މި ސުވާލުގެ ޖަވާބު ބޭނުން ނުވާނެ އެތައް ބަޔަކު އަހަރެމެންގެ ތެރޭގައި އުޅޭނެ އެވެ. އެއީ ކޮންމެ ދުވަހަކަށް ވިޔަސް އެއީ ބަޔަކު ފޯރި ނަގާފައި ފާހަގަކުރާ އީދަކަށް ވާތީ އެކަން ކުރާ މީހުން އެބަ އުޅެ އެވެ. ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ އާއި ހަދިޔާ ވެސް ފޮނުވަ އެވެ.
މިއީ ދީނީ ދަރުސެއް ނޫނެވެ. އެކަމަކު ކްރިސްޓިއަނުން މި ދުވަހާ ބެހޭ ގޮތުން ދައްކާފައި ހުންނަ ދެކޮޅުނުޖެހޭ ބައެއް ކަންކަން ފާހަގަކޮށްލަނީ އެވެ.
މިއީ ކްރިސްޓިއަނުން ފާހަގަކުރާ ދުވަހެކެވެ. އެކަމަކު ހުޅަނގުގައި މާ މަޝްހޫރު ދުވަހަކަށް ވާތީ، ހުޅަނގުގެ އަވާގައި ޖެހި މި ދުވަސް ހުރިހާ ދީންތަކެއްގެ މީހުންގެ މެދުގައި ވެސް މިހާރު ފާހަގަކުރާކަން އެއީ ހަގީގަތެކެވެ.
ޑިސެމްބަރު މަހުގެ 25 ވަނަ ދުވަސް ފާހަގަކުރަނީ އީސާގެފާނުގެ އީދުމީލާދުގެ ގޮތުގަ އެވެ. އީސާގެފާނަކީ މާތް ރަސްކަލާނގެ ފޮނުއްވި ރަސޫލެއް ކަމަށް ވިޔަސް ކްރިސްޓިއަނުން ވަނީ އެކަލޭގެފާނަކީ ކަލާނގެއެއް ކަމަށް ހަދައިފަ އެވެ. މާތްﷲގެ އެއްކައުވަންތަކަން ކްރިސްޓިއަނުން ގަބޫލެއް ނުކުރެ އެވެ. އީސާގެފާނަކީ މާތްﷲގެ ދަރިކަލެއް ކަމަށް ބުނެ އިންސާނަކަށް އަޅުކަންކުރަނީ އެވެ.
ބަފައިކަލަކު މެދުުވެރިނުވެ މަރިޔަމްގެ ފާނަށް މާތްﷲ ދެއްވި ދަރިކަލުން ކަމަށްވާ އީސާގެފާނު ދުނިޔެއަށް ވަޑައިގަތީ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކަމަށް ކްރިސްޓިއަނުން ވެސް ގަބޫލު ނުކުރުމަކީ އެންމެ ހެއްވާ ކަންތަކެވެ. ކްރިސްޓިއަނުންގެ ފޮތްތަކުގައި ވެސް އަދި އެހެން ދީނެއްގެ އަދި އިލްމުވެރިންގެ ފޮތްތަކުގައި ވެސް އީސާގެފާނުގެ އުފަންދުވަސް އެނގޭކަށް ނެތެވެ. ކްރިސްޓިނައުންގެ ފޮތް ބައިބަލްގައި ވެސް އީސާގެފާނުގެ އުފަންދުވަސް އެނގެން ނެތް އިރު އެއީ އަހަރުގެ ކޮން ދުވަސްވަރެއް ކަމެއް ވެސް އެނގޭކަށް ނޯވެ އެވެ.
"ކްރިސްމަސް" މި ބަސް އިނގިރޭސި ބަހުގެ އެވޭލާ ފޮތްތަކުގައި އީސާގެފާނު ދުނިޔެ އަށް ވަޑައިގަތުމުގެ 1038 އަހަރު ކުރިން ވެސް ބޭނުންކޮށްފައިވާ ކަމަށް ތާރީހު އިލްމުވެރިން ވިދާޅުވެ އެވެ. ޑިސެމްބަރު 25 އަކީ އީސާގެފާނުގެ އުފަން ދުވަސްކަން އެނގޭނެ އެއްވެސް ގޮތެއް ނެތްކަމަށް ކްރިސްޓިއަން ދީނުގެ އިސް ފާދިރީން ވެސް ގަބޫލުކުރެ އެވެ. އީސާގެފާނުގެ އީދުމީލާދުގެ ގޮތުގައި އެކި ޒަމާނުގައި އެކި ދުވަސް ކްރިސްޓިއަނުން ފާހަގަކޮށްފައިވެ އެވެ. އެގޮތުން ޖެނުއަރީ 6 ގައި ވެސް މި ދުވަސް ފާހަގަކޮށްފައިވެ އެވެ. ކްރިސްމަސް ދުވަސް ޑިސެމްބަރު 25 އަށް ބަދަލުވި ކަމަށް ވަނީ އީސާގެފާނު ދުނިޔެ އަށް ފޮނުއްވުނުތާ 300 ވަރަކަށް އަހަރު ފަހުންނެވެ. އޭގެ ކުރިން ފާހަގަކުރީ ޖެނުއަރީ 6 ވަނަ ދުވަހެވެ.
ކްރިސްޓިއަން ދީނުގެ އިސް މީހުން ގަބޫލުކުރާ ގޮތުގައި ކްރިސްމަސްގެ ގޮތުގައި ޑިސެމްބަރު 25 ފާހަގަކުރަނީ މާކުރީ ޒަމާނެއްގައި އޭރުގެ އެކި ދީންތަކުގެ މީހުންގެ ފާހަަގަކުރި ދީނީ ދުވަސްތަކެއް ކްރިސްޓިއަން ދީނުގެ އާދަކާދައެއްގެ ގޮތުގައި ޒަމާނާ އެކު ބަދަލުވެގެން ދިއުމުންނެވެ. އެހެންވެ މި ދުވަހާ އީސާގެފާނުގެ އުފަން ދުުވަހާ ގުޅުމެއް ނެތެވެ. އެކަމަކު އީސާގެފާނުގެ އުފަން ދުވަހުގެ ގޮތުގައި ޑިސެމްބަރު 25 ގިނަ ބަޔަކަށް ގަބޫލުކުރެވުމުން އެ ދުވަހަކީ އީސާގެފާނުގެ އުފަންދުވަސް ފާހަގަކުރާ ދުވަހުގެ ގޮތުގައި ހަދައިގެން ތިބީ އެވެ.
މިއީ އީސާގެފާނުގެ އުފަން ދުވަހާ ގުޅުމެއް ނެތް ދުވަހެއް ކަމަށް ބުނި ނަމަވެސް އެ ދުވަހު ފައްޅިތަކާއި ކްރިސްޓިއަނުންގެ ހަފުލާތަކުގައި ކިޔާ ދީނީ ލަވަތަކުގައި ހުންނަނީ އީސާގެފާނު ދުނިޔެއަށް ފޮނުއްވުމާ ގުޅުވައިގެންނެވެ.
އީސާގެފާނަކީ މާތްﷲގެ ރަސޫލެއް ކަމަށް ގަބޫލު ނުކޮށް އިސްލާމްކަން ފުރިހަމައެއް ނުވާނެ އެވެ. ކަން މިހެން އޮތްއިރު އީސާގެފާނާ ބެހޭ ގޮތުން ބަޔަކު އަމިއްލަ އަށް ވާހަކަތަކެއް ހަދައި، އެކަލޭގެފާނުގެ އުފަން ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެއްގެ ތެރެއަށް އަހަރެމެން ގެނބިގެން ދިއުމަކީ ކޮންކަހަލަ ކަމެއްކަން ހަމަ ބުއްދިއެއް ހުރި ކޮންމެ މީހަކަށް ވިސްނޭނެ އެވެ. ނުވިސްނޭ ނަމަ ދީނީ އިލްމުވެރިންގެ ބަސް ހޯދާށެވެ.