ބޮލީވުޑް

މިހާރު އެންމެ ބޭނުމީ ކޮމެޑީ ފިލްމެއް ކުޅެން: ސައިފް

އެކްޓާ ސައިފް އަލީ ހާންގެ މިފަހުން ނިކުތް ހުރިހާ ފިލްމެއްވެސް ވަނީ ނާކާމިޔާބުފެ އެވެ. ފިލްމު "ފެންޓޮމް"، "ރަންގޫން" އަދި "ކަލާކާންޑީ" އަށްވެސް ބޮކްސް އޮފީހުގައި ރަނގަަޅު އާމްދަނީއެއް ލިބިފައެއް ނުވެ އެވެ. މިއިން ކޮންމެ ފިލްމަކީވެސް ތަފާތު ޖޯންރާއަކަށް ނިކުތް ފިލްމުތަކެވެ.

އަނެއްކާވެސް ސައިފް މި ވަނީ ތަފާތު ޖޯންރާއެއްގެ ފިލްމެއް ކުޅުމަށް ނިންމާފަ އެވެ. ޑީއެންއޭ އިންޑިއާއަށް ދިން އިންޓަވިއުއެއްގައި ސައިފް ބުނީ، "ވަރަށް ގިނަ ވައްތަރުގެ ފިލްމުތައް ކުޅެއްވިއްޖެ. އެހެންވީމާ މިހާރު އަހަރެން އެންމެ ބޭނުން ކޮމެޑީ ފިލްމެއް ކުޅެން." ކަމަށެވެ. ކުރީގައި ކޮމެޑީ ފިލްމުތައް ކުޅެފައި ހުރި ސައިފް ކޮމެޑީ ފިލްމަކުން ނުފެންނަތާ މިހާރު ގިނަ އަހަރުތަކެއް ވެއްޖެ އެވެ.

ކޮމެޑީ ފިލްމެއްގެ މަސައްކަތް ކުރަމުން އަންނަތޯ ސުވާލުކުރުމުން ސައިފް ބުނީ، މަޝްހޫރު ޑައިރެކްޓަރު ލަވް ރަޖަންއާއެކު ކޮމެޑީ ފިލްމެއް ގެނެސްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ޑައިރެކްޓާ ލަވްގެ އެންމެފަހުން ނިކުތް ކޮމެޑީ ފިލްމު "ސޯނޫ ކޭ ޓިއްޓޫ ކީ ސްވިޓީ" އަށް ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިފަ އެވެ.

"އަދި ވަކި ފިލްމެއް ކަނޑައެއް ނާޅަން. އެކަމަކު ކުޅޭނީ ކޮމެޑީ ފިލްމެއްގައި ބައްޕައެއްގެ ރޯލު. ލަވް ރަޖަން އަންނަނީ އެ ފިލްމުގެ މަސައްކަތްތައް ކުރަމުން. ފިލްމާއި ގުޅޭ ވާހަކަތައް ދައްކަން އަދި މާ އަވަސްހެން ހީވަނީ. އެކަމަކު ޔަގީނުންވެސް ފިލްމު ގެނެސްދޭނަން." ސަައިފް ބުންޏެވެ.

ސައިފް މިހާރު އަންނަނީ ނެޓްފްލިކްސްއާއެކު ކްރައިމް ތްރިލާ ސީރީޒް "ސެކްރެޑް ގޭމްސް" ގެ މަސައްކަތް ކުރަމުންނެވެ. އަންނަ ޖުލައި މަހު ހައެއްގައި މި ސީރީޒް ރިލީޒްކުރަން ނިންމާފައިވާއިރު، މިހާރު ވަނީ ދެ ވަނަ ސީޒަނަކަށް ރިނިއުވެސްކޮށްފަ އެވެ. މީގެ އިތުރުން ސައިފް ކުރިން ކުޅުނު ކޮމެޑީ ފިލްމު "ގޯ ގޯއާ ގޯން"ގެ ދެ ވަނަ ފިލްމެއް ގެނެސްދިނުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.