ދިރާގަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 11.81ރ. ބަހަން މިރޭ ނިންމައިފި އެވެ.
ކުރުނބާ މޯލްޑިވްސްގައި ދިރާގުން މިހާރު ކުރިއަށް ގެންދާ އެ ކުންފުނީގެ 29 ވަނަ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުންގެ 92 ޕަސެންޓް ވޯޓުން ފާސްކޮށްފައިވަނީ އެ ކުންފުންޏަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި ލިބުނު 897.6 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހާށެވެ. އެއީ ކޮންމެ ހިއްސާއަކަށް 11.81ރ. އެވެ.
އެ ކުންފުނިން މިރޭ ބޭއްވި އަހަރީ އާއްމު ޖަލްސާއަށް 116 ހިއްސާދާރުން ހާޒިރުވި އެވެ. މިގޮތުން ޖަލްސާގައި ހުރިހާ އައިޓަމް ތަކަށް ވެސް ވޯޓުލާފައިވަނީ "ފަހިވޯޓް" ސިސްޓަމުންނެވެ.
ދިރާގުގެ އަހަރީ އާއްމު ޖަލްސާގައި ޗެއާމަން މުހައްމަދު އަޝްމަލީ ވިދާޅުވީ މިދިޔަ އަހަރަކީ ކުންފުނިން އާ ގިނަ ހިދުމަތްތަކެއް ތައާރަފުކުރި އަހަރެއް ކަމަށާއި މި އަހަރުވެސް އާ ހިދުމަތްތައް ފެނިގެންދާނެ ކަމަށެވެ.
ދިރާގުން މިރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި ކުރިއަށް އޮތް އަހަރަށް ކުންފުނި އޮޓިޑް ކުރުމަށް ނަގާފައިވަނީ މަޝްހޫރު އޮޑިޓްފާމް ކޭޕީއެމްޖީ އެވެ. އަދި އާއްމު ހިއްސާދާރުން ތަމްސީލްކުރާ ޑިރެކްޓަރުގެ މަގާމަށް ހޮވާފައިވަނީ މިދިޔަ އަހަރުވެސް އެ މަގާމުގައި ހުންނެވި އިމްރާން އަލީ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނި، ކަމަށްވާ ދިރާގަށް މިދިޔަ އަހަރު 898 މިލިއަން ރުފިޔާގެ ބޮޑު ފައިދާއެއް ވަނީ ލިބިފަ އެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޓެކުހަށް ކެނޑުމުގެ ކުރިން އެއް ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ދިރާގަކީ ބަހުރެއިންގެ ބަޓެލްކޯގެ 52 ޕަސެންޓް ހިއްސާ އާއި ދިވެހި ސަރުކާރުގެ 41.2 ޕަސެންޓް ހިއްސާ އަދި އާއްމު ހިއްސާދާރުންގެ 6.2 ޕަސެންޓް ހިއްސާ ތަމްސީލްކުރާ ކުންފުންޏެވެ. އެ ކުންފުނީގައި މިހާރު ހަތަރު ލައްކަ އަށް ވުރެ ގިނަ ކަސްޓަމަރުން އެބަތިއްބެވެ.