ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށް އަލުން އާއިލީ ބައްދަލުވުންތައް ދޭން ފުލުހުން ނިންމައިފި އެވެ. އާއިލީ ބައްދަލުވުންތައް ދިނުން ހުއްޓާލިކަން މައުމޫންގެ ވަކީލުން މިއަދު ކަށަވަރުކޮށްދީފައިވެ އެވެ.
މައުމޫންގެ އާއިލާގެ ފަރާތުން ވާހަކަދެއްކެވި ބޭފުޅަކު މިއަދު ވިދާޅުވީ މައުމޫންގެ އާއިލީ ބައްދަލުވުމާއި ފޯން ކޯލް ދިނުން މެދުކަނޑާލާފައިވާ ކަމަށް މިއަދު ވަކީލުންނަށް އެންގި ކަމަށެވެ. ނަމަވެސް އާއިލާގެ ފަރާތުން، އަނބިކަބަލުން ނަސްރީނާ އިބްރާހިމް ފުލުހުންނަށް ފަހުން ގުޅުމުން ބުނެފައި ވަނީ އެގޮތަށް އެންގުނީ އޮޅުމަކުން ކަމަށާއި އާއިލީ ބައްދަލުވުމަށް އެދެން އަލުން ފޯމް ލުމަށެވެ. އަދި ފޯމް ލުމުން މާދަމާއަށް ބައްދަލުވުން ހަމަޖައްސާފައިވާ ކަން ކަށަވަރިކޮށްދެއްވި އެވެ.
މައުމޫންގެ ވަކީލް، މައުމޫން ހަމީދު ވިދާޅުވި ގޮތުގައި އާއިލީ ބައްދަލުވުމާއި ފޯން ކޯލް ދިނުން ހުއްޓުވާލީ ކޯޓްގެ ޝަރީއަތަށް މައުމޫން ހާޒިރުކުރުމަށް ފުލުހުން ކުރާ މަސައްކަތަށް މައުމޫން އެއްބާރުލުން ނުދެއްވާ ކަމަށް ވިދާޅުވެ އެވެ. އަދި އެގޮތުން މި މަހުގެ 28 ވަނަ ދުވަހާ ހަމަޔަށް އެ ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ފުލުހުން އެންގި ކަމަށް ވެސް މައުމޫން ހަމީދު ވަނީ ވިދާޅުވެފަ އެވެ.
މިދިޔަ ދެ ހަފްތާގެ ތެރޭގައި މައުމޫންގެ ޝަރީއަތްތައް ތަކުރާރުކޮށް ތާވަލްކުރި ނަމަވެސް، މައުމޫންގެ ސިއްހީ ހާލުކޮޅު ހުރިގޮތުން އެ ޝަރީއަތްތައް ހިންގޭ ގޮތް ވަނީ ނުވެފަ އެވެ.
މައުމޫންގެ އާއިލާއިން ބުނެފައި ވަނީ، ބޮލަށް އެނބުރުން އެރުމުގެ ބަލި، ބެނިން ޕެރޮގްޒީމަލް ޕޮޒިޝަނަލް ވާޓިގޯ (ބީޕީޕީވީ) ގެ ސަބަބުން އެމަނިކުފާނުގެ ބޯ އަނބުރައި ގަނެގެން ވެއްޓުމުގެ ފުރުސަތު އޮތް ކަމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޒަރޫރީ ބައެއް ކަންކަން މައުމޫން އަމިއްލައަށް ނުކުރެވޭ ކަމަށެވެ. އެމަނިކުފާނު ގެޔަށް ބަދަލުކޮށް ދިނުމަށް އާއިލާއިން ތަކުރާރުކޮށް ފުލުހުންގެ ކިބައިން އެދުނު ނަމަވެސް ސަރުކާރުން ވަނީ އެކަމަށް ބީރު ކަންފަތެއް ދީފަ އެވެ.