމްރާގެ އަތުގައި ހިފައިގެން ހުރި އަތް ނޫން އަނެއްއަތުން އޭނާގެ އުނަގަނޑުގައި ހިފާ ގާތްކޮއްލުމާއެކު ވެއްޓުނަ ނުދީ ހިފެހެއްޓިއެވެ. ނިމްރާގެ ފައި ހަމައަށް އެޅުނުކަން އެނގުނު ހިނދު ނިކަން އަވަހަށް އަރްސަލް އޭނާއާ ދުރަށް ޖެހުނެވެ.

"ގަޑިން ވީއިރު އެނގޭތަ؟ އާދެވުނުލެއް އަވަސްކަމުންތަ ދެ މީހުން ދުރަށް ނުދެވިފައި ތިބީ؟ އަދިވެސް މިރެއަށް ވާވަރު ނުވަނީތަ؟" އަރްސަލްގެ ހަރުކަށިކަން އެކުލެވިފައިވި އަޑާ އެއްވަރަށް ނިމްރާގެ އަތުގައި ހިފަހައްޓައިގެން ހުރި އަތް ވެސް ބާރުވަމުންދިޔައެވެ.

"އަހަރެން ހިތްހަމަޖެހުނީމައެއްނު އަންނާނީ. އެއީ ކަލޭ ބަލަންޖެހޭ ކަމެއްނޫނެއްނު. އެހެންނޫނަސް ގޭގެ މެއިޑު ބޭރުގައި ވީތީއޭ ކިޔާފައި ވެރިމީހާ ނުކުމެ މަގުމަތީގައި ހުންނަންޖެހޭކަމެއް ނޭނގެ" ނިމްރާ ވެސް ވާހަކަދެއްކީ ބާރަށެވެ. އެ ދެ މީހުންގެ ކޯޅުން ބަލަން ހަލަފް ހުރީ އަޖައިބުވެފައެވެ.

"ތެދެއް ދޮންބެ މިތާ ބޭރުގައި ކީއްތަ ތިކުރަނީ؟" ހަލަފް ބޭނުންވީ ނިމްރާއާ އެއްކޮޅަށް އަރާށެވެ.

"ހަލަފް ނުޖެހޭ މި ދެމެދަށް ވަންނާކަށް... މީހަކު ހަލަފްއަކާ ވާހަކައެއް ނުދައްކާ" ހަލަފްއާ ދިމާއަށް އަރްސަލް ހަޅޭލަވައިގަތެވެ.

"ކަމޯން ދޮންބޭ... އިޓްސް ރެއިނިންގް. ވާރޭގައެއްނޫން ވާހަކަދައްކަން ތިބޭނީ. އަހަރެން ބޭނުމެއްނޫން ރެޑް ބަލިވާކަށް" ހަލަފްގެ ވާހަކަތަކުން އިތުރަށް އަރްސަލްއަށް ދަތްކުނޑިވިކާލެވުނެވެ. ތެމި ފޯވަމުންދިޔަކަން ނިމްރާއަށް ވެސް އިހުސާސްވީ ދެނެވެ.

"ތަދުވޭ... އަރް... ދޫކޮށްލަބަލަ..." ރުޅިގަދަވެފައި ހުރެ ނިމްރާގެ އަތަށް ފިތާލެވުނުކަން ވެސް އަރްސަލްއަށް އެނގުންވީ ނިމްރާ ހަޅޭލަވައިގަތުމުންނެވެ. ދެން ފެނުނީ ހަލަފް އައިސް އަރްސަލް ދުރަށް ކޮއްޕާލައި އޭނާގެ އަތާއި ނިމްރާގެ އަތް ވަކިކޮއްލި ތަނެވެ. ފަހަތަށް ދިޔަ ބާރުމިނުގައި ކުރިއަށް ޖެހިލާ ހަލަފްގެ ދެކޮނޑުގައި އަރްސަލް ހިފާ ކޮއްޕާލިއެވެ.

"ހަލަފް" ފަހަތަށް ހަލަފް ވެއްޓުނުތަން ފެނި ނިމްރާ ގޮވާލީ އިންތިހާއަށް ކަންބޮޑުވެގެންނެވެ.

"ގޯ ހަލަފް... ޕްލީޒް ގޯ" ނިމްރާ މަޑުމަޑުން ބުނެލިއެވެ. ނިމްރާ ބަލަން ހުރި ގޮތުން އެ ދެ ލޮލުގައިވާ އާދޭސް ހަލަފްއަށް ސިއްރެއްނުވިއެވެ. ކަނާއަތް ހިއްލާލާ ފޯނު ކުރާފަދަ އިޝާރާތެއް ކުރަމުން އޭނާއަށް ފަހުން ގުޅުމަށް ބުނެފައި ހަލަފް އެނބުރި ކާރަށް އަރަން ދިޔައެވެ.

ނިމްރާ ދުވަމުން ކަހަލަ ގޮތަކަށް ގޭތެރެއަށް ވަދެ ލިފްޓު ހުޅުވުމަށް ސުވިޗަށް އޮބާލިއެވެ. ނަސީބަކުން ވަގުތުން ހުޅުވުނު ލިފްޓަށް އަވަހަށް ނިމްރާ ވަނެވެ. ނަމަވެސް ލެއްޕެމުން ދިޔަ ދޮރުގައި އަރްސަލް ހިފެހެއްޓީ ހުސިޔާރު ކަމާއެކުއެވެ. އޭނާ ވަނުމުގެ ކުރީން ލިފްޓުގެ ކަނަކަށް ނިމްރާ ޖެހުނެވެ. ތެމިގެން މޫނުމައްޗަށް ފައިބާފައި ހުރި އިސްތަށިތައް ރީތިކުރުމަށް އަރްސަލް ދެއަތުން މައްޗަށް ވާގޮތަށް އަތްފުނާ އަޅަމުން ދިޔައިރު އޭނާގެ ނަޒަރު ހުރީ ނިމްރާއަށް ހުއްޓިފައިކަން ޚުދު ނިމްރާއަށް ވެސް އެނގެއެވެ. ނިމްރާގެ ބޮލުން ފެށިގެން ފަޔާ ހަމައަށް އަރްސަލްގެ ނަޒަރު ދަތުރުކުރިއެވެ.

"ޔޫ ކިސްޑް ހިމް... ކާރު ތެރޭ..." ދަތްތަކަށް ބާރު ލައިގެން ހުރެ އަރްސަލް ސުވާލުކުރިއެވެ. ނަމަވެސް އެ އަޑު ނީވޭކަމަށް ނިމްރާ ހެދުނެވެ. ތަދުވަމުންދިޔަ އަތުގައި ހިފަހައްޓާލައިގެން ހުރެ ނިމްރާ ކުރިއަށް ޖެހިލީ އަރްސަލްއަށް ފުރަގަސް ދިނުމަށެވެ. ނިމްރާ ސިހުނީ އޭނާއާ ދާދި ގާތުގައި އަރްސަލް އައިސް ހުއްޓުމާއެކު ލިފްޓުގައި އަރްސަލް ޖެހިލެއް ބާރުކަމުންނެވެ.

"އަހަރެން ކުރާ ސުވާލަށް ޖަވާބުދީ" ނިމްރާގެ ކަންފަތް ބުޑުގައި އަރްސަލް ހަޅޭލަވައިގަތެވެ.

"އަހަރެންގެ ޕާސަނަލް ކަންކަމާ ގުޅިގެން ކުރާ ސުވާލަކަށް ޖަވާބުދޭކަށް ނުޖެހޭނެ" ނިމްރާ ބުންޏެވެ.

"އަހަރެން ބުނާ ވަގުތަކުން އަހަރެން ބުނިކަމެއް ކުރާން ހުރި މީހެއްތީ. އެކަމެއްނޭނގޭތަ؟ އައި އޯން ޔޫ. ސްލޭވްއަކަށް ހެދިޔަސް...މިސްޓްރެސްއަކަށް ހެދިޔަސް... އިޓްސް މައި ޗޮއިސް... ރަންޑީއެއްނޫނޭ ބުނިއިރު މިރޭ ތިއައީ އެހެން އުޅެފައެއްނު، އަހަރެން ގުޅީމަ ކޮންމެތާކު ހުރެފައި ވިޔަސް ފޯނަށް ޖަވާބު ދޭން ޖެހޭނެ. ކީއްވެ މިރޭ ޖަވާބު ނުދެވުނީ. އެހާ ވެސް ކުރަންތިބި ކަމެއްގެ ތެރެއަށް ގެއްލިފަތަ ތިބީ... އެންމެ ހިނދުކޮޅަކަށް ވެސް ހުއްޓާލަން ބޭނުންނުވީ ދޯ"

"ސްޓޮޕް އިޓް" އަރްސަލްގެ ވާހަކަ އަޑުއަހަން އުނދަގޫވެގެން ނިމްރާ ހަޅޭލަވައިގަތެވެ.

"ކަލޭ ކަހަލަ މީހަކު އެކަނި އަމިއްލަ ކޮއްކޮއާ މެދު އެކަހަލަ ހީކުރުންތަކެއްކުރާނީ. ކަލޭ ހީކުރަނީ ކޮންމެ ފިރިހެނަކީ ކަލޭ ކަހަލަ މީހެއްކަމައްތަ؟ އަހަރެން ރަންޑީއަކަށްވެގެން ހުރިހާ ފިރިހެނުން ގާތަށް ދިޔަޔަސް ކަލޭ ގާތަކަށް ނުދާނަން" ރޮވެން އުޅުމުން ނިމްރާ ވާހަކަދެއްކުން ހުއްޓާލިއެވެ. ހަމަ އެވަގުތު ލިފްޓު ވެސް ހުޅުވިއްޖެއެވެ. ދެރަވެ ރުޅި އައިސްފައި ހުރިވަރުން އޭނާގެ އަތް ތުރުތުރު އެޅިއެވެ. އަތުގައި އޮތް ކްލަޗް ހުޅުވާލާ އޭގައި އޮތް ކީކާޑު ނެގިތަނާހެން އަރްސަލް އެޕާޓްމެންޓުގެ ދޮރު ހުޅުވައިފިއެވެ. އަދި ނިމްރާގެ އަތުގައި ހިފާ އެތެރެއަށް ގަދަކަމުން ވައްދާ ދޮރު ލައްޕާލިއެވެ. އޭނާގެ އަތް ވަގުތުން ނިމްރާ ފޮޅުވާލިއެވެ.

"ދުނިޔޭގެ ހުރިހާ ފިރިހެނުން އަތްލިޔަސް ކަލޭ އަހަރެންގެ ގައިގާ އަތްނުލާތި" ރުޅިވެރިކަމާއެކު މޫނު ހަދާލައިގެން ހުރެ ނިމްރާ ބުންޏެވެ.

"އަހަރެން ކިތައްފަހަރު ގުޅިތޯ ބަލާބަލަ؟ ކޮބާ ފޯނު؟ ނަގާ ފޯނު... ހަމަ މިހާރު ފޯނު ނަގާ" ނިމްރާގެ އަތުގައި އޮތް ކީކާޑު އަތުލަމުން އަރްސަލް އަމުރު ކުރިއެވެ. ދެވަނަ ފަހަރަށް އަރްސަލް ބުނި އެއްޗެއް ތަކުރާރު ކުރުމުން ނިމްރާ ކްލަޗްގެ ތެރެއިން ފޯނު ނެގިއެވެ. ސަތޭކަވިހި މިސްކޯލާއި ތިރީސް މެސެޖު ފެނި އަޖައިބުވިއެވެ. އިސް އުފުލާލަން ވާއިރަށް ނިމްރާގެ އަތުން އަރްސަލް ފޯނު ޖަހައިގެންފިއެވެ.

"ފޯނަށް ޖަވާބު ނުދެވެންޏާ ކީއްކުރަން ގެންގުޅޭ ފޯނެއް" އަރްސަލް މިހެން ބުނުމާއެކު ފެނުނީ އަތުކޮޅަށް ފޯނު ހޫރުވާލިތަނެވެ. ނިމްރާއަށް ހަޅޭލަވައިގަނެވުނެވެ. ފާރުގައި ޖެހި ފޯނު ފުނޑުފުނޑުވެ ބައިތަށް ވަކިވެގެން ދިޔައެވެ. އެވަރުން އަރްސަލް މައިތިރިއެއް ނުވިއެވެ. ފޯނުގެ ވަކިވެފައި އޮތް ބައި ނަގައި އޭގައި އޮތް ސިމްކާޑު ނަގާ ބަނޑިކޮއްލުމާއެކު މެމޮރީ ކާޑު ނަގައި އެވެސް ބިންދާލައިފިއެވެ. އަދި އަތުގައި އޮތް ބައިތަށް ނިމްރާގެ ފައިބުޑަށް އުކާލިއެވެ.

"މި އެޕާޓްމެންޓުން ބޭރަށް ނުކުމެވޭނޭ އެންމެ ފަހު ރޭ މީ" އަރްސަލް ބުނެލިއެވެ.

"އަހަރެން އަދި ވާހަކަދައްކާ ނުނިމެއޭ... ކާކު ބުނީ ދާށޭ" ނިމްރާ ކޮޓަރިއަށް ދާން ހިނގައިގަތުމާއެކު އޭނާގެ ދެއަތުގައި ހިފާ ފަހަތަށް ކޮއްޕާލަމުން ގެނެސް ދޮރުފަތުގައި ޖައްސާ އަރްސަލް އޭނާ ހައްޔަރުކުރިއެވެ.

"އާ...ރ...ގް....! ޑިސްގަސްޓިންގް... އަހަންނަށް ތި ހެދުން އެއްގޮތަކަށް ވެސް ކަމަކު ނުދޭ" އަރްސަލް މޫނަށް ވައްތަރުތަކެއް ޖައްސަމުން ނިމްރާގެ ހެދުމަށް ބެލިއެވެ. އަދި އޭނާގެ ދެއަތުން ދޫކޮށްލާފައި ހެނދުމުގެ އުނަގަނޑުން ތިރިއަށް އޮތް ބައިގެ ލޭސްގަނޑުގައި ހިފިހިފީނުން އިރާލިއެވެ.

"އަ..ރް..ސަ..ލް... ނޫން... ހައު ޑެއާ ޔޫ ޑޫ ދެޓް... އިޓް ވޯޒް އަ ގިފްޓް... އައި ހޭޓް ޔޫ..." ނިމްރާ މޮޔައަކު ފަދައިން ހަޅޭލަމުން އަރްސަލްގެ ގައިގާ ތަޅައިގަތެވެ.

"އައި ޑޯންޓް ކެއާ... ދެން ތިހެދުމެއް ނުލެވޭނެއެއްނު" އަރްސަލް ވެސް ވަގުތުން ރައްދު ދިނެވެ.

އަޑުގަދަވެގެން ނިދިފައި އޮތް ރާދިންއަށް ހޭލެވުނު ހިނދު ނިމްރާގެ އަޑު ކަންފަތުގައި ޖެހި ކޮޓަރިން ނުކުމެވުނީ ދުވެފައި ކަހަލަ ގޮތަކަށެވެ. ސިޓިންރޫމުގައި ފުނޑުފުނޑުވެފައި އޮތް ފޯނު ރާދިންއަށް ފެނުނެވެ. ނިމްރާގެ ދެއަތުގައި ހިފަހައްޓައިގަނެގެން އަރްސަލް އުޅޭތަން ފެނި އެ ދެ މީހުން ދުރުކުރަން އެ ދެމެދަށް ރާދިން އައިސް ވަނެވެ.

"ކިހިނެއްތަވެގެން މިއުޅެނީ؟" ނިމްރާއާ ދުރަށް އަރްސަލް ޖައްސަމުން ރާދިން ވެސް ސުވާލުކުރީ ބާރަށެވެ. އެއާއެކު ނިމްރާގެ ހެދުން އިރައިގެން ގޮސްފައި ހުރި ތަން ރާދިންއަށް ވެސް ފެނުނެވެ. އޭނާ ވަގުތުން ބަލާލީ އަރްސަލްއަށެވެ. ނިމްރާ އިތުރު އެއްވެސް އެއްޗެއް ނުބުނެ ހަލުވިކޮށް ހިނގާފައި އެތެރެއަށް ދިޔައެވެ.

"އަރްސަލް... ކީއްވެ ނިމްރާގެ ހެދުން ހަލާކުވެފައި އެ ހުރީ. މީ ނިމްރާގެ ފޯނު ދޯ" ރާދިން ސުވާލުކުރިއެވެ.

"އެ އަންހެނާ ބޭނުންހާ ގޮތަކަށް އުޅޭކަށްނޫނޭ ގެނެސްފަ އެ ހުރީ. ދޭއް ތިނެއްޖަހާއިރަކު ނޫން ގެއަށް އަންނަންޖެހޭނީ" އަރްސަލްގެ ރުޅި މަޑު ނުވާކަން އޭނާ ވާހަކަދެއްކި ރާގުން ރާދިންއަށް އެނގުނެވެ.

"ނިމްރާ ލަހުން ގެއަށް އައިއޭ ކިޔާފައި އޭނާ ލައިގެން ހުންނަ ހެދުމާ އޭނާ ގެންގުޅޭ ސާމާނު ހަލާކުކުރަން ޖެހޭތަ؟" ރާދިން ވާހަކަދެއްކީ މަޑުންނެވެ. އަރްސަލް ނުރުހުމުގެ ބެލުމަކުން ރާދިންއަށް ބަލާލުމަށްފަހު އެތަނުގައި ނުހުރެ އައިސް ކޮޓަރިއަށް ވަދެ ބާރަށް ދޮރު ޖެހިއެވެ. އިމާރާތަށް ވެސް ލޮޅުން އަރައިގެންދިޔަ ފަދައެވެ.

* * * *

ސިއްރު ސިއްރުން ވަގަކު އުޅޭހެން ބޮޑުކޮޓަރިއަށް ވަދެވެން ހުރި ދޮރު ހަލަފް ހުޅުވާލީ ވަރަށް މަޑުންނެވެ. އެތެރެއަށް ވަދެ ދޮރު ލައްޕާލާ ތަޅުލީ ވެސް އެހާ މަޑުންނެވެ. ފިޔަވަޅުގެ އަޑު އިވިދާނޭތީ ފައިނަގައި ބަހައްޓަމުން ދިޔައީ އެހާމެ ސިއްރުވެރި ގޮތަކަށެވެ. ބޮޑުކޮޓަރިއަށް ވާ ގޮތަށް ހުރި ސިޑިން ދެ ހަރުފަތް ހުރަސްކޮށްލި ތަނާ އަނދިރިކޮށް އޮތް މާޙައުލު ކުއްލިއަކަށް އަލިވެގެން ދިޔައީ ސޯފާތަކާ ދިމާގައި އެލުވާފައި ހުރި ޗާންދަލިޔާގެ އަލިންނެވެ. ހަމައެވަގުތު ދެއަތްއުރާލައިގެން ސިޑިއާ ދިމާއަށް ބިލާލު ބަލަން ހުރިތަން ހަލަފްއަށް ފެނުނެވެ.

"ޑޭޑް" ހާސްވެފައި ހުރެ ހަލަފްއަށް ބުނެވުނެވެ.

"ތެމިފޯވެފައެއްނު ތި ހުރީ. ކޮންތާކުން ތި އައީ؟" ބިލާލު ސުވާލުކުރިއެވެ.

"ސޮރީ ޑޭޑް... ޕާޓީ ނިންމާފައި ރައްޓެހިންނާއެކު މަޑުކޮއްލެވުނީ. ގަޑިން ވީއިރު އެނގުނީ މާ ފަހުން... ދެން... ދެން އެހެނެއްނުވާނެ... ޕްރޮމިސް ޑޭޑް" ހަލަފް ކުޑަކުއްޖަކު ފަދައިން ބުނެލިއެވެ.

"ހަލަފްއަށް އެނގޭނެ ބައްޕަ ހިތްހަމަޖެހޭ ކަމެއްނޫންކަން އެއީ އެހާ ލަސްވަންދެން ބޭރުގައި އުޅުން. ރޭގަނޑު އެހާ ދަންވަންދެން އުޅޭކަށް މާލެ ތެރެ ރައްކާތެރިއެއްނޫނޭ އަބަދު މިކިޔަނީ" ބިލާލު ނުރުހުމަށްވުރެ ދަރިފުޅާ މެދު ކަންބޮޑުވިއެވެ.

"ދެން އެހެން ނުވާނޭ ޑޭޑް... އައި އޭމް ރިއަލީ ސޮރީ" ހަލަފް ބުނެލިއެވެ.

"އޯކޭ! ދެން ދޭ ނިދަން" ބިލާލު ބުނެލިއެވެ.

ހަލަފް އަވަސް އަވަހަށް ސިޑިން އަރައިގެން އައިސް އޭނާގެ ކޮޓަރިއަށް ވަނެވެ. ލައިގެން ހުރި ހެދުން ބަދަލުކޮށްގެން އައިސް އެނދަށް އެރިއެވެ. އޮށޯތުމާއެކު އޭނާ ނިމްރާގެ ފޯނަށް ގުޅިއެވެ. އަރްސަލް ފަހުން ކަންތައް ކުރީ ކިހިނެއްތޯ އެނގެން އޭނާ ބޭނުންވީއެވެ. ނަމަވެސް ނިމްރާގެ ފޯނަށް ގުޅަން އުޅެ ގުޅޭގޮތް ނުވުމުން އޭނާ ފޯނު ނިއްވާލީ ކަމުގައި ހަލަފް ހީކުރިއެވެ.

"ވައި ދޭ ފައިޓް އޯލްވޭޒް... ރެޑް އިސް ބިއުޓިފުލް. އޯ... އޯ މައި ގޯޑް... ދޮންބެ އެންޑް ރެޑް... އާ ދޭ އިން ލަވް... މި ދޭތެރެއިން ރެޑް ފެނުނީ ވަރަށް ހެޕީކޮށް... އެކަމަކު މިރޭ ތަފާތު. ވަރަށް ބޮޑަށް ވެސް ތަފާތު... މިރޭ ދޮންބެ އުޅުނު ގޮތުން ހީވަނީ ރެޑް އަހަންނާއެކު ޕާޓީއަށް ދިޔައީތީ އެކަމާ ރުޅި އައިސްގެން އުޅުނުހެން... ވޯޒް ހީ ޖެލަސް... އެކަމަކު... އެހެންވެދާނެތަ؟... އިޒް އިޓް ޕޮސިބަލް... ދޮންބެ ރެޑްދެކެ ލޯބިވަނީތަ ނޫނީ ރެޑް ދޮންބެދެކެ ލޯބިވަނީތަ؟... ދޮންބެ މިހާރު އެ އުޅޭ ގޮތަށް ރިއެކްޓު ކުރާތަނެއް ދުވަހަކުވެސް ނުފެނޭ. ލޫންދައްތަ އުޅުނު އިރު ވެސް އަހަރެން ދަން. ލޫންދައްތަ ބުނިހާ ގޮތެއް ހަދައިގެން ދޮންބެ އުޅޭނީ... އަބަދު ލޫންދައްތަ ދޮންބެ ފަހަތުން އުޅޭތަން ފެންނާނީ... ލޫންދައްތަ ވަކިވުމުން އެހާ ބޮޑު ބަދަލެއް ދޮންބެއަށް އަތުވެދާނެތަ؟... ދޮންބެ ކަންތައްކުރި ގޮތުން ރެޑް ހުރީ ވަރަށް ދެރަވެފައި. އަހަރެން ލޫންދައްތައާއެކު ވަގުތު ހޭދަކުރިޔަސް ދުވަހަކުވެސް ދޮންބެ ގޯސް އެއްޗެއް ނުބުނޭ. އެކަމަކު މިރޭ... މިރޭ އަހަންނާއި ރެޑްއާ ގުޅުވާފައި ދޮންބެ އެ ދެއްކީ ހުތުރު ވާހަކައެއް... އަހަންނާއި ރެޑްއާ ދެމެދު އެކަހަލަ ގުޅުމެއް ވެސް ނެތް. އެކަހަލަ ޚިޔާލެއް ވެސް އަހަރެން ނުކުރަން. ރެޑް އިޒް ލައިކް އަ ސިސްޓާ އެންޑް އަ ކްލޯސް ފްރެންޑް... ކީއްވެތަ ރެޑް ހުރިހާ ކަމެއް ކިޔައިދޭން ބޭނުންނުވަނީ... އިޓްސް ލައިކް ޝީ އިޒް ސަފަރިންގް އަ ލޮޓް... ޝީ އިޒް އިން ލޮޓް އޮފް ޕެއިން... ދޮންބެއާ ގުޅުން ހުރީތީ ކަންނޭނގެ ބުނަން ބޭނުންނުވަނީ... އަހަންނަކީ ދޮންބެގެ ކޮއްކޮއަށް ވީމަތަ؟" ހަލަފް އެކި ގޮތްގޮތަށް އަރްސަލްއާއި ނިމްރާއާ މެދު ވިސްނެވެ. އެ ދެމެދުގައި އޮންނަ ރުޅިވެރިކަން ގުޅިފައިވަނީ ކޮންކަމަކާކަން އޭނާއަށް ޔަގީން ކުރާކަށް ނޭނގުނެވެ. އެހެންވިޔަސް އެ ދެމެދުގައި ސިއްރު ގުޅުމެއް ހިނގަނީއޭ ހަލަފްއަށް ވަރަށް ހީވިއެވެ.

* * * *

އެނދުގައި އޮށޯތުމާއެކު ވަރުބަލިކަން ނިމްރާގެ ހަށިގަނޑަށް ވެރިވެގެން ދިޔައެވެ. ކުރިން ރޭ ވެސް ނުނިދާ ހުރުމުގެ ސަބަބުން ލޯ ހުޅުވާލާނޭ ވަރުނެތި މަރުފަދަ ހިމޭންކަމުގެ ތެރެއަށް ނިމްރާގެ ނަފްސު ގެނބިގެން ދިޔައީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. އިތުރަށް ވިސްނާ ފިކުރުކުރުމަށް ފުރުޞަތު ނުދީއެވެ.

ހޭލެވުމާއެކު ގަޑި ބަލާލަން އަރިމަތީމޭޒުގެ މައްޗަށް އަތްލެއްވުމާއެކު ރޭގައި ހިނގައިދިޔަ ކަންތައްތައް ނިމްރާގެ ހަނދާނަށް އައެވެ. އޭނާގެ ފޯނު އަރްސަލް އެއްލާ ފުނޑުފުނޑުކޮއްލި ގޮތެވެ. އެ ފޯނުގައި ރައްކާކޮށްފައި ހުރި ހުރިހާ އެއްޗެއް ވެސް ދިޔައީއެވެ. މަޑުމަޑުން އެނދުން ތެދުވެ ފާޚާނާއަށް ނިމްރާ ވަނެވެ. ކިނބިހި އެޅެން ފެށުނީ ދެނެވެ. ފެންވަރައި ރީތިވެގެން ކޮޓަރިން ނުކުމެގެން އައިސް ސިޓިންރޫމުގައި ހުރި ގަޑި ބަލާލިއެވެ. ހެނދުނު ދިހައެއް ޖަހައި ދިޔައީއެވެ. ހަލާކުވި ފޯނުގެ އަސަރު ވެސް ސިޓިންރޫމުގައި ފެންނަން ނެތެވެ. ޓިޝޫއަކުން ނޭފަތް ފޮޅަމުން ވަށައިގެން ބަލާލުމަށްފަހު ނިމްރާ ސައިބޯން އުޅުނެވެ.

ތަށިތައް ދޮވެފައި ހޫނު ސައިތަށްޓެއް ހަދައިގެން ގެނެސް ކާމޭޒު މަތީ ނިމްރާ ބެހެއްޓިއެވެ. އަދި ފައިސްޓްއެއިޑް ފޮށިން ސިޓްރެޒަން ގުޅައެއް ނަގައި އެ ފޮށި ހުރި ތަނަށް ލިއެވެ. ފެންފޮދަކާއެކު ބޭސްގުޅަ ކާލާފައި މޭޒު ދޮށުގައި ނިމްރާ އިށީނެވެ. ސައިތަށި ހޫނުކަމުން ދެތިން ފަހަރު ތުންޖަހާލާފައި އެއްފަރާތްކޮއްލިއެވެ.

ސިޓިންރޫމާއި ބަދިގެއާ ދިމާއަށް ނުކުމެވުނު އަރްސަލްއަށް ކާމޭޒު ދޮށުގައި އިން ނިމްރާ ފެނި ހުއްޓެވުނެވެ. ދެފައިގޮނޑިއަށް އަރުވާ ވަށްކޮއްލައިގެން އިންއިރު މޭޒުގައި ދެއަތް އަޅުވާލައި އަތްމަތީ އަރިއަކަށް ވާގޮތަށް ބޯ ބާއްވާލައިގެން ނިމްރާ އިނެވެ. އަރްސަލް ކަރު ކެހިލި ނަމަވެސް ނިމްރާގެ ހިލަމެއްނުވިއެވެ. އޭނާ އޮފީހަށް ނުކުންނަން ބޭނުންނުވިއިރު ހެނދުނު ސައި ވެސް ނުބޮއެ ހުރުމުން އެ ގަޑީގައި ނުކުތީ ސައިބޯންވެގެންނެވެ. މަޑުމަޑުން އައިސް ސީރިއަލް ތައްޔާރުކޮއްގެން އެ ތަށި ހިފައިގެން ކައުންޓަރު ދޮށުގައި އިށީނެވެ. އެތަނުގައި އިންނައިރު ކާމޭޒުމަތީ ބޯއަޅާލައިގެން އިން ނިމްރާ ފެނެއެވެ. ދެ ލޯ މަރާލައިގެން އޮތް ގޮތުން ނިމްރާއަށް ނިދިފައިކަން އެ އޮތީ އަރްސަލް ދެނެގަތެވެ. އޭނާ ސީރިއަލް ތަށިން ސަމްސަލަކަށްފަހު ސަމްސަލެއް އަނގައަށް ލަމުން ދިޔައިރު އޭނާގެ ނަޒަރު ހުރީ ނިމްރާގެ މޫނަށް ހުއްޓިފައެވެ. ސައިބޮއެ ނިންމާފައި ސިންކަށް ތަށިލިއެވެ. ދެން އެނބުރިލި ގޮތަށް ކާމޭޒު ކައިރިއަށް ޖެހިލާ ފިނިވެފައި ހުރި ސައިޖޯޑު ބަންޑުން ކޮށްލިއެވެ. ނިމްރާގެ ދެއަތާ ހަމައަށް އައި ސައިފަތު ފެނުގެ އަސަރުން ފުންމައިގެން ދުރަށް ޖެހެވުނެވެ. ފުރަތަމަ ވެސް އޭނާއަށް ފެނުނީ އަރްސަލްއެވެ.

"މީ މީހުން ނިދަން ހުރި ތަނެއްނޫން... ސާފު ކުރޭ ތި ތަން" އަރްސަލް ބުނެލިއެވެ.

"ސައި... ސައި ހަދަންވީތަ؟" ނިމްރާ އެހިއެވެ. އަރްސަލް ނޫނެކޭ ބުނީ ވެސް ރުންކުރުކަމާއެކު ދުރުދުރުން ވާހަކަދައްކަމުންނެވެ.
އެޕާޓްމެންޓުގެ ބެލް އަޅާލި އަޑަށް އަރްސަލް ގޮސް ދޮރު ހުޅުވިއެވެ. ދޮރުމަތީ ހުރި ހަލަފް ފެނުމުން ވަގުތުން ދޮރުކަނީގައި އެއްއަތް ވިއްދާލާ އަނެއްއަތުން ދޮރުފަތުގައި އަރްސަލް ހިފަހައްޓާލިއެވެ.

"ކީއްކުރަން ތި އައީ؟" އަރްސަލް ބުނެލިއެވެ.

"ރެޑް ކޮބާ؟" އަރްސަލްއަށް ބަލަން ހުރެ ހަލަފް އެހިއެވެ.

"ތި އައިތަނަކަށް ދާން އުޅޭ... އޭނާއާ ވާހަކައެއްނުދެއްކޭނެ" އަރްސަލް ދޮރުލެއްޕިއެވެ. އެނބުރުނު އިރު އޭނާއަށް ބަލަން ނިމްރާ ހުއްޓެވެ. އަރްސަލް ކަޅި އަޅާލުމާއެކު ނިމްރާ މޭޒުމަތި ސާފުކުރަން އުޅެން ފެށިއެވެ.

* * * *

ހަފްތާއެއް ވެގެން ދިޔައިރު އަރްސަލްގެ ޖެއްސުން ނިމްރާއަށް އިތުރުވިއެވެ. އޮފީހަށް ނުނިކުމެ އަރްސަލް ގިނަވަގުތު ހޭދަކުރީ ކޮޓަރީގައެވެ. ކާގަޑީގައި ނުކުމެއްޖެނަމަ ނިމްރާ ކުރަން ޖެހޭ މަސައްކަތް އިތުރުވެގެންދެއެވެ. ސާފުކުރަންޖެހޭ ތަންތަން ގިނަވެއެވެ. ތަޅާލީ ކިތައް ތަށިކަމެއް ނޭނގެއެވެ. އަރްސަލްގެ އެއްވެސް ކަމަކުން ނިމްރާއަށް އަސަރު ކުރާކަން ނުދެއްކުމަށް ކުރެވުނު ހުރިހާ ކަމެއް ނިމްރާ ކުރިއެވެ. ހަޤީޤަތުގައި އަރްސަލް ރުޅި އައިސްގެން އުޅެނީ ކޮންކަމަކާ ހުރެ ކަމެއް ވެސް ނިމްރާއަށް ނޭނގެއެވެ. އެ ދެމެދުގައި ގުޅުމެއް އޮތްކަމަށް ހީކުރެވުނީ ނިމްރާއަށެވެ. އަރާފައި އޮތް އޮޅުން ސާފުކޮށްދިނީ ޚުދު އަރްސަލްއެވެ. އެކަމަކު ހުރިހާ ކަމެއްކޮށްފައި ވެސް ރުޅި އައިސްގެން އެ އުޅެނީ އޭނާއެވެ. ނިމްރާގެ ކެތްތެރިކަން ކޮޅުންލާހާވެއްޖެއެވެ. އަނެއްކޮޅުން އަރްސަލްއާއި ރާދިން ބަހާލައިގެން ކުރަމުން އައި މަސައްކަތްތައް ރާދިން އެކަނި ކުރަން ޖެހުމުން އޭނާ ހުރީ ބޯގޮވާ ހިސާބަށް ގޮސްފައެވެ. ސައުވީސް ގަޑިއިރު މަސައްކަތުގައި އުޅޭ މީހަކު ފަދައެވެ.

"ޑޭމްއިޓް... ފަ*..." ކޮފީ މޭޒުދޮށުގައި އިނދެފައި ރާދިން ބަލަން އިން ކަރުދާސްތައް ބުރުވާލާ ބޮލުގައި ހިފަހައްޓާލިއެވެ. ކޮފީ މެޝިން ކައިރީ ހުރި ނިމްރާ ބަލާލީ ހަމްދަރުދީގެ ނަޒަރަކުންނެވެ. އެ ކަރުދާސްތަކެއް ރާދިން ބަލާތާ ދެގަޑިއިރު ވެއްޖެއެވެ.

"ރާދު... ވައި ޑޯންޓް ޔޫ ޓޭކް އަ ބްރޭކް" ކޮފީ ޖޯޑު ގެނެސް ރާދިންއަށް ދެމުން ނިމްރާ ބުންޏެވެ.

"ސޮރީ ޑާލިންގް..." ނިމްރާގެ އަތުން ކޮފީޖޯޑު ނަގަމުން ރާދިން ބުނެލިއެވެ.

"ހާދަ ބޮޑު އެމައުންޓެކޭ ތަފާތު އެވަނީ" ކޮފީޖޯޑުން އެތި ފޮދެއް ބޯލާފައި ހަށިފުރާ ނޭވާއެއް ލަމުން ރާދިން ބުނެލިއެވެ.

"އަހަރެން އެހީއެއް ވެދެންތަ؟" ރާދިންގެ ހާލު ދުށުމަށް އުނދަގޫވެފައި ހުރި ނިމްރާ ބުންޏެވެ.

"ޑާލިންގް... ޔޫ ކާންޓް ހެލްފް ވިތް ދިސް... ނިމްއަށް ނޭނގޭނެ މިކަހަލަ ކަންތައްތައް" ރާދިން ބުނެލިއެވެ.

"އައި އޭމް މެޖާޑް އިން ފައިނޭންސް އެންޑް އެކައުންޓިންގް... އައި ހޭވް މައި ޑިގްރީސް" ނިމްރާ ބުނެލިއެވެ. ރާދިންއަށް އަޑުއިވުނު އެއްޗެއް ޔަގީން ނުވެ އަނގަހުޅުވިފައި ނިމްރާއަށް ބަލަން އިނދެވުނެވެ.

"ވަޓް..." އިރުކޮޅަކު އާގަމަވެފައި އިނދެފައި ރާދިން ބުނެލިއެވެ.

"ލެޓް މީ ޝޯ ޔޫ... އަހަރެން ޗެކުކޮށްލަ ދީފާނަން. އޭރުން ރާދުއަށް ފެނުނު އަދަދާ ދިމާވަންޏާ އެނގޭނެއެއްނު" ނިމްރާ އައިސް ރާދިންގެ ގާތުގައި އިށީނެވެ. ރާދިން އުކާލި ކަރުދާސްތައް އެއްކުރުމަށްފަހު ރާދިންގެ ލެޕްޓޮޕުން ފެންނަން ހުރި ތަފްސީލު ޝީޓުތަކަށް ބަލަމުން ފަންސޫރަކުން އަދަދުތައް ބަލަމުން ކަލްކިއުލޭޓާރުގެ އެހީގައި މަސައްކަތް ކުރިއަށް ގެންދިޔައެވެ.

"ހޫ އާ ޔޫ ޑާލިންގް... ސޯ ޔަންގް... ބިއުޓިފުލް... އެންޑް ސްމާޓް... ދިރިއުޅުމުގައި މިހިސާބަށް އަންނަންޖެހުނީ ކިހިނެއް؟ ކިޔަވައިގެން ހުރިއިރު މި ގޭގައި ގެންގުޅޭ ކުއްޖެއްހެން އަރްސަލް ލެވިހާ ހަޅޭކަކަށް ކެތްކޮށްގެން ހުރުމުގގެ ބޭނުމަކީ ކޮބާ؟ ނިމްރާ ދިޔަޔަސް އަރްސަލްއަކަށް ނުހުއްޓުވޭނެ... ކީއްވެ އަމިއްލައަށް އަރްސަލްގެ ހައްޔަރުގައި ބަނދެވިގެން ތި އިންނަނީ... ޑާލިންގް އައި ވޯންޓް ޓު ނޯ... އައި ވޯންޓް ޓު ނޯ މޯ އަބައުޓް ޔޫ" ނިމްރާ މަސައްކަތުގައި އިންގޮތް ފެނި ރާދިން އަމިއްލަ ހިތާ ސުވާލުކުރިއެވެ. ނިމްރާއަށް ބަލާލާފައި އެއީ އޭނާ އަލަށް ކުރާ މަސައްކަތެއް ނޫންކަން ރާދިންއަށް އެނގުނެވެ. އޭނާ އިތުރަށް ނިމްރާގެ ޒާތީ ދިރިއުޅުމާމެދު ޝައުގުވެރިވިއެވެ. (ނުނިމޭ)