ހަބަރު

"ރަންދިހަފަހެއް" ނޫޓްތައް ޗާޕްކުރަން ޔޫކޭގެ ޑިލަ ރޫ ކުންފުނިން ފަށައިފި

May 22, 2015
1

މުޅިން އަލަށް ތައާރަފް ކުރާ ދިވެހި ރުފިޔާގެ ނޫޓް، "ރަންދިހަ ފަހެއް" ސީރީޒް ޕްރިންޓް ކުރުމުގެ މަސައްކަތް ، ނޫޓް ޗާޕްކޮށްދޭ އެންމެ ބޮޑު ކުންފުނި، އިނގިރޭސިވިލާތުގެ "ޑިލަ ރޫ" އިން ފަށައިފި އެވެ. މިއީ މިހާރު ބޭނުން ކުރާ ނޫޓްތައް ވެސް ޗާޕްކޮށްފައިވާ ކުންފުންޏެވެ. 

ދުނިޔޭގެ އެކި ގައުމުތަކުގައި ބޭނުން ކުރާ ފައިސާއާ ގުޅޭ މައުލޫމާތުތައް ގެނެސްދޭ ކޮއިން ވީކް މަޖައްލާއިން ބުނެފައި ވަނީ، މިއަހަރުގެ އޮކްޓޯބަރު މަހު ނެރެން ނިންމާފައިވާ ރުފިޔާގެ އާ ނޫޓްތައް ޕްރިންޓް ކުރަނީ ޑިލަ ރޫ ކުންފުނިން ދާދިފަހުން ތައާރަފް ކުރި ޕްލާސްޓިކް މެޓީރިއަލްއެއް ކަމަށްވާ ޕޮލިމާ ކަރުދާސް ބްރޭންޑް، ސޭފްގާޑް ގައި ކަމަށެވެ.

މިއީ މުޅިން އާ ނޫޓް ސީރީޒެއް ތައްޔާރުކުރުމަށް ޑިލަރޫ އިން ސޭފްގާޑް މަރުކާގެ ކަރުދާސް ބޭނުން ކުރާ ފުރަތަމަ ފަހަރުކަން ފާހަގަ ކުރެވެ އެވެ.

ތަންކޮޅެއް ހަރުކޮށް ޕްލާސްޓިކް މެޓީރިއަލް އެއްގައި މި ބާވަތުގެ ކަރުދާސް ހުންނަ އިރު، އެކި ގައުމުތަކުން މިފަހުން އަލަށް ތައާރަފްކުރި ނޫޓްތަކުގައި ބޭނުން ކުރަނީ މި ޒާތުގެ ކަރުދާހެވެ. އެއީ އެފަދަ ކަރުދާހުގައި ހުންނަ ނޫޓް ނަކަލުން ކުރަން އުނދަގޫވުމާއި ހަލާކުވާލެއް ލަސްވާތީ އެވެ.

އެ ނޫހުގައި އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް ވިދާޅުވެފައި ވަނީ، އާ ނޫޓްތައް ޗާޕް ކުރުމުގައި ޑިލަ ރޫ ކުންފުނީގެ އެހީތެރިކަމާއި އެއްބާރުލުން ލިބުމަކީ އެކަމާ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ. އަދި އާ ނޫޓްތަކަކީ ދިވެހިން ބަލައި ގަންނަ އެ މީހުން ހިތްހަމަ ޖެހޭ ނޫޓްތަކަކަށް ވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ވެސް އަޒީމާ ވިދާޅުވި އެވެ. ގަވަރުނަރު ވިދާޅުވި ގޮތުގައި ޑިލަ ރޫ އިން މި މުހިންމު މަޝްރޫއުގައި ބައިވެރިވުމަކީ އެ ޔަގީންކަން ބޮޑުވާ ކަމެކެވެ. 

ޑިލަރޫ އަކީ އިނގިރޭސިވިލާތުގައި އެންމެ ފަހުން ތައާރަފް ކުރި ނޫޓްތައް ވެސް ޗާޕް ކުރާ ކުންފުންޏަށް ވާއިރު، ދުނިޔޭގެ އެތައް ގައުމެއްގައި ބޭނުން ކުރާ ނޫޓް ޗާޕްކޮށްދެނީ އެ ކުންފުނިންނެވެ. މީގެ އިތުރުން ޕާސްޕޯޓާއި އެހެން ވެސް ބައެއް ކަހަލަ ސަލާމަތީ ލިޔުންތަކުގައި ބޭނުން ކުރާ ކަރުދާހާއި އެހެން ވެސް ބައެއް ލިޔުންތައް މި ކުންފުނިން ތައްޔާރުކޮށްދެ އެވެ.

ޑިލަ ރޫ އިން ހާމަކޮށްފައިވާ ގޮތުގައި ނޫޓްތައް ޗާޕް ކުރުމުގެ މަރުހަލާގައި، އެ ނޫޓްތައް ފަރުމާކުރި ދިވެހި ޒުވާނާ، އަބްދުﷲ ނަޝާތުގެ އެހީތެރިކަން އަންނަނީ ހޯދަމުންނެވެ. އޭގެ ސަބަބުން އެ ނޫޓްތަކުގެ އަސްލު ފަރުމާއަށާއި ދިވެހި ވަންތަކަމަށް ބަދަލެއް ނާންނާނެ އެވެ.

ރަންދިހަފަހެއް ނޫޓްގެ ޑިޒައިން ހޮވާފައި ވަނީ އެކަމަށް ބޭއްވި މުބާރާތަކުންނެވެ.

"މި ރީތި ނޫޓްތައް ޗާޕްކޮށް ނެރުމުގެ މަސައްކަތުގައި އެމްއެމްއޭއާ އެކު އެއްބާރުލުން ދީގެން މަސައްކަތް ކުރުމަކީ ލިބޭ އުފަލެއް. އަދި މި ކަމުގައި މި ކުންފުންޏަށް ބެހެއްޓި އިތުބާރަށް ޝުކުރު އަދާކުރަން،" ޑިލަ ރޫގެ ސޭލްސް ޑައިރެކްޓާ ރޫތް އޫލިންގް ވިދާޅުވެފައިވެ އެވެ.

ރަންދިޔަ ފަހެއްގެ ސީރީސްގައި ނެރެނީ 10ރ. އާއި 20ރ. އަދި 500ރ. ގެ ނޫޓުގެ އިތުރުން ރާއްޖެއަށް އަލަށް ނެރޭ 1،000ރ. ގެ ނޫޓެވެ. މި އަހަރުގެ އޮކްޓޫބަރު މަހު 10ރ. އާއި 50ރ. އަދި 1،000ރ. ގެ ނޫޓު ތައާރަފު ކުރާނެ އެވެ. އަދި 20ރ. އާއި 100ރ. އަދި 500ރ. ގެ ނޫޓު ތައާރަފު ކުރާނީ އަންނަ އަހަރެވެ.