ވިޔަފާރި

އާ ޕެސެންޖަރު ޓާމިނަލް ޕައިލް ކުރަން ފަށައިފި

May 11, 2018
1

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ އިންޓަނޭޝަނަލް ޕެސެންޖަރު ޓާމިނަލް ޕައިލް ކުރަން ފަށައިފި އެވެ. އެއާޕޯޓް ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ސީނިއަ އޮފިޝަލަކު "އަވަސް" އަށް ބުރާސްފަތި ދުވަހު ވިދާޅުވީ އާ ޓާމިނަލްގެ ޕައިލް ކުރުމުގެ މަސައްކަތް އަންގާރަ ދުވަހު ފަށާފައިވާ ކަމަށެވެ.

ނަމަވެސް އިތުރު ތަފުސީލެއް އޭނާ ވިދާޅެއް ނުވެ އެވެ.

ހަތް މިލިއަން މީހުންނަށް ހިދުމަތްދޭ ހަދާ އާ ޕެސެންޖަރު ޓާމިނަލްގެ ޕައިލިން މަސައްކަތްތަކީ އާ ޓާމިނަލްގެ ސްޓްރަކްޗާ ގެންނަންވާއިރަށް ކުރަން ޖެހޭ ކަމެކެވެ. މިގޮތުން 1200 ޕައިލް ޖަހާނެ އެވެ.

މިހާރު ހުރި ޓާމިނަލްއާ އިން ވެގެން ހަދާ، އާ ޓާމިނަލްގެ މަސައްކަތް ކުރަނީ 300 މިލިއަން ޑޮލަރަށް ސައޫދީ ބިންދާދިން ކުންފުނިންނެވެ.

އެމްއޭސީއެލްގެ އޮފިޝަލަކު މިދިޔަ މަހު "އަވަސް" އަށް ވިދާޅުވީ އާ ޓާމިނަލްގެ ސްޓްރަކްޗާ ބޭރުގައި ތައްޔާރު ކުރުމުގެ މަސައްކަތް ވެސް ފެށިފައިވާ ކަމަށެވެ. ނަމަވެސް އެ ރާއްޖެ ގެނެވޭނެ ދުވަހެއް ވިދާޅެއް ނުވެ އެވެ.

ވީއައިއޭގެ އާ ޕެސެންޖަރު ޓާމިނަލް ތަރައްގީ ކުރަނީ ގާތްގަނޑަކަށް 80،000 އަކަ މީޓަރު ބޮޑު އޭރިއާއެއްގަ އެވެ. އެއާޕޯޓް ތަރައްގީ ކުރަނީ ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނުމަށެވެ. ޕެސެންޖަރު ޓާމިނަލްގެ މަޝްރޫއު ސައޫދީ ބިންލާދިން ގްރޫޕާ ސަރުކާރުން ހަވާލުކުރީ 21، މެއި 2016 ގަ އެވެ. ނަމަވެސް އެއާޕޯޓް މަޝްރޫއުގެ އެހެން ބައިތަކުގެ މަސައްކަތް ފެށިގެންދާތަން ފެންނައިރު ޓާމިނަލްގެ މަސައްކަތް ހަލުވި ދުވެލީގައި ކުރާތަނެއް ނުފެނެއެވެ. އެހެންވެ، މި މަސައްކަތް ހަލުވި ކުރުމުގެ ގޮތުން ސަރުކާރުގެ ސީނިއަ ބައެއް އޮފިޝަލުން ވަނީ ސައޫދީއަށް ގޮސް، އެކަމާމެދު މަޝްވަރާވެސް ކޮށްފަ އެވެ. އަދި މި ބައްދަލުވުމަށްފަހު ބުނެފައިވަނީ މި މަސައްކަތުގެ ބޮޑުބައި މި އަހަރު ނިމޭނެ ކަމަށެވެ.

ޓާމިނަލްގައި ހިމެނޭ ބައިތައް

- ޓާމިނަލްގައި 40 ޑީޕާޗާ ގޭޓް
- 38 އިމިގްރޭޝަން ކައުންޓަރު
- ޒަމާނީ ފެންވަރަށް ހަދައި ހިޔާކޮށްފައިވާ 12 ޖެޓީ
- ހަ އެއިރޯ ބްރިޖް، ހަތަރު ބްރިޖަށް ބޮޑު ކުރެވޭނެ
- ޒަމާނީ ބެގޭޖް ސްކްރީނިން އަދި ބެގެޖް ސާވިސް ބެލްޓްތައް
- ހައި އެކްސްޕްލޯސިވް ޑިޓެކްޝަން ސިސްޓަމް
- ފިއުލް ހައިޑްރެންޓް ސިސްޓަމް

އްޖޭގެ މައި އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އާ ޓާމިނަލްގެ އިތުރުން އާ ރަންވޭގެ އާއި ސީޕްލޭން ޓާމިނަލް އަދި ކާގޯ ޓާމިނަލްގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑު ވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ. މީގެ އިތުރުން ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގެ ރަންވޭ ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ ޗައިނާގެ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އާ ރަންވޭގެ އަގު 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) އަށް އަރަ އެވެ.