ހަބަރު

މާލޭ ފުރާޅެއް މަތިން ފެނުން ސާމަރާ ދޫނި ޓްވިޓާގައި އުދުހެނީ!

ދިވެހިންގެ ހޮޅުއައްޓެއް ކަމަށްވާ، ޓްވިޓާ ތެރޭގައި އިއްޔެ އެންމެންގެ ސަމާލުކަން ދަމައިގަތީ ވަރަށް އާދަޔާ ހިލާފު އަދި ވަރަށް ތަފާތު ކަމަކަށެވެ. ގެއެއްގެ ފުރާޅެއް މަތީ ޑިޝް އެންޓަނާއެއް ފުރަގަހުގައި ފިލާ އޮތް ސާމަރާ ދޫންޏެއްގެ ފޮޓޯ މީހަކު ޓްވިޓާއަށް ދޫކޮށްލުމާއެކު މީހުންތައް އެންމެންގެ ލޯތައް އެ ދިމާލަށް ހުއްޓި އެ ވާހަކައަށް އަރައިގަތެވެ. އެންމެން ވެސް ބޭނުންވީ ސާމަރާ ދޫންޏެއް ފުރާޅަށް އައި ކިހިނެތްތޯ އާއި އެއަށް ވީނުވި އެއް ބަލާށެވެ. އެތަށް ސުވާލުތަކެއް އުފެދި ޓްވިޓާ ތެރޭގައި ހޭޝްޓެގްތައް ފަށައި ސާމަރާ ދޫނީގެ ވާހަކަ "އުދުހެން" ފެށި އެވެ.

ރާއްޖޭގައި ނޫޅޭ ދޫންޏެއް މާލޭ ގެއެއްގެ ފުރާޅަށް އެރީ ކިހިނެތް ހެއްޔެވެ؟ ސާމަރާ ދޫނި އުދުހޭ ހެއްޔެވޭ؟ އެއަށް ވީ ކިހިނެތް ހެއްޔެވެ؟ މިއީ ގިނަ ބަޔަކު ކުރަމުންދާ ސުވާލުތަކެވެ.

ސާމަރާ ދޫނި ފުރަތަމަ ފެނިގެން ސޯޝަލް މީޑިއާއަށް އެ ވާހަކަ ގެނެސްދިން މީހާ ބުނީ އެ ފެނުނީ ހެންވޭރު ސްޓޭޑިއަމް ކައިރީ ހުރި ފެހި ކުލައިގެ ފުރާޅެއް ހުންނަ ގެއެއްގެ މަތިންނެވެ. އެއަށް ފަހު އެއަށް ވީނުވީ ބަލަމުން އެކި މީހުން ކުރަމުން ދިޔަ ޓްވީޓުތަކުން އެނގުނީ އެ ދޫނީ އެއް ފުރާޅުން އަނެއް ފުރާޅަށް އުދުހިގެން ގޮސް ހެންވޭރުގައި ހުންނަ ތެލެސީމިއާ ސެންޓަރުގެ ފުރާޅުމަތީ ހުރި ކަމެވެ. އޭގެ ވެރި މީހުން ވެސް ވަނީ ފޭސްބުކްގައި ސާމަރާ ދޫނި ގެއްލިގެން އުޅޭ ކަމަށާއި އެ ހޯދަން އެހީވެދިނުމަށް އެދި ޕޯސްޓެއްކޮށްފަ އެވެ. އަދި ޓްވިޓާއިން ލިބޭ މައުލޫމާތާ އެއްގޮތަށް އެ މީހުންވެސް އެއްތަނުން އަނެއްތަނަށް ގޮސް ސާމަރާ ދޫނި ހޯދޭތޯ މަސައްކަތް ކުރި އެވެ.

ދެން ކުއްލިއަކަށް ޓްވިޓާއިން ފެނުނީ ފުލުހުންގެ މީހަކު ސާމަރާ ދޫނި ހިފާފައިވާ ފޮޓޮއެކެވެ. އެއާއެކު ސާމަރާ ދޫނީގެ ވާހަކަ އެއަށް ވުރެ މާ ފޯރިގަދަވި އެވެ. އެ ވާހަކަ ބަދަލުވީ ސިޔާސީ ޖޯކަކަށެވެ. ދެން ދައުރުވާން ފެށީ ސާމަރާ ދޫނި ދޫކޮށްލުމަށް ގޮވާލާ ޕޯސްޓުތަކެވެ.

"ސާމަރާދޫނި ގެންދާނީ ދޫނިދޫއަށްތަ، ދޫނި ހިފަހައްޓާގެންގުޅެން އެންމެ ރަނގަޅުވާނީ ދޫނިދޫ" މީހަކު ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ. "ސާމަރާ ދޫންޏަށް ވެސް ދެން ކުރާނީ ޓެރަރިޒަަމްގެ ދައުވާތަ، ދޫންޏަށް ވީ ގޮތް ފުލުހުން ހާމަ ކުރަން ޖެހޭ،" އެހެން މީހަކު ބުންޏެވެ.

އެ ވާހަކަތަކާއެކު "އަވަސް"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ މިޑިއާ އޮފިޝަލް ވިދާޅުވީ ސާމަރާ ދޫންޏެއް ގެއްލިގެން އުޅޭތީ ހޯދާ ހިފުމަށް އެހީތެރިވެފައިވާ ކަމަށާއި އެއަށް ފަހު އޭތި ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.