ކުޅިވަރު

މިނިވަން ޗެމްޕިއަންޝިޕް ތ. ތިމަރަފުށި ކާމިޔާބުކޮށްފި

ފައިނަލުގައި ށ. ފޯކައިދޫގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން ކުރި ހޯދައި މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ތ. ތިމަރަފުށި ހޯދައިފި އެވެ.

ތިމަރަފުށި ވަނީ މުބާރާތުގެ ފައިނަލުގައި 2016 ވަނަ އަހަރުވެސް ކުޅެފަ އެވެ. އެފަހަރުގެ ފައިނަލުގައި ތިމަރަފުށި ބަލިވީ ފުޓްބޯޅައިގެ ވަރުގަދަ ރަށެއް ކަމަށްވާ ބ. އޭދަފުށި އަތުންނެވެ. މިފަހަރުގެ ފައިނަލު މެޗުގެ ކުރިން ތިމަރަފުށީ ޓީމުގެ ކޯޗް އަހްމަދު އަލްތޫފު ބުނެފައި ވަނީ، 2016 ގައި ކުރިމަތިވި ނާކާމިޔާބަށް ފަހު ތިމަރަފުށިން އާ ހިތްވަރެއްލައި މަސައްކަތް ފެށީ މުބާރާތުގެ ތަށި ރަށަށް ގެންދިއުމަށް ކަމަށެވެ.

ތިމަރަފުށީ ޓީމު ހޯދި ކާމިޔާބު އޭނާ ސިފަ ކުރަނީ މުޅި ރަށުގެ ރައްޔިތުން އެކުގައި ކުރި މަސައްކަތެއްގެ ގޮތުގަ އެވެ. ދިވެހި ކުޅުންތެރިންގެ ގޮތުގައި ތިމަރަފުށީ ޓީމުގައި ހިމެނިފައި ވަނީ މުޅިންވެސް ރަށަށް ނިސްބަތްވާ ކުޅުންތެރިންނެވެ.

ފުރަތަމަ ހާފުގެ ބޮޑުބައެއް ކުޅުނީ ބޯ ކޮށް ވެހެނު ވާރޭ ތެރޭގަ އެވެ. ފުރަތަމަ ހާފުގައި ތިމަރަފުށިން ވަނީ ދެ ލަނޑު ޖާހާފަ އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 36 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ކްއާސީ ޖީން ފްރެންކޮއިސް އެޕިސަން އެވެ.

ލީޑް ފުޅާ ކުރަން ތިމަރަފުއްޓަށް ބޭނުންވީ، ދެ މިނެޓެވެ. ފުރަތަމަ ލަނޑު ޖެހިތާ ދެ މިނެޓް ފަހުން ތިމަރަފުށީ ޓީމުގެ އަމީން ޝާހް ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހާފަ އެވެ.

ތިމަރަފުށީގެ ތިން ވަނަ ލަނޑަކީ މެޗުގެ އިތުރު ވަގުތުގައި، ފޯކައިދޫގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެ ޓީމުގެ ކީޕަރު އަހްމަދު ޝާހިދު ހަސަން، ތިމަރަފުށީގެ ޖީން ފްރެންކޮއިސް އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރި ލަނޑެކެވެ.

އެ ފައުލު ކުރުމުން ރެފްރީ ވަނީ ކީޕަރު ޝާހިދު އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ. ނަމަވެސް އޭރު ފޯކައިދޫގެ ތިން ބަދަލު ހަމަވެފައި ވުމުން، ކީޕަރު ޖޯޒީ އާއި އަންގި އަޅައިގެން ގޯލް ބަލަހައްޓަން ފެށީ ޓީމުގެ ކެޕްޓަން ހުސައިން ފަޒީލް އެވެ.

ފަޒީލްގެ ހުރި ގޯލަށް، ތިމަރަފުށީގެ ބިދޭސީ ކުޅުންތެރިޔާ އެޑެސެންލޮއި އޮޔާޑެޖީ ޓުންޑޭ، ފަސޭހަ ކަމާއެކު ޕެނަލްޓީ ފޮނުވާލައި 3-0 ށް މެޗުގެ ނަތީޖާ ބަދަލު ކޮށްލި އެވެ.

މި އަހަރުގެ މުބާރާތުގައި ވަނީ، މިނިވަން ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވާފަ އެވެ. އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފޯކައިދޫ ޓީމުގެ މުހައްމަދު ފާރިޝް އިބްރާހިމް އެވެ.