ކުޅިވަރު

އައިސީސީގެ އޭޝިއާގެ ކްރިކެޓް މަންދޫބަކަށް އަފްލާހް

ދުނިޔޭގެ ކްރިކެޓްގެ މައި ޖަމްއިއްޔާ (އައިސީސީގެ) އޭޝިއާގެ ރީޖަނަލް ރެޕްރެޒެންޓެންޓިވް މެންބަރަށް ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު އަފްލާހް އައްޔަން ކޮށްފި އެވެ.

މިއީ އައިސީސީގެ މަގާމަކަށް ރާއްޖޭގެ ބޭފުޅަކު އައްޔަން ކުރެވުނު ފުރަތަމަ ފަހަރެވެ. ރާއްޖެ އަކީ އައިސީސީގެ އެސޯސިއޭޓް މެންބަރެކެވެ. އައިސީސީގެ އެސޯސިއޭޓް މެންބަރުކަން ރާއްޖެއަށް ލިބުނީ ދާދި ފަހަކުންނެވެ.

ރާއްޖެއިން ވަނީ މިދިޔަ މަހު ކުވައިތުގައި ބޭއްވި އައިސީސީ ވޯލްޑް 20، 20 ކްރިކެޓް މުބާރާތުގެ ކޮލިފައިންގައި ވާދަ ކޮށްފަ އެވެ. އެއީ އައިސީސީގެ މުބާރާތެއްގައި ރާއްޖެއިން ވާދަ ކުރި ފުރަތަމަ ފަހަރެވެ.

އޭޝިއާގެ ރީޖަނަލް ރެޕްރެޒެންޓެންޓިވް މެންބަރު ކަމަށް ނަން ހުށަހެޅުމުގެ ފުރުސަތު، އޭޝިއާގެ 21 އެސޯސިއޭޓް މެންބަރު ގައުމަކަށް އޮތެވެ. ކްރިކެޓް ބޯޑުން ބުނީ އޭޝިއާގެ ރެޕްރެޒެންޓޭޓިވް މެންބަރު ކަމަށް އަފްލާހް ހޮވުނީ 80 ޕަސަންޓް ވޯޓާއެކު ކަމަށެވެ.

ކްރިކެޓަކީ ޓީމު އިވެންޓުން ރާއްޖެ އަށް ތައްޓެއް ގެނައި ފުރަތަމަ ކުޅިވަރެވެ. ރާއްޖެއިން ވަނީ 2005 ވަނަ އަހަރު ބޭއްވި އޭސީސީ އިމާޖިން ނޭޝަން ކްރިކެޓް މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ފައިނަލުގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މުބާރާތް ބޭއްވި ގައުމު ތައިލެންޑްގެ މައްޗަށް ރާއްޖެއިން ކުރި ހޯދީ 117 ރަން އިން ކާމިޔާބު ކޮށްގެންނެވެ. އަފްލާހް އަކީ އެ ޓީމުގައި ހިމެނުނު ކުޅުންތެރިޔެކެވެ.

މަގާމަށް އައްޔަން ވުމަށް ފަހު އޭނާ ބުނީ ރާއްޖޭގެ ކްރިކެޓަށް ބައިނަލްއަގްވާމީ ލެވަލްގައި އިތުރު ފުރުސަތުތައް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.