(10 މެއި 2018 އާ ގުޅޭ) ނިމްރާ މަސައްކަތުގައި އިންގޮތް ފެނި ރާދިން އަމިއްލަ ހިތާ ސުވާލުކުރިއެވެ. ނިމްރާއަށް ބަލާލާފައި އެއީ އޭނާ އަލަށް ކުރާ މަސައްކަތެއް ނޫންކަން ރާދިންއަށް އެނގުނެވެ. އޭނާ އިތުރަށް ނިމްރާގެ ޒާތީ ދިރިއުޅުމާމެދު ޝައުގުވެރިވިއެވެ.
މަސައްކަތައް ގެއްލިފައި އިން ނިމްރާ އަތުގައި އޮތް ފަންސޫރު ތިރިކޮއްލަމުން ހަށިފުރާ ނޭވާއެއް ލިއެވެ. އަދި ކޮފީ ހުސްކުރި ޖޯޑު ދޮވެފައި އެ ހުންނަންވާ ތަނުގައި ބަހައްޓަން އުޅުނު ރާދިންއަށް ގޮވާލިއެވެ.
"ނިމުނީތަ؟" ހައިރާންކަމާއެކު ރާދިންއަށް އަހާލެވުނެވެ. ދެގަޑިއިރު ވަންދެން އޭނާއަށް ނުކުރެވުނު ކަމެއް ބައިގަޑިއިރު ތެރޭ ނިމްރާ ކުރުމުން ރާދިން ހައިރާންވީއެވެ. އެއާއެކު ނިމްރާ އިންތަނުން ތެދުވެ ދެ ކަރުދާހެއް ހިފައިގެން ރާދިންގެ ގާތަށް އައެވެ. އެ ކަރުދާހުގައި އޭނާ ފާހަގަކޮށްފައި ހުރި ބައި ރާދިންއަށް އޮޅުން ފިލުވައިދިނެވެ. އަދަދު ދިމާނުވާ މައްސަލަ ނުކުންނަނީ ކޮންހިސާބަކުން ކީއްވެކަން ނިމްރާ އޮޅުން ފިލުވައިދިނެވެ.
"ޑާލިންގް ޔޫ އާ އަ ޖީނިއަސް" ނިމްރާގެ ކޮނޑުގައި ދެ އަތުން ހިފާ ތަޅުވާލަމުން ރާދިން ބުނެލިއެވެ. ނިމްރާގެ އަތުގައި ހުރި ކަރުދާސްތައް ރާދިންއާ ހަވާލުކުރަމުން އޭނާ ހިނިތުންވެލިއެވެ. ދެ މީހުން އެނބުރިލިއިރު ސިޓިންރޫމަށް ނުކުމެވެން ހުރި ދިމާ ފާރު ކައިރީ އަރްސަލް މަޑުކޮށްލައިގެން ހުއްޓެވެ. ނިމްރާ އަވަސް އަވަހަށް އިސްޖަހާލިއެވެ.
"ޝީޒް އަ ޖީނިއަސް އަރްސަލް" އަރްސަލް ފެނުމުން ރާދިން ކުރީން ބުނި އެއްޗެއް ތަކުރާރު ކޮށްލާ ފަދައަކުން ބުނެލިއެވެ. ރާދިންގެ ޠަބީޢަތް ވެސް ބަދަލުވި ކަހަލައެވެ.
"ތޭންކްސް އަގައިން... ޑާލިންގް ބުނިހެން ބްރޭކެއް ނެގިއްޔާ ރަނގަޅުވާނީ. މިރެއަށް ދެން ނިންމާލަންވީ. ވަރަށް ލަސްވެއްޖެ ދޯ... ކޮންއިރަކުން ނިދަން ދަނީ" ރާދިން ހިނިތުންވެލައިގެން ހުރެ ބުނެލިއެވެ.
"ބޮސް ކެއީމައެއްނު... މިރޭ އަދި ނުކައި... ކާން ހަދާކަށް ވެސް ނުބުނޭވިއްޔާ" އަރްސަލްއަށް ލޮލުގެ ހިމަކޮޅުން ބަލާލާފައި ނިމްރާ ބުންޏެވެ. ރާދިންގެ ނަޒަރު ވެސް އަރްސަލްއަށް ހުއްޓުނެވެ. ހީނލާފައި އޭނާ އެއްޗެއް ބުނަން އުޅެނިކޮށް އަރްސަލްގެ އަޑު އިވިގެންދިޔައެވެ.
"ކާން ހަދާ" އަރްސަލް ބުނެލިއެވެ.
ނިމްރާ އަވަހަށް ކާމޭޒު މައްޗަށް ތަށިތައް ނަގަން އުޅުނެވެ. ރާދިން ކޮފީ މޭޒުމަތީ ހުރި ކަރުދާސްތައް ނަގާ ފައިލެއްގެ ތެރެއަށް އަޅާލުމަށްފަހު ލެޕްޓޮޕް ލައްޕާލިއެވެ. ކޮފީ މޭޒުމަތި ހަމަޖައްސާލެވުމުން ސޯފާގައި އިށީނދެ ކުޅިވަރު ޗެނެލްއަކަށް ބަދަލުކޮށްލިއެވެ. އަރްސަލް އައިސް ކާމޭޒު ދޮށުގައި އިށީނެވެ. އޭނާ ނިމްރާގެ ހަރަކާތްތަކަށް ބަލަން އިނީ ފަރުވާތެރިކަމާއެކުއެވެ. ކާން ނަގާފައި ދުރަށް ދާން ނިމްރާ އުޅުނު ހިނދު އޭނާގެ ވައަތު މުލައްދަނޑީގައި އަރްސަލް ހިފާ ހުއްޓުވިއެވެ. ޖެހިގެން ހުރި ގޮނޑިއަށް އިޝާރާތްކޮއްލީ އެ ގޮނޑީގައި އިށީނުމަށް ބުނާ ފަދައިންނެވެ. އަރްސަލްއަށް ބަލަން އިރުކޮޅަކު ހުރެފައި ގޮނޑި ދާމާލައި ނިމްރާ އިށީނެވެ. ދެއަތްއުރާލައިގެން އެއްފައި މައްޗަށް އަނެއްފައި ލައިގެން ނިމްރާ އިނީ އަރްސަލްއަށް ބަލާލަން ބޭނުންނުވެފައި އިންހެނެވެ. އަރްސަލް ކައި ނިންމާފައި ތެދުވުމުން ނިމްރާ ތަށިތައް ހިފައިގެން ސިންކު ކައިރިއަށް ޖެހިލަން އުޅުނު ވަގުތު އޭނާގެ ފައިގައި އަރްސަލް ދަތި އެޅުވިއެވެ. އެއާއެކު އަތުގައި ހުރި ތަށިތައް ޓައިލްސްތަކުގެ މައްޗަށް ވެއްޓި ޖެހުނު ގޮތަށް ތަޅައިގެން ހިނގައްޖެއެވެ. ނިމްރާއަށް ހަޅޭލަވައިގަނެވުނީ ބޭއިޚްތިޔާރުގައެވެ. އޭނާ ވެއްޓި ތަޅުން މަތީ ޖެހުމުގެ ކުރީން އަރްސަލް ހިފެހެއްޓިއެވެ. އިވުނު ބާރު އަޑުފަށްގަނޑުން ރާދިން ވެސް ފުންމައިގެން ތެދުވެގެން އެ ދިމާއަށް އައެވެ.
"ކިހާދެރަކަމެއްތަ ތީ... ރާދު މީނައަށް ކިހިނެއްތަ ވެފައި މި ހުރީ؟ ކޮންކަމާ ރުޅި އައިސްގެންތަ ތި އުޅެނީ" ސިހުން ލިބިފައި ހުރި ނިމްރާގެ ހިތް ބާރަށް ތެޅެމުންދިޔައިރު އޭނާއަށް ރުޅި ކޮންޓްރޯލެއް ނުކުރެވުނެވެ. އަރްސަލްގެ މޭގައި ދެއަތް އަޅާ ދުރަށް ކޮއްޕާލާ އޭނާގެ އަތުގެ ތެރެއިން ދުރަށް ޖެހުނެވެ.
"ތަށިތަކަށް ކޮންހާވަރެއް ބާލާކަށް" ނިމްރާ ހަޅޭލަވައިގަތެވެ.
"ޑާލިންގް ކެއާ ފުލް... ލެޓް މީ ހެލްޕް ޔޫ" ރުޅި އައިސްފައި ހުރެ ތަށިތައް ނަގަން ނިމްރާ ތިރިވެލި ހިނދު ރާދިން ބުނެލިއެވެ.
"ރާދު ކޮންމެހެން ކައިރިވާނެކަމެއްނެތް... އަހަންނަށް ވާނެ" ރާދިންއާ ދިމާއަށް ވެސް ނިމްރާއަށް ބުނެލެވުނީ ހަރުކަށި ކަމާއެކުއެވެ. ރާދިން ދެފަރާތައް ބޯހޫރުވާލާފައި އަރްސަލްއަށް ބަލާލީ ހިތްހަމަނުޖެހިފައި ހުރެއެވެ.
"ތިވެގެން އުޅޭ ގޮތެއް ބުނެބަލަ؟" އަރްސަލްއަށް ބަލަން ހުރި ރާދިން ސުވާލުކުރިއެވެ.
"އަހަންނަށް ކަމެއްވެގެން އެބައުޅޭތަ؟ ބަލަންވާވަރަށް މީސްމީހުން ނުބަލާ އުޅޭތީއެއްނު މިހެން މިވަނީ" އަރްސަލް އެއްވެސް އަސަރެއްނެތް ފަދަ ގޮތަކަށް ބުނެލިއެވެ. އަދި އެނބުރި އޭނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
"ނިމް!... ޔޫ އޯކޭ" އަރްސަލް ދިއުމުން ރާދިން ވާހަކަދެއްކިއެވެ.
"ކީއްވެތަ އޭނާ އެހެން އެ އުޅެނީ... ކޮބާތަ މައްސަލައަކީ" ނުރުހުމުގެ އަސަރުތައް ނިމްރާގެ މޫނުމަތިން ފާޅުވަމުންދިޔައެވެ.
"ޑާލިންގް އައި ރިއަލީ ޑޯންޓް ނޯ... ހަމަ އަރްސަލްއަށް އެނގޭނީ... އަހަންނަށް ވެސް ތި ސުވާލު ކުރެވިއްޖެ. މީހަކު ނުބުނާ އެއްޗެއް ކިހިނެއް އެނގޭނީ. އައި އޭމް ސޮރީ ޑާލިންގް" ރާދިން ބުނެލިއެވެ.
"އިޓްސް އޯކޭ... ރާދު ވަރަށް ޑަޔަޑްވެފައެއްނު ތި ހުރީ... އަހަރެން މިތަން ސާފުކޮށްލާފައި ކޮޓަރިއަށް ދާނީ... ގުޑްނައިޓް" ގަދަކަމުން ކަހަލަ ގޮތަކަށް ރާދިންއަށް ހިނިތުންވުމެއް ނިމްރާ ބަދަލުކޮށްލިއެވެ.
"އޯކޭ... ގުޑްނައިޓް... ސާފުކުރާއިރު ބަލައިގެން އުޅެއްޗޭ" ރާދިން އޯގާތެރިކަމާއެކު ބުނެލިއެވެ. ނިމްރާ މިފަހަރު ރާދިންއަށް ބަލާލުމެއްނެތި ބޯޖަހާލަމުން ސާފުކުރުމުގައި އުޅުނެވެ.
ހުރިހާ ކަމެއް ނިންމާލެވުމާއެކު ޓީވީއާއި ސިޓިންރޫމާއި ބަދިގޭގެ ބޮކި ނިވާލާފައި ނިމްރާ ހަރުކޮށް އައިސް އަރްސަލްގެ ކޮޓަރީގައި ޓަކި ދިނެވެ. ދެ ފަހަރަކު ޓަކިދިން ފަހުން އަރްސަލް ދޮރު ހުޅުވާލިއެވެ. ދޮރުމަތީ ހުރި ނިމްރާ ފެނުމުން އޭނާއަށް ވެސް ޤަބޫލުކުރަން ދަތިވިއެވެ. ނަމަވެސް ނިކަން އަވަހަށް އެ މޫނުމަތީގައިވި ހައިރާންކަން ފިލުވާލާ ފޫހިކަން ވެރިކޮށްލިއެވެ.
"ކޮބާތަ ކަލޭގެ މައްސަލައަކީ؟ މިހާރު ދެން ބުނަންވެއްޖެއެއްނު؟" ނިމްރާ ނުރުހިފައި ވާހަކަދައްކަން ފެށިތަނާހެން އޭނާގެ އަތުގައި އަރްސަލް ހިފުމާއެކު ކޮޓަރިތެރެއަށް ދަމައިގަތެވެ. އަދި އަނެއްއަތުން ކޮޓަރީގެ ދޮރު ލައްޕާލިއެވެ.
"ކަލެއަށް ވެގެން އުޅޭ ގޮތެއް ބުނެބަލަ؟ އަހަންނަށް ކަމެއް ގޯސްކޮށް ކުރެވެންޏާ ވެސް ބުނީމަ ދޯ އެނގޭނީ. ތިވައްތަރަށް ޖެއްސުން ކުރިއަސް ނޭނގޭނެ. ކަލޭ ތިހާ ރުޅިއެއް އައިސްގެން އުޅޭ ކަމެއް މިރޭ ޖެހޭނީ ބުނަން. ކުޑަކުއްޖަކުހެން ނޫޅެ ވީ ގޮތެއް ބުނެބަލަ... އަހަރެން މިގެއަށް ގެނެސްފައި މި ހުރީ މަސައްކަތް ކުރާކަންނު... އެކަން އަހަރެން އެބަކުރަން... އަހަންނަކަށް އެއްގޮތަކަށް ވެސް ނުވިސްނުނު ތިހާ ރުޅިއެއް އައިސްގެން އުޅެންޖެހޭ ސަބަބެއް"
"ނޭނގުނިއްޔާ ރަނގަޅުވާނީ ވެސް" އަރްސަލް ބުނެލިއެވެ. ނިމްރާއަށް އެ ޖަވާބުން ދެނެގެނަންވީ އެއްޗެއް ނޭނގުނެވެ. އިރުކޮޅަކު ބަލަން ހުރެފައި ދެފަރާތަށް ބޯހޫރާލައިފިއެވެ.
"އަޅާނުލާށޭ އަހަރެން ވެސް ހުރީ... އެކަމަކު މިހާރު މާ މައްޗަށް ދިޔައީ. އައި ޑޯންޓް ކެއާ ކަލޭ ކޮންމެ ކަމެއް ކުރިޔަސް. ކުޑަ ވެސް ޝައުގެއް ނެތް ކަލޭގެ ދިރިއުޅުމާމެދު... އަހަންނާ ކުރަން ހަވާލުވެފައި ހުރި މަސައްކަތްތައް އަހަރެން ކުރިއަ ދެނިކޮށް އެ ނިމުނީ. އަހަރެން ވެސް ކަލެއަކަށް އުނދަގުލެއް ނުކުރާނަން... ވެރިމީހާއާއި ގެންގުޅޭ މީހާއާ ދެމެދު އޮންނަން ޖެހޭ މިންގަނޑު އަހަރެން ހިފަހައްޓާނަން. އެ އިމުން ފަހަނައަޅައި އަހަރެން ނުދާނަން... ޔަގީން ކުރޭ..."
އަރްސަލް ކުރިއަށް ޖެހިލާ ނިމްރާގެ އަތުގައި ހިފަން އުޅުނެވެ. އެހެންނަމަވެސް އޭނާ ޖެހިލީ އަރްސަލްއާ ދުރަށެވެ. ނިމްރާ އިތުރަށް ހައިރާންވީ އަރްސަލްގެ މޫނުމަތިން ކުރީން ހުރި ނުރުހުމުގެ އަސަރު ފިލައިގެން ދިޔައީތީއެވެ. އަރްސަލްގެ ލޯ އަމާޒުވެފައި ހުރިއިރު އެ ދެ ލޮލުން ނިމްރާގެ އިހުސާސްތަކަށް ބާރުފޯރުވަން ގިނައިރެއް ނުނެގިއެވެ. އަވަސްއަވަހަށް ނަޒަރު ވަކިކޮށްލީ ނިމްރާއެވެ. ނިމްރާއަށް އައިސްފައި ހުރި ބަދަލު ފެނި އަރްސަލްގެ ހިތަށް އުނދަގޫވިއެވެ. ހަޤީޤަތުގައި ނިމްރާދެކެ ރުޅި އައިސްފައި ހުންނަން އޭނާ ބޭނުމެއްނޫނެވެ. އެހެންނަމަވެސް ރުޅި އިސްކުރެވެނީ ކީއްވެކަމެއް ވެސް ޚުދު އޭނާއަކަށް ނޭނގެއެވެ.
"ސްކާލެޓް..." އަރްސަލް މަޑުމަޑުން ގޮވާލިއެވެ. އަދި ނިމްރާއާ ގާތަށް ފިޔަވަޅެއް އެޅިއެވެ. އެއާއެކު މިފަހަރު ވެސް ފެނުނީ ނިމްރާ އޭނާއާ ދުރަށް ޖެހިލި ތަނެވެ.
"ރުޅި އައިސްގެން އުޅޭ ކަމެއް ބުނެބަލަ... އޮފީހަށް ވެސް ނުކުންނަނީކީ ނޫން. އަހަރެން ހިތަށް އަރާ ރާދު ކީއްވެބާއޭ އެއްވެސް ޝަކުވާއެއްނެތި ކަލޭގެ ހުރިހާ ކަމެއް އެ ކުރަނީ. ކައިރީގައި އުޅޭ މީހުނާމެދު ކަލޭ ދުވަހަކުވެސް ނުވިސްނާނެ. އަހަރެން މީ އެއްވެސް މީހެއްނޫން... އެކަމަކު... ރާދު ވެސް އެއްވެސް މީހަކަށް ކަލެއަށް ނުވަނީތަ؟ އޭނާ އުޅޭލެއް ބުރަކަން ކަލެއަށް ނުފެނޭތަ... އައި އޭމް ނަތިންގް... ނޯ ވަން... ތި މޭގައި އޮތީ ހިލަހިތެއްކަން އަހަންނަށް ޔަގީންކަމާއެކު ބުނަން ކެރިދާނެ. އެއްވެސް އިހުސާސެއްނެތް ހިލަގަނޑެއް... އަހަރެން ހީކުރީ... އެނީވޭސް... އަހަރެން ހީކުރި އެއްޗެއް މުހިންމެއްނޫން... ޔޫ ޑޯންޓް ކެއާ އަބައުޓް އެނީވަން އޯ އެނީތިންގް... ހަމައެކަނި އެނގެނީ އެހެން މީހުންނަށް ތަކުލީފުދޭން" ނިމްރާ އިސްޖަހާލައިގެން ހުރެ މިފަހަރު ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ.
"ޑޯންޓް ސްކާލެޓް" އަރްސަލްގެ އަޑު ވެސް އައި މަޑުންނެވެ.
"ޔޫ އާ ދި ޑެވިލް... ވައި ޝުޑް ޔޫ ކެއާ. އައި ފޮގޮޓް ދެޓް... ފޯ އަ މޫމެންޓް" ރުޅިވެރިކަން ހިނދިގެން ދިޔައީ ހިތުގައި އުފެދުނު އުދާސްގަނޑުންނެވެ. ނަފްސު ބަލިކަށިވެދާނޭހެން ހީވުމުން ނިމްރާ ހިނގައިގަތީ އަރްސަލްގެ ކޮޓަރިން ނުކުންނާށެވެ. ނަމަވެސް ދޮރާ ހަމައަށް ފޯރުމުގެ ކުރީން އަރްސަލް ހުރަސް އަޅައިފިއެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ނިމްރާ ގެނެސް އޭނާގެ މޭގައި ބޮނޑިކޮށްލިއެވެ.
"ވައި އާ ޔޫ ޑުއިންގް ދިސް" ވައި އަޑުން ނިމްރާއަށް އަހާލެވުނެވެ. ނަމަވެސް އަރްސަލް އެއްވެސް ޖަވާބެއް ނުދިނެވެ. އޭނާ ނިމްރާގެ ބޮލުގައި ދަތްދޮޅި ޖައްސާލުމާއެކު ވައަތްތިލައިން ނިމްރާގެ ބޮލުގައި ފިރުމާލިއެވެ. އެގޮތުގައި ބަހެއްނުބުނެ އޭނާ ހުންނަން ފެށުމުން އެ އަތުގެ ތެރެއިން ނުކުންނަން ނިމްރާ އުޅުނެވެ.
"ލެޓް މީ ގޯ" ނިމްރާ މަޑުމަޑުން ބުނެލިއެވެ. އަރްސަލްގެ އަތުގެ ތެރޭގައި ހުރުން އޭނާއަށް ވޭނަކަށްނޫނީ ނުވިއެވެ. ދެކޮޅު ހަދަން ބޭނުންވިޔަސް އެ ދެމެދުގައިވާ ދަމާބާރު ނިމްރާގެ ސިކުނޑިއާ ކުޅެނީއެވެ. ހަމައެއާއެކު ޒަޚަމްވެފައި އޮތް ހިތް ހީވަނީ ލޯބިވެތި އެންމެ ފިރުމާލުމަކަށް ބޭނުންވެ ތެޅެމުންދިޔަ ހެނެވެ. އެހެންވާންވީ ސަބަބެއް ވެސް ޚުދު ނިމްރާއަކަށް ނުވިސްނުނެވެ. އަރްސަލްގެ ސިފަ އަދިވެސް އެ ހިތަށް ނޭނގެނީބާއޭ ނިމްރާގެ ޟަމީރާ ސުވާލުކުރިއެވެ.
"އެކި ފަހަރު މަތިން މަރާނުލާ އެއްފަހަރުން މަރާލަބަލަ" ހިތަށް ކުޅަދާނަނުވި ހިނދު ނިމްރާއަށް އާދޭހެއް ފަދައިން ބުނެލެވުނެވެ.
"ވައި ވުޑް އައި ކިލް ޔޫ ސްކާލެޓް" ނިމްރާގެ އިސްތަށިގަނޑުގައި މޫނު ފޮރުވާލައިގެން ހުރެ އަރްސަލް ބުނެލިއެވެ. އަދި އިސްތަށިގަނޑުގައި ބޮސްދިނެވެ. ދެއަތުން ނިމްރާގެ އިސްތަށިގަނޑު ރީތިކޮއްލާ އެ މޫނަށް އަރްސަލް ބަލާލިއެވެ. އެހިނދު ނިމްރާއަށް ސިފަވީ ދުވަސްތަކެއް ކުރީން އޭނާއަށް އޮޅުން އެރި އިހުސާސްތައް އެކުލެވިފައިވި ދެ ލޮލެވެ. އަރްސަލްގެ ބެލުމުގައި ގާތްކަންވިއެވެ. ކުލުންވެރިކަމާއި މަސްތުކަން ވިއެވެ. ފަނޑު ނަމަވެސް ހިނިތުންވުމެއް އަރްސަލްގެ ތުންފަތުގައި ވިއެވެ. އެ ދެތުންފަތް ދުރުވެލާފައި ކައިރިވެލާ ހިނދު އަރްސަލްގެ ލަގޮނޑި ހަރަކާތްކޮށްލައެވެ. ކޯތާފަތުގައި އަރްސަލްގެ އިނގިލިތަކުން ފިރުމަމުން ދިޔަކަން ނިމްރާއަށް އިހުސާސް ވަމުންދިޔައެވެ. އަމިއްލަ އިހުސާސްތައް ހިފަހައްޓަން ނިމްރާއަށް އެވަގުތު އުނދަގޫވިއެވެ. ދެ ތުންފަތް ހިކި އަރުތެރެ ހިކޭގޮތް ވުމުން އަވަސްއަވަހަށް ތުންފަތް ތެތްމާލުމާއެކު ދެފަހަރަކު ހިންދިރުވާލެވުނެވެ.
"ސޯ... ސޮފްޓް" އަރްސަލްގެ އިނގިލިތައް ނިމްރާގެ ތުންފަތުގައި ބިހީލިއެވެ. މަޑުމަޑުން ނިމްރާގެ މޫނާ ދިމާއަށް ގުދުވެލި އަރްސަލްގެ ނޭވާގެ ހޫނުކަން ނިމްރާގެ މޫނަށް އެޅިގެންދިޔައެވެ. އަރްސަލްގެ މޭގައި ޖައްސާލައިގެން ހުރި ނިމްރާގެ އަތަށް އެ މޭގައި އަވަސްވަމުން އައި ހިތުގެ ހިނގުން އިހުސާސްވެ އަމިއްލަ ހިތުގެ ހިނގުން އަވަސްވިއެވެ.
"އައި ކާންޓް ފޮގެޓް... އައި ކާންޓް ފޮގެޓް އަގައިން" ނިމްރާގެ ޟަމީރު ގޮވާލިއެވެ. ނިމްރާ މޫނު އަނބުރާލުމާއެކު އަރްސަލްގެ ތުންފަތް ބީހިލީ އޭނާގެ ކޯތާފަތުގައެވެ.
"ވައި؟... ވައި ސްކާލެޓް" ނިމްރާގެ ކަންފަތް ދޮށުގައި ސިއްރެއް ބުނެލިހެން އަރްސަލް ބުނެލިއެވެ. ނަމަވެސް ނިމްރާ ޖަވާބެއް ނުދިނެވެ. ނިމްރާ ދުރުކޮށްލަން ބޭނުންނުވެފައި ހުރިހެން އަރްސަލްގެ އަތުގެ ތެރޭގައި ހިފަހައްޓާލައިގެން ހުއްޓެވެ. އަދި ދެވަނަ ފަހަރަށް ވެސް ނިމްރާގެ ތުންފަތުގައި ބޮސްދޭން އޭނާ އުޅުނެވެ. މިފަހަރު ވެސް ނިމްރާ ހުއްދައެއްނުދިނެވެ. އޭނާ މޫނު އަނބުރާލީއެވެ. އެ މަނާވެ ގަތުން ބަލައިގަންނަން އަރްސަލްއަށް އުނދަގޫވިއެވެ. އެހެންވިޔަސް އެކަން އޭނާ ފާޅެއްނުކުރިއެވެ. އޭގެ ބަދަލުގައި ކެތްތެރިކަމާއި މަޑުމައިތިރިކަން އިޚްތިޔާރުކުރިއެވެ.
"އަހަރެން އައި ބޭނުން އެނގެއެއްނު... އަހަންނަށް ދޭނޭ ޖަވާބެއް ނެތިއްޔާ އަހަރެންގެ ކޮޓަރިއަށް ދާން އަހަރެން ބޭނުންވަނީ. މިގަޑީގައި އަހަރެންގެ ވެރިމީހާގެ ކޮޓަރީގައި ހުރުމަކީ އަހަރެން ކޮށްގެންވާނޭ ކަމެއްނޫން... ކީއްކުރާނީ... އައި ނެވާ ލާން... އައި ކީޕް އޮން މޭކިން މިސްޓޭކްސް... ކީޕް އޮން ފޮގެޓިން ހޫ އައި އޭމް" ނިމްރާގެ ވާހަކަ ނިންމާލަމުން އޭނާ ފާޑަކަށް ހީނލިއެވެ. އެ ހީނލުމުގައި ފޮރުވިފައިވާ ރިހުން އަރްސަލްއަށް އިހުސާސްކުރެވި ދެ ލޯ މަރާލެވުނެވެ.
"ޖަސްޓް ލެޓް މީ ގޯ...ޕްލީޒް" އަރްސަލްގެ ގަޔާލާ ނިމްރާ ފިއްތާލަން އުޅުމުން ނިމްރާ ބުނެލިއެވެ.
"އިރުކޮޅަކު މަޑުކޮށްނުލެވޭނެތަ؟" ނިމްރާގެ ދެއަތްތިލައިގައި ހިފަހައްޓާލައިގެން ހުރެ ދުރަށް ޖެހިލަމުން އަރްސަލް އަހާލިއެވެ.
"ކީއްކުރަން؟" އަރްސަލްގެ ފަރާތުން ޖަވާބަކަށް އެދި ނިމްރާގެ ނަޒަރު ސީދާ އަރްސަލްގެ ލޮލާ އަމާޒުކޮށްލިއެވެ. އެ ދެ ލޮލުން އެތައް ވާހަކައެއް ބުނަން ބޭނުންވެފައިވާ ކަހަލައެވެ. ކަތުރުކަށިގަނޑަށް ވާންވެލިތަން ވެސް ފެނުނެވެ. ނަމަވެސް އަރްސަލްގެ ދޫ ހަރާކާތެއްނުކުރިއެވެ. އޭނާ ބަލަން ހުރީއެވެ. ދެތުންފަތް ފިއްތާލި ގޮތް ފެނި އޭނާ އެއްޗެއް ބުނަން ބޭނުންނުވަނީކަން ނިމްރާ ޤަބޫލުކުރިއެވެ. މަޑުމަޑުން އިސްޖަހާލުމާއެކު އެ ކޮޓަރިން ނުކުންނަން ނިމްރާ ހިނގައިގަތެވެ. އޭނާގެ އަތް އަރްސަލްގެ އަތުގެ ތެރެއިން ދޫވެ މިނިވަންވިއެވެ. މިފަހަރު އޭނާ ހިފަހައްޓާކަށް އަރްސަލް މަސައްކަތެއްނުކުރިއެވެ. ނިމްރާ ނުކުމެ ކޮޓަރީގެ ދޮރު ލައްޕާލި ހިނދު ފިނި ނޭވާއެއް އަރްސަލް ދޫކޮށްލިއެވެ. މާޔޫސްވެފައި ހުރި މީހަކު ފަދައިން ދޮރު ކައިރިއަށް އައިސް ދޮރުފަތުގައި ނިތްކުރި ޖައްސާލައި ކަނާއަތުން ދޮރުފަތުގައި ފިރުމާލިއެވެ.
* * * *
ފަތިސް ނަމާދަށްދާން ރާދިން ނުކުތް އިރު ސޯފާގައި އިން އަރްސަލް އޭނާއަށް ފެނުނެވެ. އެހާ ފަތިހާ އަރްސަލް ހޭލާ އިންތަން ފެނުމުން ރާދިން ވަގުތުން އޭނާއާއެކު ނަމާދަށް ދިއުމަށް އެދުނެވެ. ބަހަނާއެއް ނުދައްކާ ނިކަން ފަސޭހައިން އަރްސަލް ތެދުވެގެން ރާދިންއާއެކު އެޕާޓްމެންޓުން ނުކުތެވެ.
"ރޭގައި ނުނިދަނީތަ؟" މިސްކިތުން ފައިބައިގެން ގެއާ ދިމާއަށް އައި ރާދިން އެހީ ސައިކަލުގައި އޭނާގެ ފަހަތުގައި އިން އަރްސަލްގެ ގާތުގައެވެ.
"ހޫމް!... ރާދު!... ސޮރީ އިނގޭ" އަރްސަލް މަޑުމަޑުން ބުނެލިއެވެ. އޭނާ ބުނިއެއްޗެއް ޔަގީން ނުވެގެން ރާދިން ދެވަނަ ފަހަރަށް އެހިއެވެ. މަޢާފަށް އެދުމަކީ އަރްސަލް ކުރާހިތުން ކުރާނޭ ކަމެއްނޫންކަން ރާދިންއަށް އެނގެއެވެ.
"އަހަންނަށް އެނގޭ އާ ޕްރޮޖެކްޓެއް ފަށައިގެން އުޅޭއިރު އޮފީހަށް ނުނިކުތީމަ ރާދުއަށް ވަރަށް ބުރަވާނޭކަން... އައި އޭމް ނައު އޯކޭ... އައި ނޯ... އައި ވޯޒް ސޯ އިމްމެޗުއަރ... ސޮރީ ބްރޯ... އޯކޭތަ މާދަން ނުކުތަސް... ވަރަށް ބޮލުގަ ރިއްސާތީ މިއުޅެނީ. ހީވަނީ ރޭގައި އެއްގޮތަކަށް ވެސް ނުނިދޭތީހެން" އަރްސަލް ބުނެލިއެވެ. އަރްސަލް އަމިއްލައަށް ވިސްނި، ރުޅިގަނޑު ފިލައިގެން ދިޔައީތީ ރާދިން ހިތްހަމަޖެހުނެވެ.
ދެ ޒުވާނުން ނަމާދުން އައިސް އެޕާޓްމެންޓަށް ވަން އިރު އާދައިގެ މަތީން ނިމްރާ ހޭލާއުޅެއެވެ. ދެ ޒުވާނުން އެކުގައި ނިމްރާއަށް ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ނަމަވެސް ނިމްރާގެ ހިނިތުންވުން ރައްދުވީ ހަމައެކަނި ރާދިންއަށެވެ. އެކަން އެނގި އަރްސަލްގެ ހިނިތުންވުން ފަނޑުވިއެވެ.
"ކޮފީއެއް ތައްޔާރުކުރަންވީ ދޯ" ރާދިންއަށް ބަލާލަމުން ނިމްރާ އަހާލިއެވެ. އެއާއެކު އޭނާ ބޯޖަހާލިއެވެ.
ސޯފާގައި ދެ ޒުވާނުން ހަމަޖެހިލިއިރު ނިމްރާ ކޮފީ މެޝިނު ކައިރީ އުޅެއެވެ. ކޮފީ މެޝިންގެ އަޑާއެކު މާޙައުލަށް ކޮފީގެ މީރު ވަސް ފެތުރިގެންދިޔައެވެ. ގިނައިރެއްނުވެ ކޮފީ ޖޯޑެއް ހިފައިގެން އައިސް ރާދިންއަށް ނިމްރާ ދިއްކޮށްލިއެވެ. އަރްސަލް ބަލާލަން އުޅެފައި ވެސް އިސްޖަހާލީ އޭނާއަށް ނިމްރާގެ ސަމާލުކަން ނުލިބުނީތީއެވެ.
"އައި ވޯންޓެޑް ޔޫ ޓު ހޭޓް މީ... އައި ހޭޓް ޔޫ ޓޫ... ބަޓް..." އަރްސަލްގެ އުނގުގައި އޮތް ދެއަތްތިލަ ޖޯޑުކޮށްލެވި އިނގިލިތަކަށް ބާރުކޮށްލެވުނެވެ. ހިތުގައިވާ ސުވާލުތަކަށް އޭނާ ޖަވާބުދޭން ބޭނުންނުވާ ކަހަލައެވެ. ނިމްރާގެ ދުރުކަން އިހުސާސް ކުރެވޭ ހިނދު އޭނާގެ ނަފްސަށް ބުރަކަން ލިބެއެވެ. ސިކުނޑި ނުތަނަވަސް ކުރުވައެވެ. ހިތަށް ނޭނގޭ ގޮތްތަކެއްވެއެވެ.
"ކޮފީ" ޚިޔާލުތަކުން އަރްސަލްއަށް ނުކުމެވުނީ އޭނާގެ ކުރިމައްޗަށް ދިއްކޮށްލި ކޮފީ ޖޯޑާއެކު އިވިގެން ދިޔަ ނިމްރާގެ އަޑުންނެވެ. އެއްވެސް އިޚްތިޔާރެއްނެތި ނިމްރާގެ މޫނަށް ނަޒަރު ހުއްޓުމާއެކު އަރްސަލްއަށް ހިނިތުންވެވުނެވެ. ކުއްލިއަކަށް ލިބުނު ހިތްހަމަޖެހުމުގެ އަސަރު އަރްސަލްގެ ދެ ލޮލުން ވެސް ފާޅުވެގެންދިޔައެވެ. ހައިރާންކަން އެކުލެވޭ ބެލުމަކުން ނިމްރާ ބަލާލުމާއެކު އަރްސަލް ކޮފީ ޖޯޑުގައި ހިފުމުން އޭނާ ދުރަށް ހިނގައިގަތެވެ. އަރްސަލްގެ ޠަބީޢަތަށް އައި ބަދަލު އޭނާއަށް ޤަބޫލުނުކުރެވުނީއެވެ.
ހެނދުނުގެ ނާސްތާ ތައްޔާރުކޮށް ނިމި ރާދިން ސައިބޯން އިށީންއިރު ފަތިހު ކޮފީ ބޮއެގެން ކޮޓަރިއަށް ވަން ގޮތަށް އަރްސަލް ނުނިކުމެވެ. ރާދިންއާ ސުވާލު ކުރުމުން އަރްސަލް ބޮލުގައި ރިއްސާތީ އުޅުނުކަން ބުނެލިއެވެ. އޮފީހަށް ރާދިންއާއެކު އަރްސަލް މިއަދު ނުދާނޭކަން ވެސް ރާދިން ބުނެލިއެވެ. އަދި ސައިބޮއެގެން ރާދިން ތެދުވަމުން ނިމްރާ ގާތުގައި ތަންކޮޅެއް ފަހުން އަރްސަލްއަށް ގޮވާ ސައިބޯން ބުނުމަށް އެދުނެވެ. ބޯޖަހާލަމުން ހުރިހާ ކަމަކަށް ނިމްރާ އެއްބަސްވިއެވެ. ރާދިން ސައިބޮއެގެން ދިއުމުން ނިމްރާ ސައިބޯން އިށީނެވެ.
"މިއަދު ޑެވިލްގެ މޫޑު ރަނގަޅުހެން ހީވޭ. ކިހިނެއްބާވީ... ނޭނގޭނެ ގޮތެއް. ޑެވިލްގެ ވެސް ބައިޕޯލާ ވައްތަރު އެއީ... ކޮޓަރިން ނުކުންނައިރު ނޭނގެ ހުންނަނީ ކިހިނެއްކަމެއް؟ ހަޅޭފަޅޭޖަހައި އަތުޖެހުނު އެއްޗެއް އުކާލަން ތައްޔާރަށް ކަންނޭނގެ ހުންނާނީ" ތަށިތައްނަގާ ބަދިގެ ފަރާތް ސާފުކުރަމުން ނިމްރާ އަމިއްލަ ނަފްސާ ވާހަކަދެއްކިއެވެ. ކުއްލިއަކަށް އަރްސަލްގެ ޠަބީޢަތަށް އެހާ ބޮޑު ބަދަލެއް އައި ސަބަބެއް ނޭނގޭތީވެ އެކަމާ މެދު އެކި ގޮތްގޮތަށް އޭނާއަށް ވިސްނުނެވެ.
މެންދުރަށް ތައްޔާރުކުރަންޖެހޭ އެއްޗެހި ތައްޔާރުކޮށް ނިންމާފައި ނިމްރާ ގަޑި ބަލާލިއެވެ. ބާރަގަޑި ބައިވަނީއެވެ. އެކެއް ޖަހާއިރު މެންދުރު ކާން ބޭނުންނަމަ ރާދިން ގެއަށް އަންނާނެއެވެ. ސޯފާތަކާ ދިމާއަށް ދަމުން ނިމްރާ ހުއްޓި އަރްސަލްގެ ކޮޓަރިއަށް ބަލާލިއެވެ. އަރްސަލް އެ ހުރިހާއިރު ނިދާފައި އޮތީބާއޭ އަމިއްލަ ނަފްސާ ނިމްރާއަށް ސުވާލުކުރެވުނެވެ. އަރްސަލްއަށް ގޮވަން ރާދިން ބުނި ނަމަވެސް އޭނާ ފަސްޖެހެނީ އަރްސަލްގެ ކޮޓަރިއަށް ވަންނާށެވެ. އެ ދެ މީހުން އެކަނިވާން ނިމްރާ ބޭނުންނުވަނީއެވެ. ދެ ޚިޔާލެއްގައި ހުރެ ނިމްރާ އައިސް ސޯފާގައި އިށީނެވެ.
"ހެލޯ ޑާލިންގް" އެޕާޓްމެންޓުގެ ދޮރުހުޅުވާލާފައި ވަން ރާދިން ގޮވާލިއެވެ.
"ކާން ނަގާފަ ހުންނާނީ" ނިމްރާ ނިކަން އަވަހަށް ބުނެލިއެވެ. އަދި ރާދިންއާއެކު ކާމޭޒު ކައިރިއަށް އައެވެ.
"ކޮބާ އަރްސަލް؟ އަދިވެސް ނުތެދުވޭތަ؟ ސައިބުއިތަ؟" ކާމޭޒު ދޮށުގައި އިށީންނަމުން ރާދިން އަހާލިއެވެ.
"ނުނިކުމޭ ކޮޓަރިއަކުން" އަރްސަލްއަށް ނުގޮވަމޭ ބުނަން ބޭނުންނުވެފައި ހުރެ ނިމްރާ ބުނެލިއެވެ. އެއާއެކު ރާދިން އިން ގޮނޑިން ތެދުވިއެވެ. އަދި އައިސް އަރްސަލްގެ ކޮޓަރީގައި ޓަކި ޖެހިއެވެ. ތަޅުނުލާ ހުރުމުން ރާދިން އެތެރެއަށް ވަނެވެ. ގިނައިރެއްނުވެ ނިމްރާއަށް ނިކަން ބާރަށް ގޮވާލި އަޑުއިވުނެވެ. ނިމްރާ ދުވަމުން އައިސް ކޮޓަރި ދޮރުމަތީ މަޑުކޮށްލިއިރަށް ފަސްޓްއެއިޑް ފޮށި ތެރެއިން ޑިޖިޓަލް ތެމޯމީޓާ ގެންނަން ރާދިން ބުނެލިއެވެ. އެ ހިފައިގެން ނިމްރާ އައިސް އަރްސަލްގެ ކޮޓަރިއަށް ވަންއިރު ދެ ލޯ މަރާލައިގެން އަރްސަލް އޮތްތަން ފެނުނެވެ. ރާދިންގެ އަތްތިލަ އަރްސަލްގެ ނިތްކުރީގައި ޖައްސާލުމާއެކު އުނދަގޫވެގެން އަރްސަލް ކުކުރާލިއެވެ.
"ކިހިނެއްވީ؟" ނިމްރާއަށް ސުވާލުކުރެވުނެވެ.
"ހުން ވަރަށް ގަދަ" ތެމޯމީޓާއިން ހުން ބަލާލުމަށްފަހު ރާދިން ބުނެލިއެވެ. އެއާއެކު ނިމްރާއަށް ކުށްވެރި އިހުސާސެއް ކުރެވިގެންދިޔައެވެ. އަރްސަލްއަށް ގޮވާލަން ބުނެފައި ރާދިން ދިއުމުން ވެސް އޭނާ އަރްސަލްގެ ޚަބަރެއް ނުބަލަން އިނދެވުނީތީ ދެރަވިއެވެ.
"ބޮލުގައި ރިއްސަނީއޭ ބުނީމަ އަހަރެން ހިޔެއްނުކުރަން އަރްސަލް ހުންވައްތަރުވެފައޭ ހުރީ... އޭނާއަށް ކާއެއްޗެއްދީ ބޭސް ދެވޭތޯ ބަލަމާ" ނިމްރާއަށް ބަލާލާފައި ރާދިން ބުނެލިއެވެ. ނިމްރާ ނިކަން އަވަހަށް ބޯޖަހާލަމުން ބަދިގެ ފަރާތަށް އައެވެ.
ނިމްރާ ގެނައި އޮރެންޖު ފަނިތަށްޓާއިއެކު ޕެރެސެޓްމޯލް ގުޅަ އަރްސަލްއަށް ދިނީ ރާދިންއެވެ. އަރްސަލްގެ ގައިމަތިން ރަޖާ ރަނގަޅު ކޮއްލާފައި ރާދިން ކޮޓަރިން ނުކުތެވެ. އަދި ނިމްރާއަށް ބަލާލިއެވެ.
"އަހަންނަށް މަޑު ކުރެވޭކަށްނެތް... މިއަދު ދެ މީޓިން އެބައޮތް. އަހަންނަށް އެނގޭ އަރްސަލްއަކީ ޑިފިކަލްޓް މީހެއްކަން އެކަމަކު މިވަގުތު ނިމްގެ އެހީ އަހަރެން ބޭނުން" ރާދިން އާދޭހުގެ ގޮތަކަށް ބުނެލިއެވެ.
"ރާދު ހާސްނުވޭ... އަހަރެން އަރްސަލްގެ ހާލު ބަލާނަން... ހަމަގައިމުވެސް ބަލިވެ އޮވެ ހަޅޭކެއްނުލެވޭނެއެއްނު ދޯ" ނިމްރާ ބުނެލި ގޮތުން ރާދިން ކައިރިއަށް ހިނިއައެވެ.
"ތޭންކްސް ޑާލިންގް" ރާދިން ހިނިއައިސްފައި ހުރެ ބުނެލިއެވެ.
ރާދިން ކައިގެން އެޕާޓްމެންޓުން ނުކުތުމުން ނިމްރާ އަވަސްވެލީ އަރްސަލްއަށް ދޭނޭ އެއްޗެއް ތައްޔާރު ކުރާށެވެ. އޭނާ ސޫޕެއް ތައްޔާރުކޮށް އެ ކެވޭނޭވަރަށް ހިހޫވުމުން އެ ހިފައިގެން އަރްސަލްގެ ކޮޓަރިއަށް އައިސް ވަނެވެ. އޭރު ވެސް އޭނާ އޮތީ ރަޖާ ދަށުގައި އިހު އޮތް ހެނެވެ. މަޑުމަޑުން އައިސް އަރްސަލްއަށް ނިމްރާ ގޮވާލިއެވެ. އޭނާގެ ނިތްކުރީގައި އަތްޖައްސާލުމުން ފިހިދާނޭ ހީވިއެވެ. އަރްސަލް ތަނަކަށް ތަދުވާހެން ކުކުރާލިއެވެ. އޭނާގެ ގައިގާ ރިއްސަނީކަން ނިމްރާ ދެނެގަތެވެ.
"އަރްސަލް" ކުޑަކޮށް ލޯ ހުޅުވާލާ އަރްސަލްގެ ގާތުގައި އިން ނިމްރާއަށް އޭނާ ބަލާލިއެވެ. އަދި އަނެއްކާ ވެސް ލޯ މަރާލުމުން ނިމްރާ ގޮވާލިއެވެ. އަދި އަރްސަލްގެ ނިތްކުރީގައި ފިރުމާލިއެވެ.
"ފަސްޓް ޓައިމް އައި އޭމް ލަވިންގް މައި ނޭމް... އޮންލީ ވެން ޔޫ ސޭ އިޓް" ލޯ މަރާލައިގެން އޮތް އަރްސަލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
"އެއްޗެއް ކައިގެން އޮންނަން ދެން ތެދުވޭ. އަހަންނަށް އަރްސަލް ނުނެގޭނެކަން އެނގެއެއްނު... ތެދުވެވޭތޯ ޓްރައިކޮއްލަންވީނު. އައި ވިލް ހެލްޕް" ނިމްރާ ބުނެލިއެވެ. ކުކުރާލާފައި ވެސް އަރްސަލް އަމިއްލަ ހަށިގަނޑު ތެދުކުރިއެވެ. އޭނާގެ އަތުގައި ނިމްރާ ހިފަހައްޓާލައި ހުރެފައި އަރްސަލް ހަމަޖެހިލުމުން ދޫކޮށްލައިފިއެވެ. އަދި ސޫޕުތަށި ނަގާ އަރްސަލްއަށް ސަމްސަލުން ލަވާ ކާންދޭންފެށިއެވެ.
އިރުއޮއްސެން އުޅެނިކޮށް ރާދިން ގެއަށް އައި ގޮތަށް ފުރަތަމަ ވެސް ބެލީ އަރްސަލްގެ ހާލެވެ. ބޭހުގެ ގަޑި ހަމަވާއިރަށް އަރްސަލް ހުންގަދަވާކަން ނިމްރާ ބުނެލިއެވެ. ޝިހާނާއަށް ގުޅައިގެން އޭނާގެ ޚިޔާލެއް ރާދިން ހޯދިއެވެ. އޭނާ އެދުނީ ބޭސްދިނީމާ ހުން ތިރިވާނަމަ ގަޑިންގަޑިއަށް ބޭސް ދިނުމަށެވެ. ބޮލުގެ ރިހުން ނުފިލާ ގަދަވަމުންދާނަމަ ލަސްނުކޮށް އޭނާއަށް ގުޅުމަށެވެ.
"ރާދު! ދާންވީނު ނިދާލަން... އަހަރެން މަޑުކޮށްލަފާނަން... އަރްސަލްއަށް ހޭލެވުނީމާ ބޭސްދޭނަން... މާދަން އޮފީހަށް ވެސް ރާދު ނުކުންނަން ޖެހޭނެއެއްނު. އަރްސަލްނެތް އިރު ރާދުއެއްނު ހުންނާނީ ހުރިހާ ކަމެއް ބަލަހައްޓަން. އަހަރެން ހުރީމަ ރާދުއަށް ފަސޭހަވާނެއެއްނު" ވަރުބަލިވެފައި އިން ރާދިން ފެނި ނިމްރާ ބުނެލިއެވެ. އަރްސަލްގެ ހާލާ މެދު ރާދިން ކަންބޮޑުވާކަން އޭނާގެ މޫނުމަތިން ފާޅުވެއެވެ. ނުދާން އުޅެފައި ވެސް ނިމްރާގެ ބަސް ޤަބޫލުކުރީ މިވަގުތު އޭނާ އޮފީހަށް ނުނިކުމެ ހުރެގެން ކަމަކު ނުދާނޭކަން އެނގޭތީއެވެ.
"ކަމެއް ގޯސްވަންޏާ އަހަންނަށް ނިދިފައި އޮތަސް އަވަހަށް ގޮވައްޗޭ" ރާދިން އޭނާގެ ކޮޓަރިއަށް ދަމުން ބުނެލިއެވެ. ނިމްރާ ބޯޖަހާލަމުން އެއްބަސްވިއެވެ.
ރާދިން ނުކުމެގެން ދިއުމުން ނިމްރާ އަދިވެސް އެއްފަހަރު އަރްސަލްގެ ހުން ބަލާލިއެވެ. ބޭސްދިންތާ ގިނައިރެއްނުވާތީ އަދި ހުންމަޑު ނުވާނޭކަން ނިމްރާއަށް އެނގެއެވެ. އަރްސަލްގެ ރަޖާ ރަނގަޅު ކޮއްލާފައި ނިމްރާ ހިނގައިގަންނަން އުޅުނު ހިނދު އަރްސަލް ހަރަކާތެއްކޮއްލިހެން ހީވެ ނިމްރާ ބަލާލިއެވެ. އަރްސަލް ލޯ ހުޅުވާލާ ނިމްރާއަށް އަތްދިއްކޮށްލިއެވެ.
"ނިދާލީމަ އަވަހަށް ރަނގަޅުވާނެ... ނިދާލެވޭތޯ ބަލާ. އަހަރެން މި އިނީ ސޯފާގައި... އަރްސަލް ގޮވާލީމަ އަޑު އިވޭނެ" ނިމްރާ ބުނެލިއެވެ.
"ސްކާލެޓް!... ސްޓޭ ވިތް މީ... ބޭބީ ޕްލީޒް ސްޓޭ ވިތް މީ... ޓުނައިޓް.. ޑޯންޓް... ލީވް މީ އެލޯން" އަރްސަލް އަތްދިއްކޮށްލައިގެން އޮވެ ބުންޏެވެ. އިރުކޮޅަކު ބަލަން ހުރެފައި އެ އަތުގައި ނިމްރާ ހިފިއެވެ. ހުމުގެ ސަބަބުން އެ ދެއަތްތިލަ ވެސް އޮތީ ހޫނުވެފައެވެ. ނިމްރާގެ އަތްތިލައިގެ އިހުސާސް ކުރެވުނު ހިނދު އަރްސަލް ހިނިތުންވެލަމުން ދެ ލޯ މަރާލިއެވެ. އަދި ނިމްރާގެ އަތާއެކު އޭނާގެ އަތް ގެނެސް މެޔާ ކައިރިކޮށްލިއެވެ. (ނުނިމޭ)