ބޭންކް އޮފް މޯލްޑިވްސްއިން ވަރުބަލިކަމެއްނެތި މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް އިތުބާރު ކުރެވޭ ބޭންކިން ހިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމަށެވެ. އެންމެންނަށް ބޭންކިން ހިދުމަތް ފޯރުކޮށްދިނުމުގެ އަމާޒާއެކު ބޭންކުންދަނީ ފަރުދުންނާއި ވިޔަފާރިތަކަށް ގިނަ ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ފައިސާ ނެގުން ނުވަތަ ފައިސާ ދެއްކުން ފަދަ އަސާސީ ބޭންކިންގ ޚިދުމަތްތައް ހޯދުމަށް މީގެ ކުރިން އަތޮޅުތެރޭގައި ކަސްޓަމަރުންނަށް ޖެހިފައިވަނީ ކައިރި ރަށަކަށް ދަތުރުކުރާށެވެ. ނުވަތަ ބޭންކުގެ އަންނަންދެން މަޑުކުރާށެވެ. ނަމަވެސް މިކަން މިހާރުވަނީ ވަރަށް ބޮޑަށް ބަދަލު ވެފައެވެ. 2013 ވަނަ އަހަރަށް ބަލާލާއިރުވެސް ބޭންކުގެ ހިދުމަތް ލިބެންހުރީ ހަމަ އެންމެ 24 ރަށަކުންނެވެ. އެހެންނަމަވެސް މިއަދު ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ބޭންކުގެ ބްރާންޗެއް، އޭޓީއެމްއެއް ނުވަތަ އެޖެންޓެއްގެ ހިދުމަތް ވަނީ ގާއިމުކުރެވިފަ އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 35 ސެލްފްސާވިސް ބޭންކިން ސެންޓާ، 95 އޭޓީއެމް، 5000 ޕީއޯއެސް މަރޗަންޓުން، 277 ކޭޝް އޭޖެންޓުން މެދުވެރިކޮށް ބީއެމްއެލް އިން ދަނީ ހިދުމަތް ދެމުންނެވެ.
ވޭތުވެދިޔަ އަހަރު ބޭންކުގެ ސެލްފް ސަރވިސް ސެންޓަރުތަކާއި އޭޓީއެމްތައް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ނެގުމަށް 10 މިލިއަން ޓްރާންސެކްޝަންވަނީ ހަދާފަ އެވެ. މީގެ ތެރެއިން 25 އިންސައްތައަކީ ޑިޕޮސިޓްކަމަށްވާއިރު މިކަމުން ގިނަ ބަޔަކު ބޭންކުގެ ހިދުމަތް ހޯދާގޮތް މިހާރު ބަދަލު ވެފައިވާކަން ފާހަގަ ކުރެވެއެވެ. އަދި ހަމަ އެހެން ބޭންކުގެ މޮބައިލް އާއި އިންޓަނެޓް ބޭންކިންގ ހިދުމަތާއެކު ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ބޭންކުގެ ކޮންމެ ޚިދުމަތެއްހެން ބޭނުންކުރުމުގެ މަގު މިހާރުވަނީ ފަހިވެފަ އެވެ.
ބޭންކުގެ އަހަރީ ރިޕޯޓަށް ބަލާއިރު އަލަށް 4.4 ބިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކުރެވިފައެވެ. މި ލޯނުތަކުން އެތަކެއް ދިވެހި ފަރުދުންނާއި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެވި އަދި ވަކިން ހާއްސަކޮށް ދޫކޮށްފައިވާ ލޯނު ފެންވަރަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަން ވެސް އެ ރިޕޯޓުަގއި ހާމަކޮށްފައިވެއެވެ. ބީއެމްއެލްގެ އުފެއްދުންތެރި ނޫން ލޯނުތަކުގެ ނިސްބަތް 4.1 ޕަސެންޓް އަށް ވަނީ ދަށްކުރެވިފަ އެވެ.
2017 ވަނަ އަހަރުގެ މެދު ތެރޭގައި ކަސްޓަމަރުންނަށް އެންމެބޮޑު ލުޔެއް ލިބިގެން ދިޔައީ ކަސްޓަމާ ސާވިސް އަށް ހާއްސަ ވަކި ސެންޓަރެއް ބޭންކުން ޤާއިމްކުރުމުންނެވެ. އެންމެ ޒަމާނީ ވަސީލަތްތަކާ އެކު އަމީނީ މަގު، މާލެ ސްކުއަރގައި ހުޅުވުނު މިސެންޓަރުގެ ސަބަބުން ކަސްޓަމަރުންނަށް ދެވޭ ހިދުމަތް އަވަސްވެ ކަސްޓަމަރުން ބޭންކުގައި ހޭދަކުރަންޖެހޭ ވަގުތު ވަރަށް ބޮޑަށް ވަނީ ކުޑަކުރެވިފަ އެވެ.
މީގެ އިތުރުން ބޭންކުން ފުޅާ ކުރަމުންގެންދާ އޭޓީއެމް ޚިދުމަތް މެދުވެރިކޮށް ލިބިދެވޭ ސެލްފް ސާވިސް ބޭންކިން މިހާރުވަނީ ކަސްޓަމަރުންގެ މެދުގައި ވަރަށް މަގުބޫލުވެފަ އެވެ. ވޭތުވެދިޔަ އަހަރު މި ވަސީލަތް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ނެގުމަށް 10 މިލިއަން ޓްރާންސެކްޝަން ހިނގިފައިވެ އެވެ. ޖުމްލަ ގޮތެއްގައި ބަލާއިރު މިފަދަ ކޮންމެ 10 އިން ނުވަ ޓްރާންސެކްޝަން މިހާރު ކުރެވެނީ އޮންލައިންކޮށް، އޭޓީއެމް، ކާޑު، އިންޓަނެޓް ނުވަތަ މޯބައިލް ބޭންކިންގ މެދުވެރިކޮށެވެ.
މީގެ އިތުރުން މާލޭގައި ގާއިމު ކުރެވިފައިވާ ޔޫއެސްޑީ އޭޓީއެމް ސެންޓަރުން މިދިޔަ އަހަރު ކަސްޓަމަރުންވަނީ 300 މިލިއަން ޑޮލަރު ނަގާފަ އެވެ. ހަމައެހެންމެ އޮންލައިންކޮށް ބުކިން ހެދުމުން ދަތުރުވެރިންނަށް ބީއެމްއެލްގެ އެއާޕޯޓް ކައުންޓަރުން ޑޮލަރުން ލިބޭ ޚިދުމަތުގެ ސަބަބުން ވޭތުވެދިޔަ އަހަރެއްހާ ދުވަސްތެރޭ ރާއްޖޭން ބޭރަށް ދަތުރުކުރި 94,000 އަށްވުރެ ގިނަ ދަތުރުވެރިންނަށްވެސް ވަނީ އެ ހިދުމަތުގެ ނަފާ ލިބިފަ އެވެ.