ކުޅިވަރު

ޔޫވީ އަތުން ގްރީންއަށް ފަހުވަގުތު ޕޮއިންޓެއް

ޔުނައިޓަޑް ވިކްޓަރީ ލީޑްގައި ވަނިކޮށް ގްރީން ސްޓްރީޓުން ފަހު ވަގުތު ކާމިޔާބު ކުރި ލަނޑުން 1-1 ން މެޗު އެއްވަރުކޮށް ޕޮއިންޓަކުން ފުއްދާލައިފި އެވެ.

ޕޮއިންޓާއެކު، ގްރީން ސްޓްރީޓަށް، އަދި ހޯދުނީ ނުވަ ޕޮއިންޓެވެ. އެ ޓީމު އޮތީ ހަ ވަނައިގަ އެވެ. ފަސް ވަނައިގައި އޮތް ކުލަބު އީގަލްސްއާ ދެމެދު އޮތީ ތިން ޕޮއިންޓްގެ ފަރަގެވެ. މި ޕޮއިންޓާއެކު ޔުނައިޓަޑް ވިކްޓަރީއަށް އަދި ހަމަ ކުރެވުނީ ހަތް ޕޮއިންޓެވެ.

އުނދަގޫ ހާލަތެއްގައި އޮތް ޔުނައިޓަޑް ވިކްޓަރީން ވަނީ އެ ޓީމު އެންމެ ފަހުން ކުޅުނު ދެ މެޗަށް ވުރެ ރަނގަޅަށް ކުޅެފަ އެވެ. ގިނަ ފުރުސަތުތައްޗެސް އުފެއްދި އެވެ. އެ ޓީމުގެ ކޯޗް މުހައްމަދު ނަޒީހް ވެސް އެކަން ފާހަގަ ކުރި އެވެ.

އޭނާ ބުނީ ދެ ވަނަ ހާފުގައިވެސް އޯޕަން ޗާންސޭ ކިޔާވަރުގެ ތިން ފުރުސަތު ލިބުނު ކަމަށާއި ގޯލައާ ސީދާ ކޮށްލިނަމަ އެއީ ގޯލަށް ވަންނާނެ ތިން ބޯޅަ ކަމަށެވެ.

މެޗުގައި ޔުނައިޓަޑް ވިކްޓަރީގެ ލަނޑު މެޗުގެ 12 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ކޯޑެލް ސަމްއެލް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނީ އޭނާ އެވެ.

"މެޗު ހޯދޭ ވަރަށް ބައިވަރު ޗާންސްވެސް ލިބުނު، ފަހު ހާފު ފަށައިގެން ހަތަރު ފަސް ޗާންސް ލިބުނު، އޯޕަން ޗާންސޭ މިކިޔާ ވަރުގެ ހަތަރު ޗާންސް ލިބުނު، އެ ޗާންސް ތަކުގެ ބޭނުން ނުހިފުނީމަ މެޗު މިހާހިސާބަށް މިދިޔައީ،" މެޗަށް ފަހަު ވާހަކަ ދައްކަމުން ނަޒީހް ބުންޏެވެ.

ގްރީންއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ، 94 ވަނަ މިނެޓްގައި އަބްދުﷲ މިސްބާހް (މިސްބެ) އެވެ. ގްރީންގެ ކުޅުންތެރިން ފޮނުވާލި ބޯޅަ ޔޫވީގެ ކީޕަރު ތޮލާލް ދިފާއު ކުރުމުން ރީބައުންސް ވެގެން ނިކުތް ބޯޅަ މިސްބާހް ވަނީ ބޮލުން ޖަހައި ގޯލް ތެރެއަށް ފޮނުވާލާފަ އެވެ. ނަޒީހް ބުނީ އެ ބޯޅައަށް ޔޫވީގެ ކުޅުންތެރިން ސަމާލުވެ ތިބި ނަމަ އެއީ ހުއްޓުވޭނެ ފުރުސަތެއް ކަމަށެވެ.

"އެ ވަން ގޯލްވެސް، މިހާ (މާކު ނުކޮށް) ކައިރިގައި ބަލަހައްޓައިގެން، ހުއްޓާ އަރާ ބޮލުން އެޖެހީ."

ގްރީން ސްޓްރީޓްގެ ކޯޗް އަލީ ސުޒޭން ބުނީ މެޗުގައި އޭނާގެ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެއް ކަމަށެވެ. ނަމަވެސް މިއަދުގެ މެޗުން ލިބުނު ޕޮއިންޓަކީ މުހިންމު ޕޮއިންޓެއްގެ ގޮތުގައި އޭނާ ފާހަގަ ކުރި އެވެ.

"މި ޕޮއިންޓް އިރާދަ ކުރެއްވިއްޔާ މީ ވަރަށް މުހިންމު ޕޮއިންޓެއް،" މެޗަށް ފަހު ވާހަކަ ދައްކަމުން ސުޒޭން ބުންޏެވެ. "މި ޕޮއިންޓް ގުނާނެ ހަމަ ގްރީން [ދިވެހި] ޕްރިމިއާ ލީގަށް ދާއިރު މުހިންމު ޕޮއިންޓެއްގެ ގޮތުގައި."

ފުރަތަމަ ބުރުގައި، ޔުނައިޓަޑް ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗު ގްރީން ކާމިޔާބު ކުރީ 5-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ. ފުރަތަމަ ބުރުގައި ތަފާތު ބޮޑުކޮށް މޮޅުވެފައިވުމުން ފަސޭހަކޮށް މެޗު ކުޅުންތެރިންނަށް ނެގުނީތޯ ސުވާލު ކުރުމުން ސުޒޭން ބުނީ، ގްރީން އޮތް ހާލަތާއި ޕޮއިންޓް ތާވަލުގައި އޮތް ހިސާބުން އެއްވެސް މެޗެއް ފަސޭހަ މެޗެއްގެ ގޮތުގައި ކުޅުންތެރިން ނުނަގާނެ ކަމަށެވެ.