ކުޅިވަރު

އެޑްއާޑޯގެ ހެޓްރިކުން އީގަލްސްއަށް ބޮޑު މޮޅެއް

ވެލެންސިއާ ދެކޮޅަށް ލުއިޒް އެޑްއާޑޯ ކާމިޔާބު ކުރި ހެޓްރިކާއެކު 6-1 ގެ ތަފާތު ބޮޑު ނަތީޖާ އަކުން އީގަލްސް ބޮޑު މޮޅެެއް ހޯދައިފި އެވެ.

އުނދަގޫ ހާލަތެއްގައި އޮތް ވެލެންސިއާ އިން މެޗު ފެށީވެސް އާދައިގެ ގޮތަކަށެވެ. ކުޅުން ފަށައިގެން ފުރަތަމަ މިނެޓްގައި، ވެލެންސިއާ އިން ކީޕަރު ޖޫން ކޮޗީއަށް ދިން ބޯޅަ، އޭނާ އަށް ރަނގަޅަށް ފޮނުވާލެވުމުން އެ ބޯޅަ ލިބުނީ ޕެނަލްޓީ އޭރިއާ ކައިރީގައި ހުރި އީގަލްސްގެ އަހްމަދު ރިޒްވާން އަށްވެ. އޭނާ ބޯޅަ ދިނީ އެޑްއާޑޯ އަށެވެ. އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ހުރަސްކޮށް ގޯލް ދަނޑި ކައިރިން ބޭރަށެވެ.

އީގަލްސްގެ ފުރަތަމަ ލަނޑު މެޗުގެ އަށް ވަނަ މިނެޓްގައި ކާމިޔާބު ކުރީ ހަސަން ރާއިފް އަހްމަދު (ހަންނަ) އެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެފައި އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ޖޫން ކޮޗީގެ ގައިގައި ޖެހިފަ އެވެ.

ފުރަތަމަ ހާފުގައި އީގަލްސްއަށް ނަތީޖާ،3-0 ށް ބަދަލު ކޮށްލަ ދިނީ އަހްމަދު ރިޒްވާން (ރިޒޭ) ކާމިޔާބު ކުރި ދެ ލަނޑުންނެވެ. އޭނާ ގެ ފުރަތަމަ ލަނޑު އޭނާ ކާމިޔާބު ކުރީ 26 ވަނަ މިނެޓްގަ އެވެ. ތި ން ވަނަ ލަނޑު އޭނާ ކާމިޔާބު ކުރީ އޭގެ ތިން މިނެޓް ފަހުންނެވެ.

ދެ ވަނަ ހާފުގައި، އީގަލްސްގެ ތިން ލަނޑު ވެސް ކާމިޔާބު ކުރީ އެޑްއާޑޯ އެވެ. ހެޓްރިކާއެކު ލަނޑު ލިސްޓްގެ އެންމެ ކުރީގައި އޮތީ އޭނާގެ ނަމެވެ. ބްރެޒިލަށް އުފަން ކުޅުންތެރިޔާ 16 ލަނޑު ޖަހާފަ އެވެ. ނިއު ރޭޑިއަންޓްގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ވަނީ 15 ލަނޑު ޖާހާފަ އެވެ.

އީގަލްސްގެ ރިޒޭ އަށްވެސް ވަނީ ހެޓްރިކު ހަދަން ފުރުސަތު ލިބިފަ އެވެ. އޭނާ ފޮނުވާލި ބޯޅައެއް ގޯލް ދަނޑިކައިރިންވެސް ލާފައި ދިޔަ އެވެ. ވެލެންސިއާގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ ޔޫކްރޭންގެ ކުޅުންތެރިޔާ ވެލެރީ އެވެ.

މޮޅާއެކު އީގަލްސް ވަނީ ތިން ވަނަ އަށް ޖެހިލާފަ އެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން އީގަލްސްގެ ކޯޗު މޯހަން ބުނީ ބައިކޮޅަށް ލަނޑު ވަނުން ފިޔަވައި އެހެން ހުރިހާ ކަމެއް ދިޔައީ ރަނގަޅަށް ކަމަށެވެ. އޭނާ ބުނީ މޮޅާއެކު ގަދަ ހައެއްގެ ތެރެއަށް ވަނުމަށް ބޮޑު އިތުބާރެއް ލިބިގެން ހިނގައްޖެ ކަމަށެވެ.