ކުޅިވަރު

ކެޕްޓަން އައުމުން މާޒިޔާއަށް ހިތްވަރު ލިބިއްޖެ

ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) އެނބުރި އައުމުން މާޒިޔާގެ ކުޅުންތެރިންނަށް ބޮޑު ހިތްވަރެއް ލިބިފައިވާ ކަމަށް މާޒިޔާއިން ބުނެފި އެވެ.

މިދިޔަ އަހަރު އޯގަސްޓް މަހު ކުރިމަތިވި އަނިޔާއާ ގުޅިގެން، އަށް މަސް ވަންދެން ކުޅުމާ ދުރުގައި ހުރުމަށް ފަހު މިދިޔަ ހަފުތާގައި ވެލެންސިއާ ދެކޮޅަށް ކުޅުނު މެޗުގައި އަސަދުﷲ ވަނީ ކުޅެފަ އެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުމެ، ހަ މިނެޓް ތެރޭގައި އަސަދުﷲ ވަނީ ސީޒަންގައި އޭނާގެ ފުރަތަމަ ގޯލް މާޒިޔާއަށް ޖަހައި ދީފަ އެވެ.

މާލޭ ލީގްގެ ދެ ވަނަ ބުރުގައި، މިރޭ މާޒިޔާއަށް އޮތީ ޓީސީއާ ދެކޮޅަށް ކުޅޭ މެޗެވެ. ޓީމުގެ ހެޑް ކޯޗް އިސްމާއީލް މަހްފޫޒު (އިންމަ) ގެ ބަދަލުގައި ޕްރީ މެޗު ޕްރެސްއަށް ހާޒިރުވި މާޒިޔާގެ އެސިސްޓެންޓް ކޯޗް އަހްމަދު ޝުޒެއިރު ބުނީ، ޓީސީއާ ދެކޮޅަށް ކުޅޭ މެޗުގައިވެސް މެޗުގެ ވަކި ހިސާބަކުން އަސަދުﷲ ފެންނާނެ ކަމަށެވެ.

ފުރަތަމަ ބުރުގައި، މާޒިޔާ އާއި ޓީސީ ކުޅުނު މެޗު، ޓީސީ ކާމިޔާބު ކުރީ 2-0 ންނެވެ. ޝުޒެއިރު ބުނީ އެމެޗުންވީ ބަލި ހަނދާން ނައްތާލާފައި މާޒިޔާ ނިކުންނަނީ ޓީސީ ބަލި ކުރަން ކަމަށެވެ.

"ހުރިހާ ފޯކަސްއެއް މިހުރީ ޓީސީގެ މެޗަށް، ކުޅުންތެރިންގެ މޯޓިވޭޝަން ވެސް ޓީމުގެ ކެޕްޓަން [އަސަދުﷲ އަބްދުﷲ] އެނބުރި އައީމަ ވަރަށް ބޮޑަށް ރަނގަޅު ވެފަ މިއިނީ،" ޝުޒެއިރު ބުންޏެވެ. "އެހެންވީމަ ހަމަ ޓީސީ ބަލި ކުރަން މި ނިކުންނަނީ."

އޭނާ ބުނީ މާޒިޔާ އާއި ޓީސީގެ ކުޅުމުގެ ސްޓައިލަށް ބަލާއިރު ދެ ޓީމުގެ ފަރާތުންވެސް ބަލާލަން ރީތި ކުޅުމެއް ފެނިގެން ދާނެ ކަމަށެވެ.

"ހަމަ ގައިމުވެސް މަޒިޔާގެ ފަރާތުން ރީތި ކުޅުމެއް ފެނިގެން ދާނެ." ޝުޒެއިރު ބުންޏެވެ.

ޝުޒެއިރު ބުނީ މާޒިޔާއިން ޓާގެޓްކޮށްފައި ވަނީ މާލޭ ލީގް ދިފާއު ކުރަން ކަމަށެވެ. ކުޅުންތެރިންނަށް ވިސްނައި ދެމުން ދަނީވެސް އެގޮތަށް ކަމަށް އޭނާ ބުންޏެވެ.