ހަބަރު

ޖޭޕީގެ ރިޔާސީ ކެނޑިޑޭޓަކީ ގާސިމް ކަމަށް ނަޝީދު ވިދާޅުވެއްޖެ

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކީ ގާސިމް އިބްރާހީމް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހީމަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ގުޅިފައިވާ ޕާޓީތަކުން އެއް ކެނޑިޑޭޓެއް ނެރެވޭނެ ކަމަށާއި މިއަހަރުގެ ރިޔާސީ އިންތިހާބު އިދިކޮޅު އިއްތިހާދުން ކާމިޔާބު ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ތަރުޖަމާން އަލީ ސޯހިލް "އަވަސް" އަށް ވިދާޅުވީ، އިއްޔެ އެޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށާއި އެމަނިކުފާނު ހޮވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ. އަދި އެ ޕާޓީގެ އަސާސީ ގަވާއިދު ބުނާގޮތުން އެ ޕާޓީގެ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރު ކަމަށާއި އިތުރު މީހަކަށް އެ ޓިކެޓް ލިބޭނީ އަސާސީ ގަވާއިދު އިސްލާހު ކޮށްގެން ކަމަށެވެ.

ސޯލިހު ވިދާޅުވީ، ގަވާއިދަށް އިސްލާހު ނުގެންނަހާ ހިނދަކު ޕާޓީގެ ލީޑަރަކީ އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ކަމަށާއި އެކަން އަދި އޮތީ އެގޮތަށް ކަމަށެވެ. ރައީސް ނަޝީދު އެގޮތަށް ވިދާޅުވީ އިއްޔެ އެޕާޓީން އެގޮތަށް ދެންނެވުމާއި ގުޅިގެން ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ އެކްޓިވިޓީސް ކޮމެޓީގެ ޗެއާ، ޑރ. އަބްދުﷲ މައުސޫމް އިއްޔެ ބޭއްވި ޕްރެސްގައި ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ވަރަށް އަވަހަށް ބޭއްވާނެ ކަމަށެވެ. އަދި ވިދާޅުވީ، އެޕާޓީގެ ގަވާއިދަށް އިސްލާހު ގެނެސްފިނަމަ، އެހެން މެންބަރުންނަށް ޓިކެޓް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އަންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ފަރާތްތަކުން އެއް ކެނޑިޑޭޓެއް ނެރޭނެ ކަމަށް ބުނަމުންދާއިރު، އިދިކޮޅު ޕާޓީތަކުން ޕްރައިމަރީ ބޭއްވުމަށް ދަނީ ތައްޔާރު ވަމުންނެވެ. އެގޮތުން އިދިކޮޅު އެމްޑީޕީން މި މަހުގެ 30 ވަނަ ދުވަހު ބާއްވާނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި ޕްރައިމަރީގައި ނަޝީދު ބައިވެރިވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.