ކުޅިވަރު

އަނިޔާގައި ހުރިނަމަވެސް ސިގްރޮސަން ވޯލްޑްކަޕު ސްކޮޑަށް

އެވަޓަންގެ މިޑްފީލްޑަރު ގިލްފީ ސިގްރޮސަން އަނިޔާގައި ހުރި ނަަމަވެސް، ވޯލްޑްކަޕަށް އެކުލަވާލި އައިސްލެންޑްގެ ސްކޮޑަށް އޭނާ ނަގައިފި އެވެ.

އޭނާގެ އިތުރުން ކެޕްޓަން އަރޮން ގަނާސަން ވެސް ހުރީ އަނިޔާގަ އެވެ. އޭނާވެސް ވަނީ ގައުމީ ސްކޮޑްގައި ހިމަނާފަ އެވެ.

ސިގްރޮސަން ކުޅުމާ ދުރުގައި ހުންނަތާ، ދެ މަސް ވެއްޖެ އެވެ. އަނިޔާއިން ރިކަވަރީ ވަމުން އަންނަ ސްޕީޑްގައި، އޭނާ އަށް ވޯލްޑްކަޕު ކުޅެވޭ ވަރަށް ފިޓް ވާނެ ކަމަށް ގަބޫލު ކުރެވެ އެވެ. އަންނަ ސީޒަނަށް ޕްރިމިއާ ލީގް ޖާގަ ހޯދާފައިވާ ކާޑިފް ސިޓީގެ ގަނާސަން އަށް އަނިޔާވީ މިދިޔަ މަހު ފަހު ކޮޅު އެވެ. އޭނާ ވެސް ވޯލްޑްކަޕަށް ފިޓްވާނެ އެވެ.

އައިސްލެންޑްގެ ސްކޮޑުގައި ދެން ހިމެނޭ އެންމެ މަޝްހޫރު ކުޅުންތެރިޔަކީ އިޓަލީގެ އުޑިނޭޒީ އަށް ކުޅެމުން އަންނަ އެމީލް ހެލްފްރެޑްސަން އެވެ.

ރާއްޖެއަށް ވުރެ ކުޑަ އާބަދީ އެއް ހިމެނޭ އަިއސްލެންޑް ވޯލްޑްކަޕަށް ކޮލިފައިވީ، ޔޫރޯ ޒޯންގެ ގުރޫޕްގެ "އައި" ގެ އެއް ވަނަ ހޯދައިގެންނެވެ. ވޯލްޑްކަޕަކީ އައިސްލެންޑް ވާދަ ކުރާ ދެ ވަނަ އަށް އެންމެ ބޮޑު މުބާރާތެވެ. އެޓީމުގެ ފުރަތަމަ މުބާރާތަކީ ދެ އަހަރު ކުރިން، ފްރާންސްގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތެވެ. އެ މުބާރާތުގެ ވެސް ކްއާޓާ ފައިނަލަށް ދަތުރު ކުރި އެވެ.

އައިސްލެންޑަކީ، ވޯލްޑްކަޕަށް ސްކޮޑް އިއުލާން ކުރި ފުރަތަމަ ގައުމެވެ.