ކުޅިވަރު

އިޓާލިިއަން ކަޕް ޔުވެންޓަސް ކާމިޔާބު ކޮށްފި

ފައިނަލުގައި އޭސީ މިލާންގެ މައްޗަށް 4-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ޔުވެންޓަސް އިން ކޮޕާ އިޓާލިއާ ކާމިޔާބު ކޮށްފި އެވެ.

ޔުވެންޓަސްގެ ހަތަރު ލަނޑުގެ ތެރެއިން ޑިފެންޑަރު މަހްދީ ބެނާޓިއާ ވަނީ ދެ ލަނޑު ޖަހާފަ އެވެ. ޔުވެންޓަސްގެ ފުރަތަމަ ލަނޑު އޭނަ ކާމިޔާބު ކުރީ 56 ވަނަ މިނެޓްގައި ޕައުލޯ ޑިބާލާ ނަގައިދިން ކޯނަރު ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ދެ ވަނަ ލަނޑު ޑަގުލަސް ކޯސްޓާ ކާމިޔާބު ކުރީ އޭރިއާގެ ބޭރުން، އޭނަ ފޮނުވާލި ބޯޅަ އޭސީ މިލާންގެ ޒުވާން ކީޕަރު ޖިއާންލުއީޖީ ޑޮނަރުންމާ އަތުގައި ޖެހިފަ އެވެ. ކޮސްޓާ ފޮނުވާލި ބާރު ބޯޅަ ޑަނަރުންމާ މަސައްކަތް ކުރީ ދިފާއުކޮށް ކޯނަރަކަށް ބޭރު ކޮށްލާށެވެ. ނަމަވެސް ބޯޅަ ގޯލަށް ވަނީ އޭނާގެ އަތުގައި ޖެހިފަ އެވެ.

ޔުވެންޓަސްގެ ތިން ވަނަ ލަނޑު ބެނާޓީއާ ކާމިޔާބު ކުރީ ޑޮނަރުންމާ އަށް ހެދުނު މިސްޓޭކެއްގެ ފައިދާ ނަގައިގެންނެވެ. ޑިބާލާ ބޮލުން ފޮނުވާލި ބޯޅަ ޑޮނަރުންމާ އަތުން ދިފާއު ކުރުމުން އޭނާގެ ކުރިމައްޗަށް ވެއްޓުނު ބޯޅަ ބެނާޓިއާ ވަނީ އެއްފަހަރުން ޖަހައި ގޯލްގެ ތެރެއަށް ބޮޅަ ފޮނުވާލާފަ އެވެ.

ޔުވެންޓަސްގެ ހަތަރު ވަނަ ލަނޑަކީ، އޭސީ މިލާންގެ ނިކޮލާ ކާލިނީޗް އަތުން ބައިކޮލަށް ވަން ލަނޑެކެވެ. ޔުވެންޓަސް ނެގި ކޯނަރު އޭނާ މަސައްކަތް ކުރީ ބޮލުން ދިފާއު ކުރާށެވެ. ނަމަވެސް އޭނާ ބޮލުގައި ޖެހިފައި ބޯޅަ ވަނީ އަމިއްލަ ގޯލަށެވެ.