ދިވެހި ސިނަމާ

"ތިޔަ ލޯތްބާ ދުރަށް"ގެ ލަންކާ ޝޯތައް ހައުސްފުލް ވެއްޖެ

މަޝްހޫރު ވާހަކަލިޔުންތެރިޔާ މަރިޔަމް މޫސާ ޑައިރެކްޓުކުރި ފުރަތަމަ ފީޗާ ފިލްމު "ތިޔަ ލޯތްބާ ދުރަށް"ގެ ޝޯތަކެއް ވަނީ އޮލިމްޕަހުގައި ދައްކާފަ އެވެ. މިހާރު މި ފިލްމު ލަންކާގައި ދެއްކުމަށް ތައްޔާރުވަމުން އަންނައިރު، ލަންކާގައި ދައްކަން ނިންމާފައި އޮތް ދެ ޝޯވެސް ވަނީ ހައުސްފުލްވެފަ އެވެ.

މި ދެ ޝޯ ދެއްކުމަށް ހަމަޖެހިފައި ވަނީ މިއަދު ލަންކާގެ މައުޓްލެވީނާ ސިޓީ ސިނަމާގަ އެވެ. ޑައިރެކްޓަރު މަރިޔަމް ބުނީ ފިލްމަށް ލިބުނު ތަރުހީބާއެކު އިތުރު ޝޯތަކެއް ލަންކާގައި ދެއްކުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ރޯދަ މަހަށްފަހު މި ފިލްމު އަތޮޅު ތެރޭގައި ދެއްކުމަށްވެސް ވަނީ ނިންމާފަ އެވެ. އަތޮޅު ތެރޭގައި ފިލްމު ދެއްކުމަށް ޝައުގުވެރިވާ ފަރާތްތަކުން ފިލްމުގެ ޕްރޮޑިއުސަރާއި ގުޅުމުން އެ އިންތިޒާމު ހަމަޖައްސައިދޭނެ އެވެ.

"ތިޔަ ލޯތްބާ ދުރަށް" ޓްރެއިލާ.

ލޯތްބާއި އައިލީ ކަންކަމާއި ދިރިއުޅުމުގެ އެކި ކަހަލަ ކަންތައްތައް ދައްކުވައިދޭ މި ފިލްމުގެ ލީޑު ކާސްޓުންގެ ތެރޭގައި ހިމެނެނީ އަހުމަދު އަޒްމީލް، މަލީހާ ވަހީދާ، މަރިޔަމް ޝަހްޒާ، އަހްމަދު އަމަން އަދި ލަންކާގެ ބަތަލާ އުދޭނީ އެވެ.