ކުޅިވަރު

މާޒިޔާއަށް މިފަހަރުވެސް ޓީސީ އަތުން މޮޅު ނުވެވުނު

މާޒިޔާ މޮޅުވެގެން މެޗު ނިމެން ދަނިކޮށް، ޓީސީން ފަހު ވަގުތު މާޒިޔާ ހިފަހައްޓައިފި އެވެ. މެޗު ނިމުނީ 2-2 ން އެއްވަރު ވެގެންނެވެ.

މާލޭ ލީގްގެ ފުރަތަމަ ބުރުގައި ފުރަތަމަ ބުރުގައި މި ދެ ޓީމު ކުޅުނު މެޗު، ޓީސީ ކާމިޔާބު ކުރީ 2-0 ންނެވެ. އެ މެޗާ ހިލާފަށް މާޒިޔާއިން ފުރަތަމަ ލީޑް ނެގި އެވެ.

މާޒިޔާގެ ފުރަތަމަ ލަނޑު މެޗުގެ 29 ވަނަ މިނެޓްގައި އަހްމަދު އިމާޒު (އާއްކޮ) ކާމިޔާބު ކުރީ ކޯނޭލިއަސް ސްޓެވާޓް (ކޯނޭ) އާ ދެ ކުޅުންތެރިންގެ ކޮމްބިނޭޝަން ބޭނުން ކޮށްގެން ވަންޓޫ ޕާހެއް އުފައްދައިގެންނެވެ. މާޒިޔާގެ ހާފުގެ ތެރެއިން ކުރިއަށް ދިން ބޯޅަ އާއްކޮއަށް ލިބުނު އިރު އޭނާ ހުރީ ޓީސީގެ ހާފުގެ މެދެއްހާ ހިސާބުގަ އެވެ. އޭނާ އަށް ލިބުނު ބޯޅަ ކޯނޭ އަށް ދިނުމަށް ފަހު އޭނާ އެރީ ޕެނަލްޓީ އޭރިއާ ތެރެއަށެވެ. ކޯނޭ އޭރިއާގެ އަރިމަތިން އަރައި އޭނާ ބޯޅަ ތަނަވަސް ކޮށްދިނީ އާއްކޮ އަށެވެ. އެ ވަގުތު ޓީސީގެ ކީޕަރާއި ޑިފެންސް އެހެން ކުޅުންތެރިން މަސައްކަތް ކުރީ ކޯނޭ ދިން ބޯޅަ ހުއްޓުވުމަށެވެ. ނަމަވެސް އެ ބޯޅަ އާއްކޮ އަށް ލިބުމުން އޭނާ ބޮލުން ފޮނުވާލީ ހުހަށް އޮތް ގޯލްގެ ތެރެއަށެވެ.

ޓީސީގެ ކޯޗް މުހައްމަދު ނިޒާމު ބުނީ، އެ ލަނޑާ ހަމަޔަށްވެސް ޓީސީ ކުޅެމުން ދިޔައީ ރަނގަޅު ގޭމެއް ކަމަށާއި ގޯސްކޮށް ދިޔަ ކަމަކީ އެ ލަނޑު ވަނުން ކަމަށެވެ.

"29 ވަނަ މިނެޓާ ހަމަޔަށް ވަރަށް ރަނގަޅަށް ކުޅެމުން ދިޔައީ ނަމަވެސް ކޮޅަށް ގޯލް (ވަން) ހިސާބުން ބަދަލުވީ، މެޗަށް ފަހު ވާހަކަ ދައްކަމުން ނިޒާމް ބުންޏެވެ. "ވަރަށް ބޮޑު މިސްޓޭކަކުން ގޯލް ވަނީ، މިއަދު [އަބްދުﷲ ހަނީފު] ބެންޖޯ އޮފް ދުވަހެއްގެ ގޮތުގައި އައީ، ޓީމުގެ ފަހަތުގައި އެންމެ ސީނިއާކޮށް ހުރި އެއް ކުޅުންތެރިޔާ."

މާޒިޔާގެ ދެ ވަނަ ލަނޑު 65 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މިދިޔަ އަހަރު ޓީސީ އަށް ކުޅުނު ކެރީބިއަން ކަނޑުގެ ކުޑަ ޖަޒީރާ ސެއިންޓް ވިންސެންޓަށް ނިސްބަތްވާ ކޯނޭ އެވެ. އޭނާ ލަނޑު ޖެހީ ޕެނަލްޓީ އޭރިއާ ބޭރުން މާޒިޔާއަށް ލިބުނު ފްރީ ކިކު އާއްކޮ ޖެހުމުން ޓީސީގެ ވޯލްގައި ޖެހި ރީބައުންސް ވެގެން ލިބުނު ބޯޅަ އެއްފަހަރުން ޖަހައި ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.

ޓީސީގެ ފުރަތަމަ ލަނޑު އެ ޓީމުން ކާމިޔާބު ކުރީ ޕެނަލްޓީ އަކުން ތަނަވަސްވި ފުރުސަތަކުންނެވެ. މާޒިޔާގެ ޑިފެންޑަރު މިލޯސް ޓީސީގެ ކުޅުންތެރިޔަކަށް ޕެނަލްޓީ އޭރިއާ ތެރެއިން ފައުލު ކުރުމުން ދިން ޕެނަލްޓީ އެކެވެ. ޓީސީން ދެ ފަހަރަށް ޕެނަލްޓީ ޖެހި އެވެ. ފުރަތަމަ ފަހަރު ޓީސީގެ އަނަޓޮލީ ފޮނުވާލުމުގެ ކުރިން މާޒިޔާގެ ކީޕަރު މައުރޯ ބޮއެރިޗޯ ކުރިއަށް ނިކުތެވެ. އަނަޓޮލީ ފޮނުވާލި ފުރަތަމަ ޕެނަލްޓީ ބޮއެރިޗޯ ދިފާއު ކުރުމުން ދިޔައީ ބޭރަށެވެ. ނަމަވެސް، ޕެނަލްޓީ ޖެހުމުގެ ބޮއެރިޗޯ އޭނާ ކުރިއަށް ނިކުތުމުން، ލައިސްމަން ދިދަ ނެގި އެވެ. ރެފްރީ އެންގީ އަލުން ޕެނަލްޓީ ޖެހުމަށެވެ.

ދެ ވަނަ ފަހަރު ޖެހި ޕެނަލްޓީވެސް ބޮއޮރިޗޯ ދިފާއު ކުރި އެވެ. ނަމަވެސް އަނަޓޮލީ ވަނީ އޭނާ ދިފާއު ކުރި ބޯޅަ ރީބައުންސް ވުމުން ގޯލްތެރެއަށް ފޮނުވާލާފަ އެވެ.

ޓީސީން ނަތީޖާ ހަމަހަމަ ކުރީ، 90 މިނެޓް ހަމަވެ އިތުރަށް ދެއްކި ހަތަރު މިނެޓްގެ ތެރެއިން އެންމެ ފަހު މިނެޓްގަ އެވެ. ޓީސީން ޖެހި ގޯލައާއެކު މެޗު ނިންމާލި އެވެ. މާޒިޔާގެ ކީޕަރު ބޮއެރިޗޯ ރެފްރީއާ ދިމާލަށް ދާން އުޅުމުން މާޒިޔާގެ ކުޅުންތެރިން އޭނާ ހިފަހައްޓަން މަސައްކަތް ކުރި އެވެ. އޭނާ ހުއްޓުވީ ޓީމުގެ ބެންޗުގައި ހުރި ކެޕްޓަން އަސަދުﷲ އަބްދުﷲ ދަނޑަށް އަރައި ގަދަ ކަމުން އޭނާ ދުރު ކުރުމަށް ފަހު އެވެ. އަސަދުﷲ ވަނީ ކެޕްޓަނެއްގެ ޒިންމާ ވަރަށް ރަނގަޅަށް އަދާ ކޮށްފަ އެވެ.

ފޮޓޯ: އެފްއޭއެމް