ކުޅިވަރު

ނުވާނެ ކަމަށް ބުނުމުން، ސާބިތުކޮށްދިނީ ބޮޑު ރެކޯޑަކުން

ލިވަޕޫލްގައި ޕްރިމިއާ ލީގްގައި، ފުރަތަމަ ސީޒަން ސަލާހް ހޭދަ ކުރި ނަމަވެސް، އެ ޓީމުގެ މިސްރުގެ ފޯވަޑް މުހައްމަދު ސަލާހް އަކީ ޕްރިމިއާ ލީގަށާއި އިނގިރޭސި ފުޓްބޯޅައަށް އާ ކުޅުންތެރިޔެއް ނޫނެނެވެ.

ޗެލްސީއަށް އޭނާ ގުޅުނީ 2014 ވަނަ އަހަރު އެވެ. ނަމަވެސް އޭނާގެ ކިބައިގައި އޭރު އެކަށީގެންވާ ހުނަރު ނެތް ކަމަށް ބުނެ ޗެލްސީން އޭނާ އެހެން ޓީމުތަކަށް ލޯނަށް ދޫކުރީ އެވެ. ރޯމާ ދޫކޮށް ލިވަޕޫލަށް އޭނާ ބަދަލުވީ މި ސީޒަން ފެށުމުގެ ކުރިންނެވެ. ރޯމާއާ ފުރަތަމަ ގުޅުނީވެސް ލޯން އުސޫލުންނެވެ.

ލިޕްރިމިއާ ލީގްގައި ގަވާއިދުން ބަރާބަރަށް އޭނާ ކުޅުނު ފުރަތަމަ ސީޒަން ނިންމާލީ ޕްރިމިއާ ލީގްގެ ބޮޑު ރެކޯޑަކުންނެވެ. ރޭ ބްރައިޓޮން އާ ދެކޮޅަށް ކުޅުނު މެޗުގައި ސަލާހް ޖަހައިދިން ލަނޑާއެކު އޭނާ ވެފައިވަނީ އެއް ސީޒަނެއްގައި ޕްރިމިއާ ލީގްގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ އަށެވެ.

މި ސީޒަންގެ ޕްރިމިއާ ލީގް އޭނާ ނިންމާލީ 32 ލަނޑު ޖަހައިގެންނެވެ. އެ އަދަދަށް ލަނޑު ޖަހައިގެން އޭނާ ވަނީ ޕްރިމިއާ ލީގް ތާރީހްގައި ކުޅުނު އެންމެ މަޝްހޫރު ކުޅުންތެރިންގެ ރެކޯޑް މުގުރާލާފަ އެވެ. އެ ކުޅުންތެރިންގެ ތެރޭގައި މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އެލަން ޝިއޭރާވެސް ހިމެނެ އެވެ. އަދި ލިވަޕޫލްގެ ކުރީގެ ފޯވަޑް ލުއިސް ސުއަރޭޒްވެސް ހިމެނެ އެވެ. މި ކުޅުންތެރިން ވަނީ އެއް ސީޒަންގައި ލީގްގައި 31 ލަނޑު ޖާހަފަ އެވެ.

އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ އިތުރަށް ސަލާހް ވަނީ، މި ސީޒަންގައި އިނގިރޭސި ފުޓްބޯޅައިގައި މައިގަނޑު ހުރިހާ އެވޯޑެއް ހޯދާފަ އެވެ. އެއީ ޕްރޮފިޝަނަލް ފުޓްބޯލާސް އެސޯސިއޭޝަންގެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި ފުޓްބޯޅަ ނޫސްވެރިންގެ އެފްޑަބްލިއު އެވޯޑެވެ. މި ސީޒަންގައި ހުރިހާ މުބާރާތްތަކެއްގައި އޭނާ ވަނީ 44 ގޯލް ޖާހަފަ އެވެ.

"އެމީހުން [ޗެލްސީ] ބުނި އަހަންނަށް ފުރަތަމަ މިތާންގައި [އިންގްލެންޑް ގައި] ނުވާނެޔޭ، އެހެންވެ އަހަރެންގެ ސިކުނޑީގައި އިން ޕްރިމިއާ ލީގްގައިވެސް އަހަންނަށް ވާނެ ކަން ސާބިތު ކޮށްދޭނަމޭ،" ރަންބޫޓްގެ އެވޯޑް ހޯދުމަށް ފަހު ސަލާހް ބުންޏެވެ. "އަހަރެން ވަރަށް އުފާވޭ، އަހަރެން ވަރަށް ފަހްރުވެރިވަން މި އެވޯޑް ހާސިލު ކުރެވުމުން."

މިހާހިސާބުން ލިވަޕޫލަށް އަދި ސީޒަން ނުނިމެ އެވެ. މި މަހު 26 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ޔޫއެފްއާ ޗެމްޕިއަންސް ލީގް ފައިނަލު މެޗު އެބައޮތެވެ. ފައިނަލުގައި އެޓީމު ވާދަ ކުރާނީ މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ދެކޮޅަށެވެ.