ކުޅިވަރު

އޭޝިއާގެ އާ ފެޑްރޭޝަންގައި ރާއްޖެ ހިމެނިއްޖެ

އޭޝިއާގެ ސަރަހައްދީ އާ ފުޓްބޯޅަ ޖަމްއިއްޔާ "ސައުތު ވެސްޓް އޭޝިއަން ފުޓްބޯޅަ ފެޑްރޭޝަން" ގައި ރާއްޖެ ހިމެނިއްޖެ އެވެ.

މިއީ ހުޅަނގު އޭޝިއާގެ ފުޓްބޯޅަ ޖަމްއިއްޔާ (ވާފް) ގެ ބައެއް ގައުމު ތަކާއި ދެކުނު އޭޝިއާގެ ފުޓްބޯޅަ ޖަމްއިއްޔާ (ސާފް) ގެ ބައެއް ގައުމުތަކުން އިސްނަގައިގެން އުފައްދާފައިވާ އާ ފެޑްރޭޝަނެކެވެ.

ސައުދީ އަރަބިއްޔާގެ ޖިއްދާގައި ލޯންޗު ކުރި ދެކުނާއި ހުޅަނގުގެ ފުޓްބޯޅަ ފެޑްރޭޝަންގައި 12 މެންބަރު ގައުމަކުން ހިމެނެ އެވެ. ދެކުނު އޭޝިއާ ސަރަހައްދުން ހިމެނިފައި ވަނީ ރާއްޖޭގެ އިތުރުން ސަރަހައްދުގެ ބާރު އިންޑިއާ އާއި ބަނގުލަދޭޝް، ޝްރީލަންކާ އަދި ޕާކިސްތާން އެވެ. ސާފް ގައި ހިމެނޭ އަނެއް ދެ ގައުމު ކަމަށްވާ ނޭޕާލާއި ބޫޓާން އާ ފެޑްރޭޝަންގައި ހިމެނިފަ އެއް ނުވެ އެވެ.

ވާފްގައި ހިމެނޭ 12 ގައުމުގެ ތެރެއިން ސައުތު ވެސްޓް ވެސްޓް ފެޑްރޭޝަންގައި ހިމެނެނީ، ސައުދީ އަރަބިއްޔާ، އަރަބި އެމިރޭޓްސް، އިރާގް، ކުވައިތު، ބަހްރެއިން، ޔަމަން އަދި އޮމާން އެވެ. ވާފްގައި ހިމެނޭ މަންބަރު ގައުމުތަކުގެ ތެރެއިން އާ ފްޑްރޭޝަންގައި ނުހިމެނެނީ، ގަތަރު، އުރުދުން، ސީރިއާ، ފަލަސްތީން އަދި ލުބުނާން އެވެ.

ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އަދީލް ބިން މުހައްމަދު އިއްޒަތު އާ ހަވާލާދީ އަރަބި ބައެއް މީޑިއާތަކުން ބުނެފައި ވަނީ ސައުތު ވެސްޓް އޭޝިއަން ފުޓްބޯޅަ ފެޑްރޭޝަންގެ ފުރަތަމަ ކޮންގްރެސް ވޯލްޑްކަޕަށް ފަހު ބާއްވާނެ ކަމަށެވެ.

އާ ފެޑްރޭޝަން ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ރައީސް އަދި ދެކުނު އޭޝިއާ ސަރަހައްދު ތަމްސީލު ކުރާ އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު މުހައްމަދު ޝަވީދު ވެސް ބައިވެރި ވެވަޑައިގެންނެވި އެވެ.

މި ފެޑްރޭޝަނުން ވަނީ އޭޝިއާގައި ބާއްވާ އެންމެ ބޮޑު ސަރަހައްދީ މުބާރާތް މި ފެޑްރޭޝަންގައި ބޭއްވުމަށް ޓާގެޓް ކަނޑައަޅާފަ އެވެ. ނަމަވެސް ސާފް ސަރަހައްދުގެ މުބާރާތް ސެޕްޓެމްބަރު މަހު އޮންނާނެ އެވެ.