ބިދޭސީން

ބިދޭސީން އުޅޭ ތަންތަނާއި ކައްކާ ތަންތަން ފާސްކުރަން ފަށައިފި

May 10, 2018

މާލެ ސިޓީގައި ބިދޭސީން ދިރިއުޅޭ ތަންތަނާއި ބިދޭސީންނަށް ކައްކާ ކާންދިނުމުގެ ހިދުމަތްދޭ ތަންތަން ބަލައި ފާސް ކުރުމުގެ އޮޕަރޭޝަނެއް ސިފައިން ފަށައިފި އެވެ.

މިއީ ފަޔާ އެންޑް ރެސްކިއު ސާވިސް (އެފްއާރުއެސް) އިން ސިލްސިލާކޮށް ހިންގާ "އޮޕަރޭޝަން ހިރާސް ފާސް" ގެ ބައެކެވެ. މިއަދު މި އޮޕަރޭޝަން ކަޅުތުއްކަލާ ކޮށީގައި ފައްޓަވައި ދެއްވީ ޑިފެންސް މިިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރެވެ.

ބަލައި ފާސް ކުރުމުގެ މި އޮޕަރޭޝަންގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅިފައިހުރީ ކިހާ މިންވަރަކަށްތޯ ބެލުމާއެކު އަލިފާނުން ރައްކާތެރިކޮށްދޭ ނިޒާމް ހުރިތޯ ބަލައި، އެ ތަކެތީގެ ހާލަތު ދެނެގަނެ، އަލިފާން ނިއްވުމަށް ބޭނުންކުރާ އާލާތްތަކުގެ ފެންވަރު ހުރީ ކިހާ މިންވަރަކަށްތޯ ބެލުމުގެ އިތުރުން އިމާރާތާއި ބެހޭ މުހިންމު މަޢުލޫމާތުތައް ބެލުމަށް އެތަންތައް ސާވޭ ކުރާނެ އެވެ.