ކުޅިވަރު

ވިކްޓަރީ އަތުން ނިއު ބަދަލު ހިފައިފި

ފުރަތަމަ ބުރުގައި، ވިކްޓަރީ އަތުން ބަލިވި ނިއު ރޭޑިއަންޓުން، ދެ ވަނަ ބުރުގައި ރޭ ވިކްޓަރީގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ވިކްޓަރީގެ މައްޗަށް ނިއު ރޭޑިއަންޓުން ރަނގަޅު ބަދަލެއް ހިފައިފި އެވެ.

މެޗުގައި ނިއުގެ ފުރަތަމަ ލަނޑު 35 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މުހައްމަދު އުމޭރު އެވެ. އޭނާ ލަނޑު ޖެހީ ވިކްޓަރީގެ ކެޕްޓަން ޝާފިއު އަހްމަދަށް ހެދުނު މިސްޓޭކުގެ ފައިދާ ނަގައިގެންނެވެ.

ނިއުގެ ދެ ވަނަ ލަނޑު 45 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަލީ ފާސިރު (ސެންޓޭ) އެވެ. ތިން ވަނަ ލަނޑު އަލީ އަޝްފާގް (ދަގަނޑޭ) ކާމިޔާބު ކުރީ މެޗުގެ 69 ވަނަ މިނެޓްގަ އެވެ.

މެޗުގައި ވިކްޓަރީގެ ހަމައެކަނި ލަނޑު 88 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ބިދޭސީ ކުޅުންތެރިޔާ ސިމޯން އެވެ.