ކުޅިވަރު

މާޒިޔާއާ ދެކޮޅަށް ނިޒާމަށް ބޮޑު އިތުބާރެއް

ފުރަތަމަ ބުރުގައި މާޒިޔާ އަތުން މޮޅުވެފައި ވުމުން، ދެ ވަނަ ބުރުގައި މިއަދު މާޒިޔާއާ ދެކޮޅަށް ނިކުންނައިރު ބޮޑު އިތުބާރެއް އެބައޮތް ކަމަށް ޓީސީގެ ކޯޗް މުހައްމަދު ނިޒާމު ބުނެފި އެވެ.

އިޝާން އިބްރާހިމް (ސައްޓު) ކާމިޔާބު ކުރި ލަނޑުތަކުން، ފުރަތަމަ ބުރުގައި މާޒިޔާ އަތުން ޓީސީ މޮޅުވީ 2-0 ންނެވެ. ނިޒާމް ބުނީ މިދިޔަ ހަފުތާއިން ފެށިގެން ޓީސީގެ ޕްރެކްޓިސްތައް ކުރިއަށް ގެންދިޔައީ ފުރަތަމަ ބުރުގެ މެޗު އެނަލިސް ކުރުމަށްފަހު އެ މެޗުގެ ކަންކަމަށް ރިއާޔަތް ކުރުމަށް ފަހު ކަމަށެވެ.

"އެ މެޗުން މޮޅުވިޔަސް ފެނިގެން ދިޔަ ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް،" މިރޭ މާޒިޔާއާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން ނިޒާމް ބުންޏެވެ. "އެ ކަންކަމަށް އަމާޒުކޮށްގެން މި ހަފުތާގައި ޓްރެއިނިންތައް މި ކުރިއަށް ގެންދިޔައީ، ދެން އެމެޗާ މިއާ ގުޅުވާފަ އަޅާ ކިޔާފަ މި މެޗާ ކޮންޓިނިއުސް ކުރުން އެއީ އެހާ ފަސޭހަ ކަމަކަށް ނުވެދާނެ."

"މޮޅުވެފައި އޮތުމަކީ ކޅުންތެރިންނަށް ކޮންފިޑެންސް ލިބޭނެ ކަމެއް، އަދި ހަމަ ގަބޫލު ކުރަން އެ މެޗަށް ވުރެ ބޮޑަށް އިދިކޮޅު ޓީމު [މާޒިޔާ] ވެސް ތައްޔާރު ވާނެ ކަމަށް، އެހުރިހާ ކަމަކަށް ވިސްނައިގެން މެޗަށް ރެޑީވާން ޖެހޭނީ."

ނިޒާމު ބުނީ މިދިޔަ ފަސް ވަރަކަށް އަހަރު ތެރޭގައި ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ވަރުގަދަ ދެ ޓީމުގެ ތެރޭގައި މާޒިޔާ ހިމެނޭނެ ކަމަށެވެ. މެޗުގައި އެ ހުރިހާ އިހްތިރާމެއް މާޒިޔާއަށް އޮންނާނެ ކަމަށް ނިޒާމް ބުންޏެވެ.

މާޒިޔާގެ ހެޑް ކޯޗް އިސްމާއީލް މަހްފޫޒް (އިންމަ) ގެ ބަދަލުގައި ޕްރީ މެޗު ޕްރެސްއަށް ހާޒިރުވީ، އެސިސްޓެންޓް ކޯޗް އަހްމަދު ޝުޒެއިރު އެވެ. އޭނާ ބުނީ ފުރަތަމަ ބުރުގައި ޓީސީ އަތުން ވީ ބަލި ހަނދާން ނައްތާލުމަށް ފަހު މާޒިޔާގެ މުޅި ޓީމު އޮތީ ޓީސީ ބަލި ކުރަން ތައްޔާރު ވެގެން ކަމަށެވެ.

އޭނާ ބުނީ ކުރިން ޓީސީއަށް ކުޅުނު، މާޒިޔާގެ ނާއިޒު ހަސަން (ދާދު) އާއި ސްޓެވާޓް ކޯނޭލިއަސް މާޒިޔާގެ އެޓޭކިން ލައިންގައި ތިބުމަކީ މާޒިޔާއަށް ލިބޭނެ ބޮޑު އިތުބާރެއް ކަމަށެވެ.