ފެޝަން

އައިޝްވާރިޔާގެ ކޮކާ ހެދުމަށް ލޯތައް ހުއްޓިއްޖެ

މިދިޔަ އަހަރު ކާންސް ފިލްމު ފެސްޓިވަލުގެ ރެޑް ކާޕެޓްގައި އައިޝްވާރިޔާ ރާއީ ބައްޗަން ލީ ހެދުން ހަޑިވެގެން ގިނަ ބައެއްގެ މަލާމަތް އޭނާ އަށާއި ޑިޒައިނަރަށް ރައްދުވި އެވެ. ސިންދްރެއްލާ ސްޓައިލް އައުޓްފިޓެއްގައި މިދިޔަ އަހަރު އައިޝްވާރިޔާ ހުރި އިރު އެންމެ ގިނަ ބަޔަކަށް ޖޯކަކަށްވީ އޭނާ ކޮށްފައި ހުރި މޭކަޕާއި ހެދުމާއި ދިމާނުވުމެވެ.

މިސް ވޯލްޑް އައިޝްވާރިޔާ މިއަހަރުގެ ރެޑް ކާޕެޓަށް އައީ އޭނާގެ އެ ހައިސިއްޔަތު އަނެއްކާ ދިފާއުކުރުމަށެވެ. މިދިޔަ އަހަރު ކުރިމަތިވި މަލާމާތައް ރައްދުދިނުމަށް މުޅިން ތަފާތު އަދި އެންމެ ހައިރާންކޮށްލާފަދަ ހެދުމެއްގަ އެވެ.

މިފަހަރު ރެޑް ކާޕެޓަށް އޭނާ ލީ ދަނބުގެ އެކި ކުލަތައް ހުންނަ ކޮކާ ހެދުމެކެވެ. ރެޑް ކާޕެޓުގައި އޭނާ ހިނގިފަހުން މި ހެދުމުގެ ވާހަކަ އަންނަނީ ވަރަށް ގަދައަށް ދެކެވެމުންނެވެ. މި ހެދުން ފެއްސުމަށް ތިން ހާސް ގަޑިއިރު ހޭދަކޮށްފައިވެ އެވެ. ހެދުން ފަރުމާކުރީ ފިލިޕިންސުގެ ފެޝަން ޑިޒައިނަރެއްކަމަށްވާ މިިޝޭލް ޗީންކޯ އެވެ.

އައިޝްވާރިޔާ ދާދިފަހުން ހުޅުވި އޭނާގެ އިންސްޓަގުރާމް އެކައުންޓުގައިވެސް މި ހެދުމުގެ ފޮޓޯތަކާއި ވީޑިއޯތައް އަންނަނީ ހިއްސާކުރަމުންނެެވެ. މި ހެދުމަށް ގިނަ ބައެއް ސަމާލުކަން މިހާރު ވަނީ ހުއްޓިފަ އެވެ.