ކުޅިވަރު

ނިއުގެ ތަރިން ކުޑަކުދިންނަށްޓަކައި "ވަރަށް ތަފާތު" ހަރަކާތެއް

އުރީދޫގެ ބްރޭންޑް އެމެބަސެޑާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ތަރިންނާއެކު، ކުޑަކުދިންނަށް ހާއްސަ ހަރަކާތެއް އުރީދޫއާ ގުޅިގެން ނިއު އިން ބާއްވައިފި އެވެ.

ނިއުގެ ކެޕްޓަން އަލީ އަޝްފާގް އާއި ވައިސްކެޕްޓަން އަލީ ފާސިރު ފަދަ ތަރިންނާއެކު އެފްއޭއެމް މިނި ޓާފްގައި ކުރިއަށް ގެންދިޔަ ހަރަކާތަކީ، ކުޑަކުދިންނަށް ނިއުގެ ތަރިންނާއެކު ވަގުތު ކޮޅެއް ހޭދަ ކޮށްލުމުގެ ފުރުސަތު ހޯދައިދިނުމަށް ބޭއްވި ހަރަކާތެކެވެ.

މި އިވެންޓްގައި އުރީދޫގެ މުވައްޒަފުންގެ އާއިލާތަކުގެ ކުޑަކުދިންނާއި، ނިއު ރޭޑިއަންޓްގެ އެކެޑެމީގެ ކުދިން ބައިވެރިވި އެވެ. އަދި މިއަދު ވަނީ ނިއުގެ ކުޅުންތެރިންނާ އެކެޑެމީ ކުޅުންތެރިންގެ މެދުގައި ރަމްޒީ ފުޓްބޯޅަ މެޗެއް ކުޅެފަ އެވެ.

"ނިއުގެ ކެޕްޓަން އަޝްފާގް އާއި އަލީ ފާސިރު އަދި ނިއުގެ މިތިބަ ގިނަ ކުޅުންތެރިންނަކީ ވަރަށް ގިނަ އަދަދެއްގެ ކުޑަކުދިން އެކުދިންގެ ހީރޯއެއްގެ ގޮތުގައި ބަލާ ކުޅުންތެރިން،" ނިއުގެ ޖެނަރަލް ސެކެޓްރީ އަހްމަދު ނިޔާޒު މުސާ ވިދާޅުވި އެވެ. "އަޝްފާގް އާއި އަލީ ފާސިރު އާ ބައްދަލު ކޮށްލަން ބޭނުންވެފަ އެ ފުރުސަތު ނުލިބި ތިބި ކުދިން ތިބޭނެ، މި އިވެންޓުން އެކުދިންނަށް އެކުޅުންތެރިންނާ ބައްދަލު ކޮށްލުމުގެ ފުރުސަތުވެސް މި ލިބިގެން ދިޔައީ."

އުރީދޫއިން މި އިވެންޓް ޕްރަމޯޓް ކުރީ އެ ކުންފުނީގެ ޕްރޮޑަކްޓްތައް މާކެޓް ކުރުމަށް މިހާރު ބޭނުން ކުރާ ޝިއާރު "ވަރަށް ތަފާތު" ޓެގްލައިންގެ ދަށުންނެވެ.

ނިއުގެ ތަރިންގެ ޓީމާ ދެކޮޅަށް އުރީދޫއިން ނެރުނީ "ވަރަށް ތަފާތު" ޓީމެކެވެ. ނިއުގެ ތަރިންނާއެކު ކުޑަކުދިންނަށް ހާއްސަކޮށް ގެންދިޔަ ހަރަކާތްވެސް ވީ "ވަރަށް ތަފާތު" ހަރަކާތަކަށެވެ.