ދިވެހި ސިނަމާ

ފިލްމަކުން މައީޝާ ފެންނަން ބޭނުން: ނަހުލާ

މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ ދެ ވަނަ ރަނަރަޕް މަރިޔަމް މައީޝާއަށް ލަވަކިޔުމުގެ އިތުރަށް އެކްޓުވެސް ކުރެވިދާނެ ކަމަށް މަޝްހޫރު ޕްރޮޑިއުސާ އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާ ބުނެފި އެވެ.

ނަހުލާ ރޭގައި ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނެފައި ވަނީ މައީޝާއަށް މޮޅު އެކްޓްރެސްއަކަށް ވެވިދާނެ ކަމަށާއި ފިލްމަކުން މައީޝާ ފެންނަން ބޭނުންވާ ކަމަށެވެ.

މައީޝާއަށް އެކި މީހުންގެ ފަރާތުން އަންނަނީ ތަފާތު އޮފާތައް ލިބެމުންނެވެ. އެގޮތުން ޓުވިޓާ މެދުވެރިކޮށް ބައެއް މީހުން މައީޝާއަށް ވަނީ ޔޯގާ ކުލާސްތަކާއި ޑައިވިން ކުލާސްތަކާއި އަދި ގިޓާ ކްލާސްތަކަށް ދިއުމަށް ހިލޭ ފުރަސަތުތައްވެސް ހުޅުވާލާފަ އެވެ.

ނަހުލާގެ ފިލްމުތަކުގައި މީގެ ކުރިންވެސް އައިޑޮލް އިން ވިދާލި ބައިވެރިންނަށް ފުރުސަތުތައް ދީފައިވެ އެވެ.

އެގޮތުން އެންމެފަހުން ނިކުތް ނަހުލާގެ އެންމެ ކާމިޔާބު ފިލްމު "ބޮސް" ގައި ސީޒަން އެކަކުން ވިދާލި ޝަލަބީ އިބްރާހިމްގެ ލަވައަކާއި ސީޒަން ދޭކުން ވިދާލި ހަމޫދް އަހްމަދު އަދި އަހްމަދު ނަބީލްގެ ލަވައެއްވެސް ހިމަނާފައިވެ އެވެ.