މެޗަކުން ބަލި ނުވެ ސްޕެނިޝް ލީގް ނިންމާލުމަށް ޗެމްޕިއަން ބާސެލޯނާއިން އަޒުމު ކަނޑައެޅި ނަމަވެސް ލެވަންޓޭ އަތުން 5-4 ބާސެލޯނާ ބަލި ވެއްޖެ އެވެ.
ސްޕެނިޝް ލީގް ތާރީހްގައި، މެޗަކުން ބަލި ނުވެ ލީގް ނިންމާލާފައި ވަނީ ރެއާލް މެޑްރިޑުންނެވެ. އެ ޓީމުން ވަނީ 1931/1932 ސީޒަންގައި މެޗަކުން ބަލި ނުވެ ލީގް ނިންމާލާފަ އެވެ. އޭރު ލީގްގައި ވާދަ ކުރެވޭނީ 10 ޓީމަށެވެ. ނަމަވެސް 20 ޓީމަށް ވާދަ ކުރެވޭ ގޮތަށް ލީގްގެ ގަވާއިދަށް ބަދަލު ގެނައި ފަހުން އެއްވެސް ޓީމަކުން މެޗަކުން ބަލި ނުވެ ލީގް ނިންމާލެވިފައެއް ނުވެ އެވެ.
މެޗުގައި ބާސެލޯނާ އަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ވައިސް ކެޕްޓަން ލިއޮނަލް މެސީ ނުކުޅުމެވެ. މެސީ ނުކުޅޭ މެޗުތަކުގައި ބާސެލޯނާ އަށް އަބަދުވެސް މައްސަލަ ކުރިމަތި ވެއެވެ. ނަމަވެސް ރޭގެ މެޗުގައި ފިލިޕޭ ކްޓީނިއޯ ވަނީ ހެޓްރިކު ހަދާފަ އެވެ. ލެވަންޓޭގެ އެމެނުއެލް ބޯޓެންގް ވެސް ވަނީ ހެޓްރިކު ހަދާފަ އެވެ.
ލެވަންޓޭއިން ވަނީ ފުރަތަމަ 30 މިނެޓް ތެރޭގައި ދެ ލަނޑުގެ ލީޑެއް ނަގާފަ އެވެ. ފުރަތަމަ ލަނޑު ހަ ވަނަ މިނެޓްގައި ކާމިޔާބު ކުރީ ބޯޓެންގް އެވެ. ދެ ވަނަ ލަނޑު އޭނާ ކާމިޔާބު ކުރީ 30 ވަނަ މިނެޓްގަ އެވެ. ބާސާގެ ފުރަތަމަ ލަނޑު 39 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ކްޓީނިއޯ އެވެ.
ދެ ވަނަ ހާފުގެ ފުރަތަމަ 10 ވަރަކަށް މިނެޓް ތެރޭގައި ލެވަންޓޭއިން ތިން ލަނޑު ޖެހި އެވެ. އެ ޓީމުގެ ތިން ވަނަ ލަނޑު ދެ ވަނަ ހާފުގެ ފުރަތަމަ މިނެޓްގައި ކާމިޔާބު ކުރީ އެނިސް ބާރުދީ އެވެ. ބޯޓެންގް ހެޓްރިކް ހެދީ 49 ވަނަ މިނެޓްގަ އެވެ. އެ ޓީމުގެ ފަސް ވަނަ ލަނޑު 56 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ބަރުދީ އެވެ.
ބާސާގެ އަނެއް ތިން ލަނޑު ކާމިޔާބު ކުރީ ކްޓީނިއޯގެ އިތުރުން ލުއިސް ސުއަރޭޒް އެވެ. ކްޓީނިއޯ ލަނޑު ޖެހީ 59 ވަނަ މިނެޓާއި 64 ވަނަ މިނެޓްގައެވެ. ލިބުނު ޕެނަލްޓީ އަކުން ސުއަރޭޒް ލަނޑު ކާމިޔާބު ކުރީ 71 ވަނަ މިނެޓްގަ އެވެ.
ސްޕެނިޝް ލަލީގަގައި ކޮންމެ ޓީމަކަށްވެސް ބާކީ އޮތީ އެންމެ މެޗެކެވެ.